Roadha Mihaaru
މަރަން ހުކުމްކުރި އިންޑިއާ މީހުން ގަތަރުން ދޫކޮށްލައިފި

އިޒްރޭލަށް ޖާސޫސްކޮށްދިން ކަމަށް ބުނެ ގަތަރުން މަރުގެ ހުކުމް އިއްވި އިންޑިއާ މީހުން ދޫކޮށްލައިފި

13 ފެބުރުއަރީ 2024

އިޒްރޭލަށް ޖާސޫސްކޮށްދިން ކަމުގެ ކުށުގައި ގަތަރުން ހައްޔަރުކޮށް މަރުގެ ހުކުމް އިއްވި އިންޑިއާގެ ކަނޑުގެ ސިފައިންގެ ކުރީގެ އަށް އޮފިސަރުން މިނިވަންކޮށްފި ކަމަށް އިންޑިއާގެ ފޮރިން މިނިސްޓްރީން ބުނެފި އެވެ.

އިޒްރޭލަށް ޖާސޫސްކޮށްދިން ކަމުގެ ކުށުގައި ގަތަރުން ހައްޔަރުކޮށް މަރުގެ ހުކުމް އިއްވި އިންޑިއާގެ ކަނޑުގެ ސިފައިންގެ ކުރީގެ އަށް އޮފިސަރުން މިނިވަންކޮށްފި ކަމަށް އިންޑިއާގެ ފޮރިން މިނިސްޓްރީން ބުނެފި އެވެ.

މަރުގެ ހުކުމް އައި މީހުންނަކީ ކޮން ބައެއްކަން އިންޑިއާއަކުން ހާމައެއް ނުކުރެ އެވެ. އަދި މިކަމާ ބެހޭ ގޮތުން ގަތަރުން ވެސް ވާހަކައެއް ނުދައްކަ އެވެ.

އެކަމަކު އިންޑިއާގެ މީޑިއާގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ހައްޔަކުރި މީހުންގެ ތެރޭގައި މުޅިން ވެސް ހިމެނެނީ އިންޑިއާގެ ކަނޑުގެ ސިފައިންގެ ކުރީގެ އިސް އޮފިސަރުންނެވެ. މީގެ ތެރޭގައި މަނަވަރުތަކުގެ ކޮމާންޑަރުކަން ކޮށްފައިވާ މީހަކު ވެސް ހިމެނޭ ކަމަށާއި އެ މީހުން ހައްޔަރުކުރީ 2022 ވަނަ އަހަރުގެ އޯގަސްޓް މަހު ދޯހާ އިން ކަމަށް ވެސް ރިޕޯޓްކޮށްފައިވެ އެވެ.

އެއަރޮސްޕޭސް، ސެކިއުރިޓީ އަދި ޑިފެންސްގެ ދާއިރާގައި މަސައްކަތްކުރާ ގަތަރުގެ ކުންފުންޏެއް ކަމަށްވާ އަލް ދަހްރާގެ މުވައްޒަފުންގެ ގޮތުގައި ތިބެ މި މީހުން ވަނީ ގަތަރުގެ އަސްކަރީ އެކި ޕްރޮގްރާމްތަކުގެ މައުލޫމާތު ތިން ވަނަ ގައުމަކަށް ދީފައި ކަމަށާއި އެ ގައުމަކީ އިޒްރޭލު ކަމަށް ގަތަރުން ތުހުމަތުކުރާ ކަމަށް އިންޑިއާގެ ބައެއް ނޫސްތަކުން ބުނެފައިވެ އެވެ.

މި މީހުން މަރަން މިދިޔަ އޮކްޓޫބަރު މަހު ހުކުމްކުރުމުން އިންޑިއާއިން ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށް މިއީ ގަބޫލުކުރަން ދަތި ނިންމުމެއް ކަމަށް ބުނެފަ އެވެ. އެކަމަކު މި މީހުންގެ މަރުގެ ހުކުމް ޑިސެމްބަރު މަހު ވަނީ ލުއިކޮށްދީފަ އެވެ.

އިންޑިއާއިން އިއްޔެ ބުނީ މި އެންމެން މިހާރު މިނިވަންކޮށްފައިވާ ކަމަށެވެ.

"ގަތަރުގެ ދަހްރާ ގްލޯބަލް ކޮމްޕެނީއަށް މަސައްކަތްކޮށްދެމުން ދިޔަ އިންޑިއާގެ އަށް މީހުން ދޫކޮށްލާފައި ވާތީ އިންޑިއާ އިން އެކަމަށް މަރުހަބާ ކިޔަން،" ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުންޏެވެ.

އެ ބަޔާނުގައި ބުނެފައި ވަނީ ދޫކޮށްލި އަށް މީހުންގެ ތެރެއިން ހަތް މީހަކު މިހާރު ވަނީ އެނބުރި އިންޑިއާ އަށް ގޮސްފައި ކަމަށެވެ. --އޭއެފްޕީ