Roadha Mihaaru
މުޒާހަރާއާ ހެދި ކޫއްޑޫ ހުރިހާ އޮޕަރޭޝަނެއް ހުއްޓިފައި!

މަސްވެރިންގެ މުޒާހަރާއާ ހެދި ކޫއްޑޫގެ އޮޕަރޭޝަން ހުއްޓިފައި އޮންނަތާ 24 ގަޑިއިރު!

19 ފެބުރުއަރީ 2024

މަސް ކިރުވުމަށް ފަހު، މިފްކޯ އިން ފައިސާ ދޫކުރުން ލަސްވެ، ކޫއްޑޫގައި ކުރަމުންދާ މުޒާހަރާއާ ގުޅިގެން އެ ރަށުގެ މިފްކޯގެ އޮޕަރޭޝަންތައް ހުއްޓާލާފައި އޮންނަތާ 24 ގަޑިއިރު ވެއްޖެ އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

މަސް ކިރުވުމަށް ފަހު، މިފްކޯ އިން ފައިސާ ދޫކުރުން ލަސްވެ، ކޫއްޑޫގައި ކުރަމުންދާ މުޒާހަރާއާ ގުޅިގެން އެ ރަށުގެ މިފްކޯގެ އޮޕަރޭޝަންތައް ހުއްޓާލާފައި އޮންނަތާ 24 ގަޑިއިރު ވެއްޖެ އެވެ.

އިއްޔެ ހެނދުނު ކޫއްޑޫގައި މަސްވެރިން މުޒާހަރާ ފެށީ މަސްވެރިންނަށް ދޭންޖެހޭ ފައިސާ ނުލިބި ތިން މަސް ވެއްޖެ ކަމަށް ބުނެ، އެކަމުގެ ކަންބޮޑުވުން ފާޅުކުރުމަށެވެ. އެކަމާ ގުޅިގެން ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް އިއްޔެ ވަނީ ށ. އަތޮޅުގައި ހުންނެވުމަށް ފަހު، ކޫއްޑު އަށް ވަޑައިގެން މަސްވެރިންނާ ބައްދަލުކުރައްވައިފަ އެވެ. ނަމަވެސް އެކަމަށް ހައްލެއް ނުލިބުނެވެ.

މަސްވެރިންނަށް ފައިސާ ނުލިބޭ ކަމަށް ބުނެ ޝަކުވާކުރި ނަމަވެސް މި ސަރުކާރުން މިހާތަނަށް ވަނީ 400 މިލިއަނަށް ވުރެ ގިނަ ފައިސާ އެ މީހުންނަށް ދޫކޮށްފަ އެވެ. މިހާރު ދޫނުކޮށް ހުރި 300 މިލިއަނެއްހާ ރުފިޔާގެ ތެރެއިން 100 މިލިއަން ރުފިޔާ މި މަހު ދޭން ސަރުކާރުން އެއްބަސްވުމުން ވެސް ކޫއްޑޫގައި މުޒާހަރާކުރާ މީހުން އެ ގޮތް ބޭނުމެއް ނުވި އެވެ. އެ މީހުން ބޭނުންވަނީ ވަގުތުން ފައިސާ ލިބުމަށެވެ.

މިނިސްޓަރު ޝިޔާމް ވިދާޅުވެފައި ވަނީ އަންނަ މަހުގެ 5 ގެ ކުރިން ހުރިހާ ފައިސާއެއް ދޫކޮށް ނިންމައި އޭގެ ފަހުން ބަރާބަރަށް ދުވަހުން ދުވަހަށް މަސްވެރިންނަށް ފައިސާ ދޭން ފަށާނެ ކަމަށެވެ.

އެ މުޒާހަރާގައި އިސްކޮށް ހަރަކާތްތެރިވާ މަސްވެރިއަކު "މިހާރު" އާ ވާހަކަ ދައްކަމުން މިރޭ ބުނީ އިއްޔެ މުޒާހަރާ ފެށި ހިސާބުން ކޫއްޑޫގެ ހުރިހާ އޮޕަރޭޝަންތަކެއް ވެސް ހުއްޓާލާފައިވާ ކަމަށެވެ.

