Roadha Mihaaru
"ސުޕްރީމު ކޯޓަށް މަޖިލީހުގެ ކަންކަމާ ނުބެހޭވެނެ"

ސުޕްރީމް ކޯޓަށް މަޖިލީހުގެ ކަންކަމާ ނުބެހޭވެނެ: އަސްލަމް

11 ފެބުރުއަރީ 2024

ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދު ގުނާ ގޮތަށް މަޖިލީހުގެ ގަވާއިދަށް ގެނައި އިސްލާހުތައް ބާތިލްކުރުމަށް ސުޕްރީމް ކޯޓަށް ނެރުނު އަމުރާ އެއްގޮތަށް އެކަން ނުކުރެވޭނެ ކަމަށާއި އެ ނިންމުމާ ގުޅިގެން ކަންބޮޑުވެވަޑައިގަންނަވާ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދު ގުނާ ގޮތަށް މަޖިލީހުގެ ގަވާއިދަށް ގެނައި އިސްލާހުތައް ބާތިލްކުރުމަށް ސުޕްރީމް ކޯޓަށް ނެރުނު އަމުރާ އެއްގޮތަށް އެކަން ނުކުރެވޭނެ ކަމަށާއި އެ ނިންމުމާ ގުޅިގެން ކަންބޮޑުވެވަޑައިގަންނަވާ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.

ކޯޓުން އެގޮތަށް އެންގީ ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދު ގުނާ ގޮތަށް ގަވާއިދަށް ގެނައި އިސްލާހުތައް ބާތިލް ކުރުމަށް ބަންޑާރަ ނައިބުގެ އޮފީހުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގައި ނެރުނު ވަގުތީ އަމުރުގަ އެވެ.

އެ އަމުރުގައި ބުނީ، މަޖިލީހުގެ ގަވައިދަށް ގެނައި އިސްލާހުތަކަކީ ގާނޫނުއަސާސީގެ އެ މާއްދާތަކާ ހިލާފު އިސްލާހުތަކެއް ކަމަށް ދައުލަތުން ބުނާއިރު، އެ މާއްދާތަކަށް އަމަލު ކުރުން މަޑުޖައްސާލަން ޖެހޭ ކަމަށެވެ.

މަޖިލީހުގައި މިހާރު ކުރިއަށްދާ ޖަލްސާގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް، އެ އަމުރާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ވިދާޅުވީ ސްޕްރީމް ކޯޓުން ވަގުތީ އަމުރެއް ނެރެފައި ވަނީ ގާނޫނުއަސާސީއާ ހިލާފުތޯ ނިންމުމެއް ނެތި ކަމަށާއި އެއީ ކަންބޮޑުވާ މައްސަލައެެއް ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި މަޖިލީހުގެ ޖަލްސާ ކުރިއަށް ގެންދެވެން އޮތީ މަޖިލީހުގެ ކޯރަމަކީ ކޮބައިކަން އެނގިގެންނެވެ.

"[ސުޕްރީމް ކޯޓުން] މި ކޯޓު އަމުރު މަޖިލީހުގެ މައްޗަށް ނެރެފައި ވަނީ މައްސަލަ ނިންމުމެއް ނެތި، ގާނޫނުއަސާސީއާ ހިލާފުތޯ ނިންމުމެއް ނެތި،" އަސްލަމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މަޖިލީހުގެ ނިންމުންތަކަށް ބާރު ފޯރުވުމުގެ ބާރު އެއްވެސް ފަރާތަކަށް ނޯންނަ ކަމަށާއި އެހެންވެ މެމްބަރުންގެ އަދަދު ގުނާ މެދު ވެސް ގޮތް ނިންމާނީ ވެސް މަޖިލީހުން ކަމަށެވެ.

