Roadha Mihaaru
ނަވާޒް ޝަރީފްއާ މެދު ޒާތީ ކަމެއް ނެތް: އިމްރާން ޚާން

ނަވާޒް ޝަރީފްއާ މެދު ޒާތީ ކަމެއް ނެތް: އިމްރާން ޚާން

16 ނޮވެމްބަރ 2019

އިސްލާމްއާބާދު (ނޮވެމްބަރު 16) - ނަވާޒް ޝަރީފްއާ މެދު ޒާތީ އެއްވެސް ހަސަދަވެރިކަމެއް ނެތް ކަމަށާއި ސިޔާސީ ކަންކަމަށް ވުރެ ކުރީގެ ބޮޑު ވަޒީރުގެ ސިއްހީ ހާލަތު މާ މުހިންމު ކަމަށް ޕާކިސްތާނުގެ ބޮޑު ވަޒީރު އިމްރާން ޚާން ވިދާޅުވެއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

އިސްލާމްއާބާދު (ނޮވެމްބަރު 16) - ނަވާޒް ޝަރީފްއާ މެދު ޒާތީ އެއްވެސް ހަސަދަވެރިކަމެއް ނެތް ކަމަށާއި ސިޔާސީ ކަންކަމަށް ވުރެ ކުރީގެ ބޮޑު ވަޒީރުގެ ސިއްހީ ހާލަތު މާ މުހިންމު ކަމަށް ޕާކިސްތާނުގެ ބޮޑު ވަޒީރު އިމްރާން ޚާން ވިދާޅުވެއްޖެ އެވެ.

އިމްރާން ޚާން މިހެން ވިދާޅުވެފައި ވަނީ ނަވާޒް ޝަރީފަށް އެއްވެސް ކަމެއް ދިމާވެއްޖެ ނަމަ އެކަމުގެ ޒިންމާ އިމްރާން ޚާން އުފުލަން ޖެހޭނެ ކަމަށް ޕާކިސްތާން މުސްލިމް ލީގު-ނަވާޒް (ޕީއެމްއެލް-އެން) ގެ ނައިބު ލީޑަރު ޝަހުބާޒް ޝަރީފް އިންޒާރު ދެއްވާފައި ވަނިކޮށެވެ. ނަވާޒް ޝަރީފު އިތުރު ފަރުވާ އަށް ގައުމުން ބޭރަށް ގެންދިއުން ލަސްވެފައި ވަނީ ދަތުރު ކުރުން މަނާ މީހުންގެ ލިސްޓުގައި އެމަނިކުފާނުގެ ނަން އޮތުމުންނެވެ.

ޕާކިސްތާން ތަހުރީކީ އިންސާފް (ޕީޓީއައި) ގެ ބައްދަލުވުމަކަށް ފަހު އިމްރާން ޚާން ވިދާޅުވީ ނަވާޒް ޝަރީފުގެ އާއިލާ އަށް ހުރިހާ ކަމެއް ފަހިކޮށްދެއްވާފައިވާ ކަމަށާއި އެކްޒިޓް ކޮންޓްރޯލް ލިސްޓުން ނަވާޒް ޝަރީފުގެ ނަން އުނިކުރުމުގައި ވެސް ގާނޫނީ ހުރަސްތައް ހައްލުކޮށްދެއްވާފައިވާ ކަމަށެވެ.

އިމްރާން ޚާން ވިދާޅުވީ 69 އަހަރުގެ ކުރީގެ ބޮޑު ވަޒީރުގެ ސިއްހީ ހާލަތާ ގުޅޭ ގޮތުން ނަވާޒް ޝަރީފުގެ އާއިލާ އިން ގެންދަނީ "ސިޔާސީ ގޭމެއް" ކުޅެމުން ކަމަށެވެ.

ނަވާޒް ޝަރީފު ލާހޯރުގެ ސާވިސަސް ހޮސްޕިޓަލްގައި އޮކްޓޯބަރު 22 ވަނަ ދުވަހު އެޑްމިޓްކުރީ ޕްލޭޓްލެޓް ލެވެލް 2،000 އަށް ދަށްވުމުންނެވެ. ހޮސްޕިޓަލުގައި އޮންނަވަނިކޮށް ނަވާޒް ޝަރީފަށް ވަނީ ހާޓްއެޓޭކެއް ވެސް ޖެހިފަ އެވެ. ސިއްހީ ހާލަތު ހުރި ގޮތުން، ކަފާލާތުގެ ދަށުން ނަވާޒް ޝަރީފް ޖަލުން ދޫކޮށްލުމަށް ކޯޓުން އޮތީ ކުރިން ހުއްދަ ދީފަ އެވެ. ނަމަވެސް ގައުމުން ބޭރަށް ފުރުން އޮތީ މަނާކޮށްފަ އެވެ.

ހޮސްޕިޓަލުން ނަވާޒް ޝަރީފް ގެއަށް ބަދަލުކުރި ނަމަވެސް ގޭގައި ވެސް އަައިސީޔޫއެއް ގާއިމްކޮށް ވަނީ ފަރުވާ ދީފަ އެވެ.

ޕާކިސްތާނުގައި ތިން ފަހަރު ބޮޑު ވަޒީރުކަން ކުރެއްވި ނަވާޒް ޝަރީފުގެ މަގާމު ގެއްލުނީ ޖުލައި 2017 ގައި ސުޕްރީކް ކޯޓުން ކުރި ހުކުމަކާ ގުޅިގެންނެވެ. ނަވާޒް ޝަރީފުގެ މައްޗަށް ކޮށްފައިވާ ކޮރަޕްޝަނުގެ ތުހުމަތުތަކަށް އެމަނިކުފާން ގެންދަވނީ ދެކޮޅު ހައްދަވަމުންނެވެ.