Roadha Mihaaru
ކޯރަމް ހަމަނުވި، 15 މިނެޓްފަހުން ދެވަނަ ޖަލްސާއެއް

އެފްއޭއެމްގެ ކޮންގްރެސްގެ ކޯރަމް ހަމައެއްނުވި، 15 މިނެޓްފަހުން ދެވަނަ ޖަލްސާއެއް ބާއްވައި ކޮމިޓީތައް ފާސްކޮށްފި

08 ފެބުރުއަރީ 2024

މިއަދު ބާއްވަން މަސައްކަތް ކުރި އެފްއޭއެމްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގެ ކޯރަމް ހަމަނުވުމުން، 15 މިނެޓްފަހުން ކޮންގްރެސްގެ ދެވަނަ ޖަލްސާއެއް ބާއްވައި ކޮމިޓީތައް ފާސްކޮށްފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

މިއަދު ބާއްވަން މަސައްކަތް ކުރި އެފްއޭއެމްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގެ ކޯރަމް ހަމަނުވުމުން، 15 މިނެޓްފަހުން ކޮންގްރެސްގެ ދެވަނަ ޖަލްސާއެއް ބާއްވައި ކޮމިޓީތައް ފާސްކޮށްފި އެވެ.

ހަތަރު އަހަރުވަންދެން ނުހަދާހުރި ކޮމީޓީތައް ހެދުމަށް ބާއްވަން މަސައްކަތް ކުރި ކޮންގްރެސްގައި ބައިވެރިވީ ފަސް ކްލަބަކުން ނުވަ މަންދޫބުންނެވެ. ކޮންގްރެސްގެ ކޯރަމްއަކީ 13 އެވެ.

އެފްއޭއެމްގެ އެކްޓިން ޖެނަރަލް ސެކްރެޓަރީ މުހައްމަދު ޖައުޝަން ޝަރީފް ވިދާޅުވީ ކޮންގްރެސްގެ ފުރަތަމަ ޖަލްސާގައި ކޯރަމް ހަމަނުވުމުން، އަސާސީ ގަވާއިދުގެ ދަށުން ދެވަނަ ޖަލްސާއެއް 24 ގަޑިއިރުތެރޭގައި ބޭއްވޭނެ ކަމަށެވެ. އެ ޖަލްސާގައި ކޯރަމް ހަމަވުން ލާޒިމު ނޫންކަމަށް އޭނާ ވިދާޅުވި އެވެ.

އެފްއޭއެމްގެ އަސާސީ ގަވާއިދުގެ 24 ވަނަ މާއްދާގެ ދޭއްގައި، ކޮންގްރެސްގެ ކޯރަމް ހަމަނުވާނަމަ ހަމަ އެ އެޖްންޑާ އާ އެކު 24 ގަޑިއރު ތެރޭގައި ދެވަނަ ކޮންގްރެސްއެއް ބޭއްވޭނެ ކަމަށް ބުނެފައި ވެއެވެ. ހަމަ އެ މާއްދާގެ ތިނެއްގައި ބުނެފައި ވަނީ، އެގްޒެކެޓިވް ކޮމިޓީ އިންތިހާބު ކުރުމަށާއި މެންބަރުން ވަކި ކުރުން އަދި އެފްއޭއެމް އުވާލުމުގެ މައްސަލަ ކޮންގްރެސްގެ އެޖެންޑާގައި ނުހިމެނޭނެ ނަމަ، ދެވަނަ ޖަލްސާއެއްގައި ކޯރަމް ކަނޑައެޅިފައި ނުވާ ކަމަށެވެ.

ކޮންގްރެސް ފެށުމުގެ ކުރިން، ބައެއް ކްލަބްތަކުން ވަނީ ކޮންގްރެސްގައި ބައިވެރިވުމަށް ފޯމު ހުށަހަޅައިފަ އެވެ. ކަނޑައެޅިފައިވާ ވަގުތުގައި އެ ކްލަބްތަކުން ފޯމު ހުށަހަޅާފައި ނުވާ ކަމަށް އެފްއޭއެމުން ބުންޏެވެ. އެ ކްލަބްތަކުގެ ތެރެއިން ބައެއް ކްލަބްތަކަކީ ކޮންގްރެސް އޮންލައިންކޮށް ބާއްވަން ކުރިން ހަމަޖައްސާފައި ވުމުން އެކަމާ އިއުތިރާޒު ކުރި ކްލަބްތެކެވެ.

އެ ކްލަބްތަކުގެ ފޯމުތައް ބަލައިގަތުމާ މެދު ކޯރަމް ހަމަނުވާ ކޮންގްރެސް ފެށުމުގެ ކުރިން ބައްސާމް ވަނީ ކްލަބްތަކުގެ ވޯޓަކަށް އަހައިފަ އެވެ. އެ ކްލަބްތަކުގެ ފޯމު ބަލައިގަތުމާ މެދު ކޮންގްރެސް އަށް ހާޒިރުވި އެއްވެސް ކްލަބަކުން ވޯޓްއް ނުދިނެވެ. ކޯރަމް ހަމަނުވާ މަޖިލީހަށް އޭރު އެ ހުށަހެޅުމަށް އެހީ ފީފާ އާއި އޭއެފްސީގެ މެންދޫބުން ވެސް އެގޮތަށް ލަފާ ދީފައިވުމުން ކަމަށް ޖައުޝަން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެއީ ކޮންގްރެސްގެ ބައެއް ނޫން ކަމަށާއި ފަހު ވަގުތު ފޯމުތައް ހުށަހެޅުމުން އެއާ މެދު އަމަލުކުރާނެ ގޮތަކާ މެދު ފީފާ އާއި އޭއެފްސީގެ މަންދޫބުންގެ މަޝްވަރާ ހޯދި ކަމަށެވެ. އަދި އެ މަންދޫބުން މަޝްވަރާ ދެއްވީ އެ ވަގުތު ހާޒިރުވި ކްލަބްތަކުގެ ކިބައިން އެހުމަށް ކަމަށް ކަމަށް ޖައުޝަން ވިދާޅުވި އެވެ.