Roadha Mihaaru
ސިމް، ލަންކާ އެމްބަސީގެ އިސް މަގާމަކަށް

އެމްޑީޕީގެ ކުރީގެ އެކްޓިވިސްޓް ސިމް ލަންކާ އެމްބަސީގެ އިސްމަގާމަކަށް!

11 ފެބުރުއަރީ 2024

އެމްޑީޕީ އަދި ދަ ޑިމޮކްރެޓްސްގެ ސޯޝަލް މީޑިއާ އެކްޓިވިސްޓެއްގެ ގޮތުގައި މަސައްކަތްކުރި އަހުމަދު އަންވަރު (ސިމްވާރު) އަށް ސްރީ ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީގެ އިސް މަގާމެއް ދީފި އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

އެމްޑީޕީ އަދި ދަ ޑިމޮކްރެޓްސްގެ ސޯޝަލް މީޑިއާ އެކްޓިވިސްޓެއްގެ ގޮތުގައި މަސައްކަތްކުރި އަހުމަދު އަންވަރު (ސިމްވާރު) އަށް ސްރީ ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީގެ އިސް މަގާމެއް ދީފި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސަރުކާރާ ދެކޮޅަށް ސޯޝަލް މީޑިއާގައި ކުރި މަސައްކަތުން މަޝްހޫރުވި ސިމްވާރު އަށް މި ސަރުކާރުން ދިނީ ލަންކާ އެމްބަސީގެ ސެކަންޑް ސެކްރެޓަރީގެ މަގާމެވެ. އޭނާ މިއަދު ވަނީ ފޮރިން މިނިސްޓްރީ އަށް ވަޒީފާއަށް ނުކުންނަވަން ފައްޓަވައިފަ އެވެ.

އޭނާ ވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އިކޮނޮމިކް މިނިސްޓްރީ އަދި ހެލްތު މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމު އަދާކުރައްވައިފަ އެވެ.

ނަމަވެސް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އޭރުގެ އެމްޑީޕީގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދާ ދެމެދު ހިނގި ހިޔާލު ތަފާތުވުންތަކުގައި އެ މަނިކުފާނު އެމްޑީޕީން ވަކިވެވަޑައިގެންނެވުމުން ސިމްވާރު ވެސް ވަނީ ސަރުކާރުން އިސްތިއުފާ ދެއްވައި ޑިމޮކްރެސްޓްއާ ގުޅިވަޑައިގެންފަ އެވެ.

އޭގެ ފަހުން އޭނާ މަސައްކަތް ކުރައްވަމުން ދިޔައީ ޑިމޮކްރެޓްސްގެ ސޯޝަލް މީޑިއާ އެކްޓިވިސްޓެއްގެ ގޮތުގަ އެވެ. ރިޔާސީ އިންތިހާބުގެ ދުވަސްވަރު ވެސް އޭނާ މަސައްކަތް ކުރެއްވީ ޑިމޮކްރެޓްސްގަ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ މަގާމަކާ ސިމްވާރު މި ހަވާލުވެވަވަޑައިގަތީ ޑިމޮކްރެޓްސްގައި އޭނާ އަދާކުރައްވަމުން އައި މަހިބަދޫ ދާއިރާގެ ރައީސްގެ މަގާމުން އިސްތިއުފާ ދެއްވުމަށް ފަހު އެވެ.

ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގެ ފަހު ދުވަސްތަކުގައި ސިމްވާރު ހުންނެވީ އަމިއްލައަށް އަރުވާލެވިގެން ލަންކާގަ އެވެ.

މި ސަރުކާރުން ސިމްވާރު ލަންކާ އެމްބަސީގެ މަގާމެއް ދީފައިވާއިރު، އެ އެމްބަސީގެ ފަސްޓް ސެކްރެޓަރީގެ މަގާމަށް އައްޔަން ކޮށްފައިވަނީ ފިލްމީ ތަރި އަލީ ސީޒަން އެވެ. އޭނާ މިހާރު ވަނީ މަގާމާ ހަވާލުވެ ލަންކާ އެމްބަސީއަށް ވަޒީފާއަށް ނުކުންނަވަން ފައްޓަވާފަ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވަރަށް ހާއްސަ ހާލަތެއްގައި މެނުވީ ސިޔާސީ މަގާމުތަކަށް މީހުން އައްޔަން ކުރުން ހުއްޓާލާފައިވާ ކަމަށް ވިދާޅުވެފަ އެވެ.