Roadha Mihaaru
ޕްރެޝަރެއް ނެތް، ފުރިހަމަ މިނިވަންކަން އެބައޮތް: ޕީޖީ

އިސްތިއުފާ ދޭން ޕްރެޝަރެއް ނެތް، ފުރިހަމަ މިނިވަންކަން އެބަ އޮތް: ޝަމީމް

12 ފެބުރުއަރީ 2024

ސަރުކާރު ބަދަލުވިޔަސް، މަގާމުން އިސްތިއުފާ ދޭން އެއްވެސް ޕްރެޝަރެއް ނެތް ކަމަށާއި މަސްއޫލިއްޔަތު އަދާކުރުމަށް ފުރިހަމަ މިނިވަންކަން އެބަ އޮތް ކަމަށް ޕްރޮސިކިއުޓާ ޖެނަރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެ އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

ސަރުކާރު ބަދަލުވިޔަސް، މަގާމުން އިސްތިއުފާ ދޭން އެއްވެސް ޕްރެޝަރެއް ނެތް ކަމަށާއި މަސްއޫލިއްޔަތު އަދާކުރުމަށް ފުރިހަމަ މިނިވަންކަން އެބަ އޮތް ކަމަށް ޕްރޮސިކިއުޓާ ޖެނަރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެ އެވެ.

މަގުމަތިން ދެ މީހަކު ފަރާލަމުން ގޮސް ޝަމީމަށް މަރުތޭލަކުން ހަމަލާ ދިނުމާ އޭނާގެ އިސްތިއުފާއަށް މަޖުބޫރުކުރުމާ ގުޅުވައިގެން ދެކެވޭ ވާހަކަތަކެއް އުޅޭކަން ފާހަގަކުރައްވައި ޝަމީމް ވިދާޅުވީ އެއީ ދޮގެއް ކަމަށެވެ.

ހަމަލާއާ ގުޅިގެން ދެ މީހަކު މިހާތަނަށް ހައްޔަރުކޮށްފައި ވާއިރު ހަމަލާ ދިން ސަބަބަކާ ބެހޭ ގޮތުން ފުލުހުންނަށް އަދި އެއްވެސް ކަމެއް ހޯދިފައިވާ ކަމެއް ނޭނގެ އެވެ.

ޝަމީމް "މިހާރު" އަށް އިއްޔެ ދެއްވި އިންޓަވިއުގައި ވިދާޅުވީ އަބަދުވެސް އިންޒާރުތައް ލިބޭ ކަމަށާއި ހަމަލާ އަމާޒުވީ ވަކި ހާއްސަ ކަމަކާ ގުޅޭ އިންޒާރަކަށް ފަހުގައި ވެސް ނޫން ކަމަަށެވެ. އޭނާގެ އިސްތިއުފާ އަށް ޕްރެޝަރުކުރުން ފަދަ ކަމެއް ވެސް ހިނގާފައިނުވާ ކަމަށް ވެސް ޝަމީމް ވިދާޅުވި އެވެ.

"އަޅުގަނޑަކަށް ސަރުކާރުގެ ފަރާތުން ވެސް މަޖިލީހުގެ ފަރާތަކުން ވެސް ސިޔާސީ ޕާޓީއަކުން ވެސް އަދި ޖުޑިޝަރީއަކުން ވެސް އަޅުގަނޑަކަށް އިސްތިއުފާ ދޭކަށް އަންގާފައެއް ވެސް ނެތް. އެކަހަލަ ވާހަކައެއް ވެސް ދައްކާފައެއް ނެތް. އެކަހަލަ މަޝްވަރާއެއް ސީދާކޮށް ވެސް ނުސީދާކޮށް ވެސް އަޅުގަނޑާ ކުރެވިފައެއް ނެތް،" ޝަމީމް ވިދާޅުވި އެވެ.

ޝަމީމް ވިދާޅުވީ މަގާމު މަސްއޫލިއްޔަތުތައް އަދާކުރުމުގައި އޭނާ އަށް ފުރިހަމަ މިނިވަންކަން އެބަ އޮތް ކަމަށެވެ. މި ދާއިރާގައި ހުރިހާ ސަރުކާރާ އެކު ވެސް މަސައްކަތް ކުރެވިއްޖެ ކަމަށާއި އެއްވެސް ސަރުކާރަކުން ޕީޖީގެ މިނިވަންކަމަށް އަސަރުކުރާ ފަދަ ކަމެއް ކޮށްފައިނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމް "މިހާރު" އަށް އިންޓަވިއު ދެއްވަނީ: މަގާމުން އިސްތިއުފާ ދޭން އެއްވެސް ޕްރެޝަރެއް ނެތް ކަމަށް ވިދާޅުވި - ފޮޓޯ: ނިޝާން އަލީ / މިހާރު

ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމް "މިހާރު" އަށް އިންޓަވިއު ދެއްވަނީ: މަގާމުން އިސްތިއުފާ ދޭން އެއްވެސް ޕްރެޝަރެއް ނެތް ކަމަށް ވިދާޅުވި - ފޮޓޯ: ނިޝާން އަލީ / މިހާރު

ޕީޖީ ކަމުގައި ޝަމީމްގެ ދައުރު މި އަހަރުގެ ޑިސެމްބަރު މަހަށް ހަމަވެ އެވެ. އިތުރު ދައުރަކަށް ކުރިމަތިލައްވާނަންތޯ ސުވާލުކުރުމުން ޝަމީމް ވިދާޅުވީ މިހާތަނަށް އަދި ވަކި ގޮތެއް ނުނިންމަވާ ކަމަށެވެ.

"އަޅުގަނޑު އުއްމީދު ކުރަނީ އަޅުގަނޑު ނެތަސް ވެސް މި އޮފީހުގެ ތެރެއިން މި މަގާމަށް އެެހެން ބޭފުޅަކު ވަޑައިގެން މި ނިޒާމްތައް ހިނގާ ގޮތަށް ރަނގަޅަށް ތަރުތީބުވެގެން ހިނގާނެ ކަމަށް. އަޅުގަނޑު ތާއިދު ކުރާނީ ވެސް ޕްރޮމޯޓް ކުރާނީ ވެސް މި އޮފީހުގެ ރޭންކްސްގެ ތެރެއިން ޕީޖީގެ މަގާމަށް ބޭފުޅަކު ގެންނަން،" ޝަމީމް ވިދާޅުވި އެވެ.

ޝަމީމް ވިދާޅުވީ ހަމަލާއަށް ފަހު ވަރަށް ހިތްހަމަޖެހޭ ކަމެއްގެ ޔަގީންކަން ލިބިވަޑައިގަތް ކަމަށާއި އެއީ އޭނާ ނެތް ހާލަތެއްގައި ވެސް ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުގެ މަސައްކަތްތައް އެއްވެސް ހުއްޓުމެއް ނެތި ކުރިއަށްދާނެ ކަމުގެ ފުރިހަމަ ނިޒާމެއް ގާއިމް ކުރެވިފައިވުން ކަމަށެވެ.

ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމް އިއްޔެ އެ އޮފީހުގެ ވަކީލުންނާ އެކު: މަގާމުން އިސްތިއުފާ ދޭން އެއްވެސް ޕްރެޝަރެއް ނެތް ކަމަށް ވިދާޅުވި - ފޮޓޯ: ނިޝާން އަލީ / މިހާރު

ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމް އިއްޔެ އެ އޮފީހުގެ ވަކީލުންނާ އެކު: މަގާމުން އިސްތިއުފާ ދޭން އެއްވެސް ޕްރެޝަރެއް ނެތް ކަމަށް ވިދާޅުވި - ފޮޓޯ: ނިޝާން އަލީ / މިހާރު

"އަޅުގަނޑު ހޮސްޕިޓަލަށް ދާން ޖެހުނަސް މި އޮފީސް ހަމަ ރަނގަޅަށް ހިނގި. އެއްވެސް ކަމެއް ނުހުއްޓޭ. ހެނދުނު ބްރީފިން ވެސް އޮތް، ކޯޓަށް ވަޑައިގަންނަވާ ބޭފުޅުން ވަޑައިގެންނެވި. ކޯޓަށް ހުށަހަޅަން ޖެހޭ މައްސަލަތައް ހުށަހެޅި. މި އޮފީހުގެ އެއްވެސް މަސައްކަތަކަށް އަޅުގަނޑު ނެތިގެން އެއްވެސް ބަދަލެއް ނާދޭ،" ޝަމީމް ވިދާޅުވި އެވެ.

ޝަމީމް ވިދާޅުވީ ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުގައި ވަނީ މަސައްކަތްތަކަށް ބޭނުންވާ ވަސީލަތްތަކާއި ސިސްޓަމްތައް ގާއިމް ކުރެވިފައި ކަމަށާއި އެއީ ހޯދުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ.

"އެއީ އަޅުގަނޑުމެން ވަރަށް ބޮޑަށް މަސައްކަތް ކުރަމުންދާ ކަމެއް. މިއީ ނިޒާމެއް، މިއީ މެޝިނެއް. މި މެޝިން ހިނގާނޭ ކޮންމެ މީހަކު ހިނގަން ހުއްޓަސް،" ޝަމީމް ވިދާޅުވި އެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ސަރުކާރުގެ އޮފީސްތައް ހިނގަން ވާނީ އެހެން، މީހާއަށް ބަރޯސާވެގެނެއް ނޫން، ނިޒާމަށް ބަރޯސާވެގެން އޮފީސްތައް ހިނގަން ވާނީ."