އޭނާ ބުނީ ކޫއްޑޫގައި ކުރަމުންދާ މުޒާހަރާ ހުއްޓާލައި، މަސްވެރިން އެ ރަށުން ފައިބައިގެން ދާނީ ސަރުކާރުން ގަނެފައި ހުރި މަހަށްވާ ފައިސާ އެއްކޮށްދީ ނިންމުމުން ކަމަށެވެ.

"މިފްކޯގެ އެއްވެސް މަސައްކަތެއް ނުކުރެވޭނެ އަޅުގަނޑުމެންނަށް ފައިސާ އެއްކޮށް ދިނުމުން ނޫނީ. މަސް ކިރުމާއި މަސް ހިއްކުމާއި އޮފީހުގައި ކުރަން ޖެހޭ ހުރިހާ މަސައްކަތެއް އިއްޔެ އިން ފެށިގެން ހުއްޓާލާފައި އޮތީ،" އޭނާ ބުންޏެވެ.

މަސްވެރިން މަސައްކަތް ހުއްޓާލައި މުޒާހަރާގައި.--

މަސްވެރިން މަސައްކަތް ހުއްޓާލައި މުޒާހަރާގައި.--

ޖުމްލަ 30 އަށް ވުރެ ގިނަ ދޯނި ކޫއްޑޫގައި މިވަގުތު އޮތްއިރު އެ ތަނުން ބައެއް ދޯނީގައި، ބޭނި މަސް ހުރީ ކިރިޔަ ނުދީ ބަހައްޓައިފަ އެވެ.

"މި ދޯނީގައި އެބަހުރި 15 ޓަނު މަސް. އަދި އެހެން ދޯންޏެއްގައި އެބަހުރި 18 ނޫނީ 19 ޓަނު މަސް. އެ އިން އެއްވެސް އެއްޗެއް ކިރޭނީ ހުރިހާ ފައިސާއެއް ހަވާލު ކުރީމާ،" މުޒާހާރާގެ މަސްވެރިއަކު ބުންޏެވެ.

މިފްކޯގެ މަސައްކަތްތައް ހުއްޓުވާފައި އޮތުމުން އެ ކުންފުނީގެ ސީއީއޯ އަހުމަދު ސަމާހު ރަޝީދު މިހާރު ގެންދަވަނީ ކޫއްޑު އަށް ވަޑައިގެން މަސްދޯނިތަކުގެ ކެޔޮޅުންނާ ބައްދަލު ކުރައްވަމުންނެވެ.

މިނިސްޓަރު ޝިޔާމް އިއްޔެ މަސްވެރިންނާ ބައްދަލު ކުރައްވައި ވިދާޅުވެފައި ވަނީ މަސްވެރިންނަށް ނުދެވި ގާތްގަނޑަކަށް 298 މިލިއަން ރުފިޔާ ހުރިނ ކަމަށާއި އެ ފައިސާ އަންނަ މަހުގެ 5 ކުރިން ޖަމާކޮށްދެއްވާނެ ކަމަށެވެ.

މަސްވެރިންގެ މުޒާހަރާގައި.--

މަސްވެރިންގެ މުޒާހަރާގައި.--

ނަމަވެސް މަސްވެރިން އެގޮތަށް އެއްބަސް ނުވުމުން ސަރުކާރުން ދެން ނިންމީ ނުދެވި ހުރި ފައިސާގެ ތެރެއިން 100 މިލިއަން ރުފިޔާ މި މަހު ދިނުމަށެވެ. އެގޮތަށް ހުށަހެޅުމުން ވެސް ހުރިހާ ފައިސާއެއް ނުދެނީސް ގއ. ކޫއްޑޫން ނުފައިބާނެ ކަމަށް އެ ރަށުގައި މުޒާހަރާކުރާ މަސްވެރިން ވަނީ ބުނެފަ އެވެ.

އިއްޔެ މަސްވެރިންނާ އެކު ބޭއްވި ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވެފައި ވަނީ މަސްވެރިން ބާނާ މަހަށް ފައިސާ ނުލިބިގެން އަންނަ މަހުގެ ފަހަކުން ފެށިގެން މުޒާހަރާކުރަން ނުޖެހޭނެ ކަމަށެވެ.

ސަރުކާރުން ނިންމާފައި ވަނީ ލޯނެއް ނަގައިގެން ވިޔަސް މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ދީ ނިންމުމަށެވެ.