އެކަމުގެ މިހާރު ބަހުސް ކުރިއަށްދާއިރު އެ މައްސަލާގައި މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވީ މަޖިލީހުގައި ނެތް ބަޔަކު ލައިގެން އެއީ މަޖިލީހުގެ އަދަދު ކަމަށް ކަނޑައެޅުމަކީ ބުއްދި ހަމަޖެހޭ ކަމެއް ނޫން ކަމަށެވެ.

"މިތަނަށް ބަޔަކު އިންތިހާބު ނުކުރެވޭ ހާލަތެއްގައި ގޮނޑިތަކެއް ހުސްވެފައި މިވަނީ. އެހެންވީމަ މި ވަގުތު ކިހިނެއްތޯ އެ މީހުން ލައިގެން މިތަނުގައި މަޖިލިސް ކުރިއަށްދާ ކަމަށްވަންޏާ ވޯޓު ގަޑިތަކުގައި ކޮންމެވެސް ބަޔަކު ތިބެންޖެހޭނެ. އެ އަދަދު ހަމަކުރަން ވެސް ބަޔަކު ތިބެންޖެހޭނެ. ބަހުސްކުރަން ވެސް ތިބެވެން ޖެހޭ،" އޭނާ ވިދާޅުވި އެވެ.

ރޮޒައިނާ ވިދާޅުވި ގޮތުގައި ކޮމިޓީތަކާއި ބަހުސް އަދި ވޯޓުގައި ބައިވެރިނުވެވޭ ބަޔަކު ހިމަނައިގެން ޖުމްލަ އަދަދު ގުނަން ޖެހުމަކީ މީހުން މަރުވުމުން ވެސް އެ މީހުން ހިމެނުން ކަހަލަ ކަމެކެވެ.

"އެހެންވިއްޔާ މި އަހަރު ރޯދަ މަހު ކަދުރު ބަހާއިރު ގޭގޭގައި މަރުވެފައި ތިބި މީހުން ވެސް ލައިގެން ސަރުކާރުން އެ އެއްޗެހި ފޮނުވަން ޖެހޭނީ،" ސްޕްރީމް ކޯޓުގެ އަމުރާ ގުޅިގެން ނުރުހުން ފާޅުކުރައްވައި ރޮޒައިނާ ވިދާޅުވި އެވެ.

ފޮނަދޫ ދާއިރާގެ ޕީއެންސީ މެމްބަރު މޫސާ ސިރާޖު ވިދާޅުވީ ކޯޓެއްގައި ޝަރީއަތް ހިނގަމުން އަންނަ މައްސަލައަކާ ގުޅިގެން ބަހުސް ނުކުރެވޭނެ ކަމަށް މަޖިލީހުގެ ގަވާއިދުން ސާފުކޮށް އެނގެން އޮތް ކަމަށެވެ. އޭނާގެ ކަންބޮޑުވުމަކަށް ވީ މަޖިލީހުގައި އެ މައްސަލާގައި މިއަދު ބަހުސްކުރުމެވެ.

އެކަމަކު އަސްލަމް ވިދާޅުވީ އެއީ މުޅި މަޖިލީހުގެ މަސައްކަތާ ގުޅޭ ކަމަކަށްވާތީ ގާނޫނުއަސާސީގެ ތަރަހައިގެ ތެރެއިން އެކަމަކީ ކޮންމެހެން ނިންމަން ޖެހޭ ކަމެއް ކަމަށެވެ.

މަޖިލީހުން އެ މައްސަލާގައި ގޮތެއް ކަނޑަޅަނީސް މަޖިލީހުގެ ކޯރަމަކީ 87 ކަމަށް ބަލައި، އަސްލަމް މަޖިލިސް ފެއްޓެވުމުން އެކަމުގައި މެމްބަރުން ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.

