Roadha Mihaaru
ޕޯސްޓްތައް ރިމޫވްކުރާތީ މެލޭޝިއާއިން މެޓައާ ސުވާލުކޮށްފި

ހަމާސްގެ ލީޑަރުގެ ވާހަކަ ހިމެނޭ ޕޯސްޓްތައް ރިމޫވްކުރާތީ މެލޭޝިއާއިން މެޓަ ކުންފުންޏާ ސުވާލުކޮށްފި

06 އޯގަސްޓް 2024

މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމް ހަމާސްގެ ލީޑަރު އިސްމާއިލް ހަނިއްޔާގެ މަރާ ގުޅޭ ގޮތުން ފޭސްބުކާއި އިންސްޓަގްރާމްގައި ކުރެއްވި ޕޯސްޓްތައް ރިމޫވްކޮށްފައި ވާތީ މެޓަ ކުންފުނީގެ މަންދޫބުން ހާޒިރުކޮށް ސުވާލުކޮށްފި އެވެ.

މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމް ހަމާސްގެ ލީޑަރު އިސްމާއިލް ހަނިއްޔާގެ މަރާ ގުޅޭ ގޮތުން ފޭސްބުކާއި އިންސްޓަގްރާމްގައި ކުރެއްވި ޕޯސްޓްތައް ރިމޫވްކޮށްފައި ވާތީ މެޓަ ކުންފުނީގެ މަންދޫބުން ހާޒިރުކޮށް ސުވާލުކޮށްފި އެވެ.

މެލޭޝިއާ ސަރުކާރުން ބުނީ މިދިޔަ ބުދަ ދުވަހުގެ ރޭ އީރާންގައި ހަނިއްޔާ އަވަރާކޮށްލުމާ ގުޅިގެން ބޮޑުވަޒީރު ސޯޝަލް މީޑިއާގައި ކުރެއްވި ހުރިހާ ޕޯސްޓެއް ފޭސްބުކް އަދި އިންސްޓަގްރާމްގެ މައި ކުންފުނި "މެޓަ" އިން ރިމޫވްކޮށްފައިވާ ކަމަށެވެ.

އެ ޕޯސްޓްތަކުގައި، ހަމާސްގެ ވެރިންނާ އެކު އަންވަރު ފޯން ކޯލެއްގައި އިންނަވާތަން ފެންނަ ވީޑިއޯއެއް ހިމެނެ އެވެ. އެ ޕޯސްޓްތައް ރިމޫވްކުރުމަށް ފަހު ސަބަބެއް ކަމަށް ބުނެފައި އޮތީ އެ ޕޯސްޓްތަކަކީ "ޑޭންޖަރަސް އިންޑިވިޖުއަލްސް އެންޑް އޯގަނައިޒޭޝަން" އާ ގުޅުން ހުރި ޕޯސްޓްތަކެއް ކަމަށެވެ. މެޓަ އިން އެގޮތަށް އަމަލުކުރަނީ ނުރައްކާތެރި މީހުންނާއި ޖަމާއަތްތައް ޕްރޮމޯޓްކުރާ ޕޯސްޓްތައް ކަމަށް ބުނެ އެވެ.

އިޒްރޭލު، އެމެރިކާ އަދި ޔޫރަޕިއަން ޔުނިއަން އިން އޮންނަނީ ހަމާސް އަކީ ޓެރަރިސްޓު ޖަމާއަތެއް ކަމަށް ކަނޑައަޅައިފަ އެވެ.

މެލޭޝިއާ ސަރުކާރުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ މެޓަ ކުންފުނީގެ މި އަމަލަކީ ތަފާތުކުރުން ބޮޑު، ބޭއިންސާފު އަދި ހިޔާލް ފާޅުކުރުމުގެ މިނިވަންކަމާ ކަނޑައެޅިގެން ހިލާފް އަމަލެއް ކަމަށެވެ.

"...އަދި މިއީ ފަލަސްތީނުގެ ރައްޔިތުން އިންސާފާއި އިންސާނީ ހައްގުތައް ހޯދުމަށް ކުރަމުންދާ ހައްގު މަސައްކަތަށް އަޅާ ހުރަހެއް" ކަމަށް ވެސް ބުނެފައިވެ އެވެ.

އެހެންވެ ބޮޑުވަޒީރުގެ އޮފީހުން ވަނީ މިކަމުގައި މެޓަ އިން މާފަށް އެދި މިކަމުގައި ތަފްސީލް ޖަވާބެއް ދޭންޖެހޭނެ ކަމަށް ބުނެފަ އެވެ.

މިދިޔަ އަހަރު ހިއުމަން ރައިޓްސް ވޮޗުން ވެސް ވަނީ ފަލަސްތީނުގެ ހައްގުގައި އަޑު އުފުލާ މީހުންނާ ދެކޮޅަށް މެޓަ ކުންފުނިން ބޭއިންސާފުން އަމަލުކުރާ ކަމަށް ބުނެފަ އެވެ. -- އޭއެފްޕީ