Roadha Mihaaru
ތިނަދޫ ކައުންސިލަށް ސިޓީގެ ދަރަޖަ ދޭން އިސްލާހުތަކެއް

ތިނަދޫ ކައުންސިލަށް ދިމާވި މައްސަލައާ ގުޅިގެން ގާނޫނަށް އިސްލާހުތަކެއް

07 ފެބުރުއަރީ 2024

ގދ. ތިނަދޫ ރަށު ކައުންސިލަކީ ސިޓީ ކައުންސިލެއް ކަމަށް ކަނޑައަޅައި އެ ދަރަޖަ އެ ކައުންސިލަށް ދިނުމުގައި ހުރި ހުރަސްތައް ނައްތާލަން ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެންނަން މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

ގދ. ތިނަދޫ ރަށު ކައުންސިލަކީ ސިޓީ ކައުންސިލެއް ކަމަށް ކަނޑައަޅައި އެ ދަރަޖަ އެ ކައުންސިލަށް ދިނުމުގައި ހުރި ހުރަސްތައް ނައްތާލަން ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެންނަން މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

ކުރީގެ ސަރުކާރުން ރިޔާސީ އިންތިހާބާ ދިމާކޮށް ގދ. ތިނަދު އަށް ސިޓީއެއްގެ ދަރަޖަ ދީފައިވާ ކަން އިއުލާންކުރި ނަމަވެސް އެ ކައުންސިލްގެ ހައިސިއްޔަތާ މެދު ކަންބޮޑުވުންތަކެއް އޮތުމުން އެ ކައުންސިލުން ވަނީ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީ އަށް އެ ކަންބޮޑުވުން ހުށަހަޅައިފި އެވެ.

ތިނަދުއަށް ސިޓީއެއްގެ ދަރަޖަ ނުދެވި ގާނޫނީ ގޮތުން އޮތް ކަންބޮޑުވުމަށް ހައްލު ހޯދަން ގާނޫނަށް އިސްލާހު ހުށަހެޅުއްވީ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން އެވެ.

ގާނޫނަށް ގެންނަން ހުށަހެޅި އިސްލާހުގައި ބުނެފައިވަނީ ރަށެއް ސިޓީއަކަށް ބަދަލުވެއްޖެ ނަމަ، އެ ރަށް ސިޓީއަކަށް ބަދަލުވުމުގެ ކުރިން އެ ރަށް ހިންގުމަށްޓަކައި އިންތިހާބު ކޮށްފައިވާ ރަށު ކައުންސިލް އެ ރަށުގެ ސިޓީ ކައުންސިލަށް ބަދަލުވާނެ އެވެ. އަދި އެކައުންސިލްގެ ރައީސް އާއި ނައިބު ރައީސް އެ ސިޓީގެ މޭޔަރަށާއި ޑެޕިއުޓީ މޭޔަރަށް ބަދަލުވާނެ އެވެ. މިގޮތަށް ބަދަލުވާ ސިޓީ ކައުންސިލް ދެމި އޮންނާނީ އިސްލާހުގައިވާ ގޮތުން، އެގޮތުން ބަދަލުވި ރަށު ކައުންސިލްގެ ދައުރު ހަމަވަންދެންނެވެ.

ސިޓީއަކަށް ބަދަލުވުމާ އެކު ސިޓީ ކައުންސިލަކަށް ގާނޫނުގެ ދަށުން ލިބިދޭ އެންމެހާ ބާރުތަކާއި މަސްއޫލިއްޔަތުތައް އެ ކައުންސިލަށް ލިބިގެންދާނެ ކަމަށާއި އަދި ސިޓީއަކުން ލިބިދޭންޖެހޭ ކަމަށް ގާނޫނުގައި ބަޔާން ކުރާ އެންމެހާ ހިދުމަތްތައް އެ ސިޓީއަކުން ލިބިދޭން ޖެހޭނެ ކަމަށް ވެސް އިސްލާހުގައިވެ އެވެ.

