Roadha Mihaaru
ގަލޮޅު ދަނޑުގައި ހިނގި ހަމަނުޖެހުން ތަހުގީގުކުރަނީ

ގަލޮޅު ދަނޑުގައި ހިނގި ހަމަނުޖެހުން ފުލުހުން ތަހުގީގު ކުރަނީ

08 ފެބުރުއަރީ 2024

ގަލޮޅު ރަސްމީ ދަނޑުގައި އިއްޔެ ހަވީރު ބޭއްވި ފުޓްބޯޅަށް މެޗެއްގެ ތެރެއިން ހިނގި ހަމަނުޖެހުން ފުލުހުން ތަހުގީގުކުރަން ފަށައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ގަލޮޅު ރަސްމީ ދަނޑުގައި އިއްޔެ ހަވީރު ބޭއްވި ފުޓްބޯޅަށް މެޗެއްގެ ތެރެއިން ހިނގި ހަމަނުޖެހުން ފުލުހުން ތަހުގީގުކުރަން ފަށައިފި އެވެ.

ފުލުހުން މިއަދު ބުނީ އެ މައްސަލަ ތަހުގީގު ކުރަމުން އައި ނަމަވެސް މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ނުކުރާ ކަމަށެވެ.

ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި ކުޑަހެންވޭރާއި ވިކްޓަރީ ކުޅުނު މެޗުގެ ފަހު 10 މިނެޓް ތެރޭގައި ހިންގި އެ ހަމަނުޖެހުމުގައި ވަނީ ވިކްޓަރީގެ ކޯޗު ސޮބާހް މުހައްމަދު އިބްރާހިމަށް ހަމަލާ ދިފަ އެވެ.

މެޗުގެ 82 ވަނަ މިނެޓް ކުޅެވުނު ފަހުން، ހިންގި އެ ހަމަނުޖެހުމުގެ ތެރޭގައި ކުޑަހެންވޭރަށް ސަޕޯޓުކުރަން ތިބި ބަޔަކު ދަނޑުގެ ކޮމްޕައުންޑް ސަރަހައްދަށް ވަދެ އިތުރަށް ހަމަނުޖެހުން ހޫނު ކުރި އެވެ. އެ ހަމަނުޖެހުމުގައި ބައިވެރިވި މީހަކު ވަނީ ސޮބާގެ މޫނު މަތީގައި ގޮށްމުށުން ޖަހައި، އޭނާގެ އަނގަމަތި ފަޅާލައިފަ އެވެ.

މެޗެއްގެ ތެރެއިން ގަލޮޅު ދަނޑުގައި ހިނގި ހަމަނުޖެހުން: ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގުކުރަމުން.-- ފޮޓޯ: މިހާރު

މެޗެއްގެ ތެރެއިން ގަލޮޅު ދަނޑުގައި ހިނގި ހަމަނުޖެހުން: ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގުކުރަމުން.-- ފޮޓޯ: މިހާރު

އެ ހަމަނުޖެހުމާ ހެދި އިއްޔެގެ މެޗު އިތުރަށް ފުރިހަމަ ނުކުރެވުނެވެ. މެޗުގެ ކުޅުން މެދުކަނޑާލިތާ ގާތްގަނޑަކަށް 25 މިނެޓް ފަހުން މެޗުގެ އޮފިޝަލުން ނިންމީ މެޗުގެ ފަހު 10 މިނެޓް އިތުރަށް ކުރިއަށް ގެންދާނީތޯ ނުވަތަ ނޫންތޯ ކަނޑައަޅަން ފަހުން ގޮތެއް ނިންމުމަށެވެ.

މެޗުގައި ހަމަނުޖެހުން ހިނގަން މެދުވެރިވީ، ކުޑަހެންވޭރުގެ މުހައްމަދު ހާޒިމް ރިއްފަތު، ވިކްޓަރީގެ އެނަޓޮލީ އަށް ކުރި ފައުލަކާ ގުޅިގެން އެނަޓޮލީ ގަސްދުގައި ހާޒިމް ގައިގައި ކޮޅުފައިން ޖެހުމުންނެވެ. އެއާ ގުޅިގެން ރެފްރީ މުހައްމަދު ޖާވިޒް އެނަޓޮލީ އަށް ރަތް ކާޑެއް ދެއްކުމުގެ ބަދަލުގައި ރީނދޫ ކާޑެއް ދައްކަން ނިންމުމާ ގުޅިގެން މައްސަލަ ހޫނުވި އެވެ. އޭގެ ކުރިން ވެސް ކުޑަހެންވޭރުން ރެފްރީގެ ނިންމުންތަކާ މެދު ވަރަށް ބޮޑަށް ހިތްހަމަ ނުޖެހުން ފާޅު ކުރި އެވެ.

ހަމަނުޖެހުމާ ގުޅިގެން މެޗުގެ ސެކިއުރިޓީ ބަލަހައްޓަން ތިބި ފުލުހުންނަށް އެހީވުމަށް އިތުރު ފުލުހުން ވެސް ދަނޑަށް ވަނެވެ.