އަފްޣާނިސްތާނުގެ ތާލިބާން ސަރުކާރުން، އިންޓަނެޓާއި މޯބައިލް ފޯނުގެ ހިދުމަތް ކަނޑައިލުމަށް ފަހު އަލުން ދޭން ފެށިތާ ހަފުތާއެއް ފަހުން، ސޯޝަލް މީޑިއާގެ ވަސީލަތްތައް ބޭނުންކުރެވޭ މިންވަރު ލިމިޓްކޮށްފި އެވެ.
09 އޮކްޓޯބަރ 2025
އަފްޣާނިސްތާނުގެ ތާލިބާން ސަރުކާރުން، އިންޓަނެޓާއި މޯބައިލް ފޯނުގެ ހިދުމަތް ކަނޑައިލުމަށް ފަހު އަލުން ދޭން ފެށިތާ ހަފުތާއެއް ފަހުން، ސޯޝަލް މީޑިއާގެ ވަސީލަތްތައް ބޭނުންކުރެވޭ މިންވަރު ލިމިޓްކޮށްފި އެވެ.
އަފްޣާނިސްތާނުގެ އިންޓަނެޓްގެ ކަންތައް ބަލަހައްޓާ އިދާރާ، ނެޓްބްލޮކްސް އިން އޭއެފްޕީއަށް ބުނި ގޮތުގައި ފޭސްބުކް، އިންސްޓަގްރާމް އަދި ސްނެޕްޗެޓް ހިމެނޭ ގޮތުން ސޯޝަލް މީޑިއާ ބޭނުންކުރެވޭ މިންވަރު ވަކި ވަރަކަށް މިހާރު ވާނީ ހިފަހައްޓައިފަ އެވެ.
އެ ގައުމުގައި ތިބި އޭއެފްޕީގެ ރިޕޯޓަރުން ކުރިން ރިޕޯޓްކޮށްފައިވާ ގޮތުގައި އިއްޔެއިން ފެށިގެން ސޯޝަލް މީޑިއާގެ ހިދުމަތް ލިބެނީ ކެނޑިކެނޑިގެން ބައެއް ވަގުތުތަކުގަ އެވެ.
ފާހިޝް އަމަލުތައް ހުއްޓުވަން ކަމަށް ބުނެ މޯބައިލް ފޯނާއި އިންޓަނެޓްގެ ހިދުމަތް މިދިޔަ މަހުގެ 30 ވަނަ ދުވަހު ކަނޑާލުމާ އެކު މުޅި އަފްޣާނިސްތާނުގައި ކަންކަން ބޮއްސުންލައިގެން ގޮސް އޮޅުންބޮޅުންވި އެވެ. މިދިޔަ މަހު ކުރީކޮޅު އަފްޣާނިސްތާނު ސަރުކާރުން ވަނީ އެކި ސަރަހައްދުތަކުން ހައި ސްޕީޑް އިންޓަނެޓް ކަނޑާލައިފަ އެވެ. ޓެލެފޯންގެ ހިދުމަތް އެ ގައުމުގައި އާންމުކޮށް ދެނީ އިންޓަނެޓް ހިދުމަތް ވެސް ދޭން ބޭނުންކުރާ ކޭބަލްތައް މެދުވެރިކޮށްގެން ކަމަށް ވާތީ ފޯނުގެ ހިދުމަތަށް ވެސް އެއާ އެކު ކެނޑުނެވެ.
މިދިޔަ މަހުގެ 16 ވަނަ ދުވަހު ބަލްޚް ޕްރޮވިންސްގެ ތަރުޖަމާން އަތައުﷲ ޒައިދު ވިދާޅުވި ގޮތުގައި ތާލިބާނުންގެ ލީޑަރުގެ އަމުރާ ގުޅިގެން އުތުރު ޕްރޮވިންސްގައި ފައިބަ އޮޕްޓިކް އިންޓަނެޓް މިހާރު ވަނީ އެއްކޮށް މަނާކޮށްފަ އެވެ.
"މިއީ ފާހިޝް އަމަލުތައް ހުއްޓުވަން އެޅި ފިޔަވަޅެއް. ހިދުމަތް ދިނުމަށް އެހެން ގޮތެއް ހޯދައި މުޅި ގައުމަށް އަލުން ހިދުމަތް ލިބޭ ގޮތް ހަދާނެ،" އޭނާ އޭރު ވިދާޅުވި އެވެ.
އަފްޣާނިސްތާނުގައި ކުރިން އޮތް، އެމެރިކާގެ ތާއީދުގައި ހިންގި ސަރުކާރުން 2024 ވަނަ އަހަރު ކާބުލްގައި ވަނީ 9،350 ކިލޯމީޓަރުގެ ފައިބަ އޮޕްޓިކް ނެޓްވޯކް އަޅައި ހިދުމަތް ދީފަ އެވެ. އެކަމަކު ތާލިބާނުން އަލަށް ވެރިކަމަށް އައުމަށް ފަހު ވަނީ އެތައް ކަމެއް ބަދަލުކޮށްފަ އެވެ. -- އޭއެފްޕީ
ތާލިބާނުން ޕްރޮމޯޓްވާ ކޮންޓެންޓް ފޭސްބުކުން ބްލޮކްކުރަނީ
މިދިޔަ އަހަރު އެންމެ ގިނައިން ޑައުންލޯޑްކުރީ ޓިކްޓޮކް
ޓިކްޓޮކަށް ވެސް "ސްޓޯރީސް" އަންނަނީ
ސޯޝަލް މީޑިއާއާ ދެކޮޅަށް ފްލޮރިޑާ އިން ގާނޫނެއް
އިންސްޓަގްރާމް ބޭނުންކުރާ މީހުންގެ ކެމެރާއިން ބަލަނީ!
އިތުރު ކުންފުނިތަކަކުން ސްޓްރީމިން ކޮލިޓީ ދަށްކޮށްފި
ފޭސްބުކް ދޫކޮށްލުމުން ސްޓްރެސް ކުޑަވާނެ
އަފްޣާނިސްތާނުގައި މުއާސަލާތީ ހިދުމަތް އަލުން ދީފި
ޕޯސްޓްތައް ރިމޫވްކުރާތީ މެލޭޝިއާއިން މެޓައާ ސުވާލުކޮށްފި
ހާމަނާއީގެ ސޯޝަލް މީޑިއާ އެކައުންޓްތައް ބަންދުކޮށްފި