ލާމަރުކަޒީ ގާނޫނަށް ގެންނަ އިސްލާހުގައި ބުނީ ސިޓީއެއް އުފައްދަނީ އިދާރީ ދާއިރާއެއްގައި ހިމެނޭ ހުރިހާ ރަށެއް އެކުވެގެން ކަމަށްވާ ނަމަ، އެ އިދާރީ ދާއިރާއެއްގެ އަތޮޅު ކައުންސިލް އެހިނދުން ފެށިގެން އުވުނީ ކަމަށެވެ. އަދި އަތޮޅު ކައުންސިލުން ބަލަމުން ދިޔަ ތަންތަނާއި ދެމުން ދިޔަ ހިދުމަތްތައް ކުރިއަށް ގެންދާނީ އެގޮތުން އުފެދޭ ސިޓީ ކައުންސިލް ކަމަށް ވެސް އިސްލާހުގައިވެ އެވެ.

ސިޓީއެއްގެ ދަރަޖަ ދޭން ނިންމިކަން ކުރީގެ ސަރުކާރުން އިއުލާންކުރި ފަހުން ވެސް ތިނަދޫ ކައުންސިލްގެ ކަންބޮޑުވުމަކަށް ވީ އެކި އިދާރާތަކުން އެ ކައުންސިލަށް އެކި ގޮތްގޮތަށް އެޑްރެސް ކުރާ މައްސަލަ އާއި ބަޖެޓާއި މެންބަރުންގެ މުސާރައިގެ އިތުރުން ބައެއް ހިދުމަތްތައް ދިނުމުގައި އޮޅުން އަރާ މައްސަލަ އެވެ. މިއާއެކު ކައުންސިލްގެ ރައީސް އަކީ ސިޓީގެ މޭޔަރު ކަމަށް ކަނޑަނޭޅޭތީ، އެ މައްސަލަ ވެސް އޮތީ ލާމަރުކަޒީ ކޮމިޓީއަށް ހުށަހަޅައިފަ އެވެ.

ނަމަވެސް، ގާނޫނު އޮތް ގޮތުން ތިނަދޫ ކައުންސިލަށް ސިޓީ ކައުންސިލެއްގެ ދަރަޖަ ނުދެވޭނެ ކަމަށް އެލްޖީއޭ އިން ވަނީ ބުނެފަ އެވެ. އެލްޖީއޭއިން ބުނީ ރަށު ކައުންސިލެއްގެ ދައުރުގެ މެދު ތެރެއިން އެ ރަށެއް ސިޓީއަކަށް ބަދަލުވެއްޖެ ނަމަވެސް، އެ ސިޓީއެއް ހިންގަމުންދާނީ ރަށު ކައުންސިލްގެ ބެލުމުގެ ދަށުން ކަން އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 51 ވަނަ މާއްދާއިން ސާފުވާ ކަމަށެވެ.

ގދ. ތިނަދޫގެ ރަށު ކައުންސިލަކީ ސިޓީ ކައުންސިލެއް ކަމަށް ކަނޑައަޅައި އެ ދަރަޖަ އެ ކައުންސިލަށް ދިނުމަށް ގާނޫނު ތަން ނުދޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކައުންސެލް ޖެނަރަލް ފާތިމަތު ފިލްޒާ ވެސް ވަނީ ލަފާ ދެއްވާފަ އެވެ. އެހެންވެ ގާނޫނަށް އިސްލާހު ހުށަހަޅަން ނިންމީ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީންނެވެ.

އެ ކޮމިޓީން ނިންމީ ގާނޫނުގެ 51 ވަނަ މާއްދާގެ ށ، ނ، ރ، ބ، ޅ، އަދި ކ. އިސްލާހުކުރުމަށެވެ. އެ މާއްދާގެ ށ. އިސްލާހުކުރަން ނިންމާފައިވަނީ ސިޓީއަކަށް ބަދަލުކުރިއިރު ދައުރުގައި ބާކީ އެއް އަހަރަށް ވުރެ ކުރު މުއްދަތެއް އޮތް ނަމަ ދައުރު ހަމަވުމުގެ ހަ މަސް ކުރިން ސިޓީ ކައުންސިލަކަށް ބަދަލުވާ ގޮތަށެވެ.