Roadha Mihaaru
ފޭސްބުކް/އިންސްޓަގްރާމްގައި އޭއައި ފޮޓޯތައް ލޭބަލްކުރަނީ

ފޭސްބުކް އަދި އިންސްޓަގްރާމްގައި އޭއައި ފޮޓޯތައް އެނގޭ ގޮތަށް ލޭބަލްކުރަނީ

07 ފެބުރުއަރީ 2024

ފޭސްބުކް، އިންސްޓަގްރާމް އަދި ތްރެޑްސްގައި ޕޯސްޓްކުރާ، އެހެން ކުންފުނިތަކުގެ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޓޫލްތަކުން އުފައްދާ ފޮޓޯތައް އެނގޭ ގޮތަށް ލޭބަލްކުރަން ފަށާނެ ކަމަށް އެ ޕްލެޓްފޯމްތައް ހިންގާ މެޓަ ކުންފުނިން ބުނެފި އެވެ.

ފޭސްބުކް، އިންސްޓަގްރާމް އަދި ތްރެޑްސްގައި ޕޯސްޓްކުރާ، އެހެން ކުންފުނިތަކުގެ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޓޫލްތަކުން އުފައްދާ ފޮޓޯތައް އެނގޭ ގޮތަށް ލޭބަލްކުރަން ފަށާނެ ކަމަށް އެ ޕްލެޓްފޯމްތައް ހިންގާ މެޓަ ކުންފުނިން ބުނެފި އެވެ.

މެޓައިން މިހާރުވެސް އެ ކުންފުނީގެ އަމިއްލަ ސިސްޓަމުން އުފައްދާ އޭއައި ފޮޓޯތަކުގައި، އެއީ އޭއައި އިން ޖެނެރޭޓްކޮށްފައިވާ ފޮޓޯއެއްކަން އެނގޭ ގޮތަށް ލޭބަލްކުރެ އެވެ. މެޓަ ކުންފުނިން ބުނީ މިއީ ފޭކް ކޮންޓެންޓް ފަސޭހައިން ދެނެގަތުމަށް އެހީވުމަށް އެޅޭނެ މުހިންމު ފިޔަވަޅަކަށް ވާނެ އެވެ.

އެކަމަކު އޭއައިގެ ތަޖުރިބާކާރުން ބުނަނީ މިއީ ވަރަށް ފަސޭހައިން، އޮޅުވާލެވޭނެ ޓޫލްއެއް ކަމަށެވެ.

މެޓަ ކުންފުނީގެ ސީނިއާ އެގްޒެކަޓިވް ސާ ނިކް ކްލެގް ބްލޮގް ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި އޭއައި ފޭކް ފޮޓޯތައް އެނގޭ ގޮތަށް ލޭބަލްކުރަން ކުރިއަށް އޮތް ދެތިން މަހެއްގެ ތެރޭގައި ފަށާނެ އެވެ. ރޮއިޓާސްއާ ވާހަކަ ދައްކަމުން އޭނާ ބުނީ މިގޮތަށް ފޮޓޯތަކުގައި ލޭބަލްކުރަން ފަށާއިރު އެކަމަށް ބޭނުންކުރާ ޓެކްނޮލޮޖީ އަދި އެންމެ ފައްކާ ނުވާ ކަމަށާއި އެކަމަކު މިއީ ހުރިހާ ކުންފުނިތަކުން ވެސް އެކަން ފަށަންވީ ވަގުތު ކަމަށެވެ.

އެކަމަކު ޔުނިވަސިޓީ އޮފް މެރީލޭންޑުގެ ރިލަޔަބްލް އޭއައި ލެބްގެ ޕްރޮފެސަރު ސޮހެއިލް ފެއީޒީއާ ހަވާލާދީ ބީބީސީގައި ބުނެފައިވަނީ އޭއައިގެ ފޭކް އިމޭޖްތައް އެނގޭ ގޮތަށް ޓޫލްއެއް ޓްރެއިން ކުރެވިދާނެ ކަމަށާއި އެކަމަކު އެ ޓޫލްތަކަށް އޮޅުވާލުމަކީ ވަރަށް ފަސޭހަ ކަމަކަށް ވާނެ ކަމަށެވެ، އެހެންވެ، ފޭކް ފޮޓޯ ދެނެގަތުމަށް ބޭނުންކުރާ ޓެކްނޮލޮޖީގެ ތެރެއިން ބޮޑެތި އޮޅުންތަކެއް އެރުން އެކަށީގެންވާ ކަމަށް ވަނީ ބުނެފަ އެވެ.