Roadha Mihaaru

އާބާދީގައި 10،000 ހަމަނުވާތީ ތިނަދޫގެ ސިޓީގެ ދަރަޖަ ބާތިލުކުރަން ކޯޓަށް

ގދ. ތިނަދޫގެ އާބާދީގައި 10،000 ހަމަނުވާތީ އެ ރަށުގެ ސިޓީގެ ދަރަޖަ ބާތިލުކުރަން ހައި ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅައިފި އެވެ.

ތިނަދޫގެ ސިޓީގެ ދަރަޖަ ބާތިލުކުރަން ކޯޓަށް
ނާޒިމް ހަސަން
ނާޒިމް ހަސަން

25 ނޮވެމްބަރ 2024

ގދ. ތިނަދޫގެ އާބާދީގައި 10،000 ހަމަނުވާތީ އެ ރަށުގެ ސިޓީގެ ދަރަޖަ ބާތިލުކުރަން ހައި ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅައިފި އެވެ.

ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދީފައިވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރިޔާސީ ކެމްޕެއިންގެ ތެރޭގަ އެވެ. އޭރުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ތިނަދޫގެ އާބާދީގައި ގާތްގަނޑަކަށް 8،000 އެެވެ. އޭގެ ތެރެއިން ރަށުގައި ދިރިއުޅެނީ 5،000 އެއްހާ މީހުން ކަމަށް ބެލެވެ އެވެ.

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައިވާ ގޮތުން ސިޓީއެއްގެ ދަރަޖަ ދިނުމުގައި ބަލާ މިންގަނޑުގެ ތެރޭގައި އާބާދީ 10،000 އަށް ވުރެ ދަށްނުވުން ހިމެނެ އެވެ.

އެ ޝަރުތު ތިނަދޫގައި ހަމަނުވާ ކަމަށް ބުނެ ސިޓީގެ ދަރަޖަ ބާތިލުކުރަން ކޯޓަށް ހުށަހެޅުއްވީ އެންވަޔަރަމަންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަދި ގާނޫނީ ވަކީލު މުހައްމަދު ރާގިބެވެ.

ރައީސް އޮފީހާ ދެކޮޅަށް ރާގިބު ހުށަހެޅުއްވި މައްސަލައާ ގުޅޭ ގޮތުން އޭނާ "މިހާރު" އަށް ވިދާޅުވީ އާބާދީގައި 10،000 ހަމަވާ ކަމަށް ބުނެ ތިނަދޫ ކައުންސިލުން ގެންގުޅެފައިވަނީ އޮޅުވާލާފައިވާ ލިސްޓެއް ކަމަށާއި އެ ލިސްޓް ދިރާސާކުރުމުން ބޮޑެތި މައްސަލަތަކެއް ފާހަގަވި ކަމަށެވެ.

"އަޅުގަނޑު ބެލި ބެލުމުން އެނގެން އެބަހުރި މީގެ އެތައް އަހަރެއް ކުރިން މަރުވެފައިވާ މީހުން ލިސްޓްގައި އެބަ ތިބި. ހަމައެކަނި އައިޑީކާޑް ނަންބަރު ބަދަލުކޮށްލާފައި އެއް ނަމެއްގައި މީހުން އެބަތިބި. ތަކުރާރުކޮށް އައިޑީކާޑް ބަދަލުކޮށްފައި މީހުން ނަންތައް ހިމަނާފައި އެބަހުރި. އެއީ ޣައިރުގާނޫނީ ލިސްޓެއް،" ރާގިބު ވިދާޅުވި އެވެ.

ރާގިބު ވިދާޅުވި ގޮތުގައި ތިނަދޫގައި މިހާރު އޮތް އާބާދީގެ އަދަދު ހޯދަން މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން ޑީއެންއާރްއަށް ހުށަހެޅުމުން އެ ތަނުން ދޫކުރި މައުލޫމާތުން އެނގޭ ގޮތުގައި ވެސް ތިނަދޫގެ އާބާދީއަކީ 7،000 އެވެ.

އެހެންކަމުން، ގާނޫނުގައިވާ މިންގަނޑަށް ނުފެތެނީސް ތިނަދޫއަށް ސިޓީގެ ދަރަޖަ ދީފައިވަނީ ކައުންސިލުން އޮޅުވާލި ލިސްޓަށް ބަލައިގެން ކަމަށް ރާގިބު ވިދާޅުވި އެވެ. އަދި އެއީ ދައުލަތުގެ ލިޔުމެއް ގަސްދުގައި އޮޅުވާލައި، ދައުލަތުގެ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުން ކަމަށްވާތީ ކައުންސިލާއި ކުރީގެ ރައީސުލްޖުމްހޫރިއްޔާގެ މައްސަލަ ބަލަން އެދިފައިވާނެ ކަމަށް ރާގިބު ވިދާޅުވި އެވެ.

އޭގެ އިތުރުން ތިނަދޫއަށް ދީފައިވާ ސިޓީގެ ދަރަޖަ ބާތިލުކޮށްދޭން ވެސް މައްސަލައިގައި އެދިފައިވާނެ ކަމަށް ރާގިބު ވިދާޅުވި އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ހުށަހެޅި މައްސަލަ ބަލައިގަތުމާ މެދު މިހާތަނަށް ހައި ކޯޓުން އަދި ގޮތެއް ނުނިންމަ ނުވެ އެވެ.

ތިނަދޫއަށް ސިޓީގެ ދަރަޖަ ދެއްވުމަށް ފަހު އޭރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައިވަނީ ލާމަރުކަޒީ ގާނޫނުގައިވާ ބުނާ ހުރިހާ ޝަރުތުތަކެއް ފުރިހަމަ ވާތީ ތިނަދޫ ސިޓީއަކަށް ހަދަން ނިންމައި، ގަރާރުގައި ސޮއިކުރެއްވީ ކަމަށެވެ.

ރާއްޖޭގައި މިހާރު ފަސް ސިޓީ އޮންނާނެ އެވެ. އެއީ މާލެ، ކުޅުދުއްފުށި، ފުވައްމުލަކު އަދި އައްޑު އެވެ.