Roadha Mihaaru
ކުޑަ ކުދިން ރޭޕްކުރާ މީހުންނަަށް އިންޑިއާގައި މަރުގެ އަދަބު

ކުޑަ ކުދިން ރޭޕްކުރާ މީހުންނަަށް އިންޑިއާގައި މަރުގެ އަދަބު ދެނީ

22 އެޕްރީލް 2018

ނިއު ދިއްލީ (އެޕްރީލް 22) - އިންޑިއާގައި ކުޑަ ކުދިން ރޭޕްކުރާ މީހުންނަށް މަރުގެ އަދަބު ދިނުމަށް އެ ގައުމުގެ ކެބިނެޓުން ނިންމައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ނިއު ދިއްލީ (އެޕްރީލް 22) - އިންޑިއާގައި ކުޑަ ކުދިން ރޭޕްކުރާ މީހުންނަށް މަރުގެ އަދަބު ދިނުމަށް އެ ގައުމުގެ ކެބިނެޓުން ނިންމައިފި އެވެ.

އިންޑިއާގެ ގާނޫނުލް އަގޫބާތަށް ބަދަލު ގެންނަނީ އުމުރުން 12 އަހަރުން ދަށުގެ ކުޑަ ކުދިން ރޭޕްކުރާ މީހުންނަށް މަރުގެ އަދަބު ދިނުމަށެވެ.

ކަޝްމީރުގައި އަށް އަހަރުގެ ކުޑަ ކުއްޖަކު ރޭޕްކޮށް މަރާލުމާ ގުޅިގެން މުޅި އިންޑިއާގައި ދާދި ފަހުން ވަނީ އިހްތިޖާޖްކޮށްފަ އެވެ. ކުޑަ ކުދިން ރޭޕް ކުރުން ހުއްޓުވުމަށް އެކަށީގެންވާ ފިޔަވަޅު އަޅަމުން ނުދާތީ އިންޑިއާ ސަރުކާރަށް ވަނީ ވަރަށް ބޮޑަށް ފާޑު ކިޔުންތައް އަމާޒުވެފަ އެވެ. ކަޝްމީރުގެ ކަތުއާގައި އަށް އަހަރުގެ މުސްލިމް ކުއްޖާ ރޭޕްކުރުމުގައި ވަނީ ވެރިކަންކުރާ ބީޖޭޕީގެ ސީނިއާ ބަޔަކު ބައިވެރިވެފައިވާ ކަމަށް ވެސް ތުހުމަތުކޮށްފަ އެވެ.

އިންޑިއާގައި ބައެއް ކުށްކުށަށް މަރުގެ އަދަބު ދެ އެވެ. ނަމަވެސް ކުޑަ ކުދިން ރޭޕްކުރާ މީހުންނަށް އަދި މަރުގެ ހުކުމް ތަންފީޒް ކޮށްފައެއް ނުވެ އެވެ. ދެހާސް ބާރަ ވަނަ އަހަރު މުޅި އިންޑިއާ ސިއްސުވާލި ރޭޕްގެ ހާދިސާގައި ކުށްވެރިވި ހަތަރު މީހަކަށް ވަނީ މަރުގެ ހުކުމް އިއްވައިފަ އެވެ. އެކަމަކު މިހާތަނަށް އެ ހުކުމް ތަންފީޒުކޮށްފައެއް ނުވެ އެވެ. ދިއްލީގެ ބަހެއްގައި 23 އަހަރުގެ ދަރިވަރަކު ރޭޕްކުރުމުން ލިބުނު އަނިޔާތަކަށް ފަރުވާ ދެމުން ދަނިކޮށް އެ ކުއްޖާ ވަނީ މަރުވެފަ އެވެ.

އިންޑިއާ އަކީ މަރުގެ ހުކުމް މަދުން ތަންފީޒު ކުރާ ގައުމެކެވެ. ވޭތުވެދިޔަ ދިހަ ވަރަކަށް އަހަރު ދުވަހު ތެރޭ މަރުގެ ހުކުމް ތަންފީޒުކޮށްފައި ވަނީ ތިން މީހަކަށް ކަމަށް ރެކޯޑްތަކުން ދައްކަ އެވެ.

އިންޑިއާގައި 2016 ވަނަ އަހަރު ވަނީ ރޭޕުގެ 19،000 މައްސަލަ ރިޕޯޓްކޮށްފަ އެވެ. މިއީ އެވްރެޖްކޮށް ދުވާލަކަށް 50 މައްސަލަ އެވެ.

ރޭޕްކުރާ މީހުންނަށް މަރުގެ އަދަބު ދޭން ނިންމާފައި ވަނީ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ރިޔާސަތު ބެލެހެއްޓި ކެބިނެޓުގެ ޚާއްސަ ބައްދަލުވުމެއްގަ އެވެ. ސޯޅަ އަހަރުން ދަށުގެ ކުދިންނާއި އަންހެނުން ރޭޕްކުރާ މީހުންނަށް ދޭ ޖަލު ހުކުމުގެ މުއްދަތު ވެސް ވަނީ އިތުރު ކުރަން ނިންމައިފަ އެވެ.