Roadha Mihaaru
ފައިސާ ނުލިބިގެން މަސްވެރިން ކޫއްޑޫގައި މުޒާހަރާކުރަނީ

ފައިސާ ނުލިބިގެން މަސްވެރިންތަކެއް ކޫއްޑޫގައި މުޒާހަރާކުރަނީ

18 ފެބުރުއަރީ 2024

މިފްކޯ އަށް ކިރި މަހަށް ފައިސާ ނުދޭ ކަމަށް ބުނެ، ގއ. ކޫއްޑޫގައި ބައެއް މަސްވެރިން މިއަދު މުޒާހަރާ ކުރަމުން އެބަ ދެ އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

މިފްކޯ އަށް ކިރި މަހަށް ފައިސާ ނުދޭ ކަމަށް ބުނެ، ގއ. ކޫއްޑޫގައި ބައެއް މަސްވެރިން މިއަދު މުޒާހަރާ ކުރަމުން އެބަ ދެ އެވެ.

މަސްވެރިންނަށް ދޭންޖެހޭ 190 މިލިޔަން ރުފިޔާ މިފްކޯއިން އަދި ނުދީ އޮތް ކަމަށް ސަރުކާރުން ވެސް ވަނީ ބުނެފަ އެވެ.

މިއަދު ހެނދުނުން ފެށިގެން ކޫއްޑޫގައި ކުރަމުންދާ މުޒާހަރާގެ ބައިވެރިއަކު "މިހާރު" އަށް ބުނީ އެ މުޒާހަރާ ކުރަނީ މިފްކޯ އަށް ކިރާފައިވާ މަހަށް ފައިސާ ނުދޭތާ ތިން މަސް ވެފައިވެ، ސަރުކާރުން އެކަމަށް ހައްލެއް ވެސް ގެނެސްދީފައި ނުވާތީ ކަމަށެވެ.

"އަޅުގަނޑުމެން މުޒާހަރާ ކުރަން ފެށީމަ ކޫއްޑޫގެ [މިފްކޯގެ] އެންމެ އިސް މީހާ އައިސް ބުނީ މިނިސްޓަރާ ގުޅަން މަސައްކަތް ކުރާ ކަމަށް. ފަހުން އައިސް ބުނެފި މިނިސްޓަރު ފޯނު ނުނަގާ ކަމަށް،" އޭނާ ބުންޏެވެ.

ކޫއްޑޫގައި މަސްވެރިން މުޒާހަރާކުރަނީ.--

ކޫއްޑޫގައި މަސްވެރިން މުޒާހަރާކުރަނީ.--

މައްސަލަ އަށް ހައްލެއް ލިބި، މަސްވެރިންނަށް ދޫކުރަން ހުރި ފައިސާ ޖަމާވުމުން ނޫނީ މުޒާހަރާ ނުހުއްޓަން ނިންމާފައިވާ ކަމަށް ވެސް އެ މުޒާހަރާގައި ބައިވެރިވާ މަސްވެރިއަކު ބުންޏެވެ.

މުޒާހަރާ ކުރާ މީހުން ވަނީ އެ ރަށުގައި ހުރި މަސް ފެކްޓަރީ އަށް މަސް ކިރަން ދިޔަ 15 ދޯންޏެއް މަސް ކިރުވުން ވެސް ހުއްޓުވައިފަ އެވެ.

"އަޅުގަނޑުމެން މިހާރު މި ދަނީ ރާއްޖެއިން ބޭރަށް މަސް ފޮނުވާ ބޯޓަށް މަސް ކިރުވުން ވެސް ހުއްޓުވަން. ފައިސާ ނުދީ ރާއްޖެއިން ބޭރަކަށް ވެސް މަހެއް ނުފޮނުވޭނެ،" އެ މުޒާހަރާގެ މަސްވެރިއަކު ބުންޏެވެ.

ކޫއްޑޫގައި މަސްވެރިން މުޒާހަރާކުރަނީ.--

ކޫއްޑޫގައި މަސްވެރިން މުޒާހަރާކުރަނީ.--

މިހާރު ކޫއްޑޫގައި ކުރަމުންދާ މުޒާހަރާއާ ގުޅޭގޮތުން ސަރުކާރުގެ ބަހެއް އަދި ނުލިބެ އެވެ. ނަމަވެސް ސަރުކާރުގެ މަސް ކުންފުނި، މިފްކޯ އަށް ލޯނެއް ނަގައިގެން ނަމަވެސް މަސްވެރިންނަށް ދޭންޖެހޭ ފައިސާ ދީ، ނިންމަވާނެ ކަމަށް ރައީސް، ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ. އަދި މިހާރު ދެކުނުގެ ހަތަރު އަތޮޅަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެންމެ ފަހު މަންޒިލެއްގެ ގޮތުގައި ހަމަޖައްސަވާފައި ވަނީ ވެސް ކޫއްޑޫ އެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު 17 ގައި ރައީސް މުއިއްޒު މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން މިހާތަނަށް 276 މިލިއަން ރުފިޔާ އަށް ވުރެ ބޮޑު އަދަދެއް ސަރުކާރުން މަސްވެރިންނަށް ވަނީ ދޫކޮށްފަ އެވެ.