"އަޅުގަނޑު ފަށަމުން ވެސް މި ދެންނެވީ މަޖިލީހުގެ ޖަލްސާ ކުރިއަށް ދާނީ މަޖިލީހުން ކަނޑައަޅާ ގޮތެއްގެ މަތިންނޭ. ގާނޫނުއަސާސީގެ ތަރަހައިގެ ތެރެއިން ކުރާ ކޮންމެ ކަމަކީ މަޖިލީހުގެ އިމްތިޔާޒުތަކާއި ގާނޫނުއަސާސީން މަޖިލީހަށް މަތިކުރާ ބާރެއް. އެއްވެސް އެހެން ފަރާތަކުން މަޖިލީހުން މިވެނި ގޮތަކަށޭ މިވެނި ކަމެއް މަޑުކޮށްލަން ބުނާ ބުނުން ބަލައިގަތުމަކީ ދަތި ކަމެއް،" އަސްލަމް ވިދާޅުވި އެވެ.

"އެހެން ނަމަވެސް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް އިހްތިރާމުކުރުމުގެ ގޮތުން 87 މެމްބަރުންނަކީ މިއަދުގެ މަޖިލީހުގެ ޖުމްލަ އަދަދު ކަމަށް ބަލައިގެންފައޭ. އެއީ، މަޖިލީހުގެ ރިޔާސަތުން އަޅުގަނޑުކޮށްގެން އުޅޭ ކަމެއް. ގޮތް ނިންމާނީ މަޖިލީހުގެ މެމްބަރުން."

އަސްލަމްގެ އެ ވާހަކަތަކާ ގުޅިގެން މަޖިލީހުގެ ނައިބު ރައީސް، ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވީ މަޖިލީހުގެ ރައީސަަށް، މަޖިލީހުގެ ޖުމްލަ އަދަދަކީ 87 ކަމަށް ނުނިންމޭނެ ކަމަށާއި އެއީ މެމްބަރުންނަށް ލިބިފައިވާ ބާރެއް ކަމަށެވެ.

"މި މަޖިލީހުން އެ އޮތީ ކަނޑައަޅާފައި މަޖިލީހުގެ އަދަދަކީ 80 ކަމަށް. އެ ނިންމުން ބަދަލުނުކުރާހާ ހިނދު ރައީސަށް ވިދާޅުނުވެވޭނެ އަޅުގަނޑު ގަބޫލެއް ނުކުރަން ތިމަންނަ ކަނޑައަޅައިފީމޭ 87،" ސަލީމް ވިދާޅުވި އެވެ.

ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާ ވިދާޅުވީ މަޖިލީހުން ނިންމާފައި އޮތް ގޮތެއް އެހެން ފަރާތަކަށް ބަދަލުކުރެވޭނެ ކަމަށް ގަވާއިދުގައި ނެތް ކަމަށެވެ. އެހެންވެ ރައީސަށް ވަކި އަދަދެއް ކަނޑައެޅުމުގެ ހައިސިއްޔަތު ނެތް ކަމަށް ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުގެ އެ އަމުރުގައި އަޣުލަބިއްޔަތު ލިބުނު ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުގެ ރައުޔުގައި ވިދާޅުވީ، އިސްލާހުތައް ގެނައުމާ ހަމައަށް މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދު ގުނަމުން އައީ ގާނޫނުއަސާސީގެ 71 ވަނަ މާއްދާގައިވާ ގޮތަށް ކަމަށާއި ޖަލްސާގެ ގާނޫނީ އަދަދު ކަނޑައަޅަނީ ގާނޫނުއަސާސީގެ 86 މާއްދާގެ ދަށުން ކަމަށެވެ.

މަޖިލީހުން ކަންކަން ނިންމަން ޖެހޭ އަދަދު ކަނޑައަޅާފައިވަނީ 87 ވަނަ މާއްދާގަ އެވެ. ގާނޫނުއަސާސީއަށް އަމަލުކުރާތާ އެތައް އަހަރެއް ފާއިތުވެފައިވާއިރު، މަޖިލީހުގައި ކޮންމެ ދުވަހަކު ބާއްވާ ޖަލްސާތަކުގެ ކޯރަމް ބިނާވަނީ ގާނޫނުއަސާސީގެ އެ މާއްދާތަކަށް ކަމަށް އަމުރުގައި ވެ އެވެ.