Roadha Mihaaru
އޯލެވެލްގައި ނަބީހާ: ރަށަކަށް ލިބުނު އެންމެ ބޮޑު އުފާ

އޯލެވެލްގައި ނަބީހާ: ރަށަކަށް ލިބުނު އެންމެ ބޮޑު އުފާ

28 ފެބުރުއަރީ 2024

ސްކޫލުގައި އިތުރު ހަރަކާތެއް ބާއްވާނަމަ އެކަމުގައި އެންމެ ކުރީގައި ހުންނަނީ އެ ދަރިވަރެވެ. ގައުމީ ގުރުއާން މުބާރާތްތަކުގައި ބައިވެރިވެ، ރަށާއި އަތޮޅުގެ މުބާރާތްތަކުން ރަން ވަނަތަކެއް ހޯދާއިފައިވާއިރު، އެއީ މަޒުމޫނު ލިޔުމުގެ މުބާރާތްތަކާއި އަދަބީ ކުއިޒްގެ އިތުރުން ވާހަކަދެއްކުމާއި ބަހުސް މުބާރާތްތަކުގައި ވެސް ފާހަގަކުރެވޭ ދަރިވަރެކެވެ. ހއ. ކެލާ، ޝެއިހް އިބްރާހިމް ސްކޫލުން އޯލެވެލް ނިންމި އައިޝަތު ނަބީހާ އަމީން ހޯދައިދިނީ އެ ސްކޫލަށާއި ރަށަށް ލިބުނު އެންމެ ބޮޑު ޝަރަފެވެ. އިނގިރޭސިން ދުނިޔެއިން އެއްވަނަ އާއި ބަޔޮލޮޖީ އަދި ފިޒިކްސް އިން ރާއްޖޭން އެއް ވަނަ އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ސްކޫލުގައި އިތުރު ހަރަކާތެއް ބާއްވާނަމަ އެކަމުގައި އެންމެ ކުރީގައި ހުންނަނީ އެ ދަރިވަރެވެ. ގައުމީ ގުރުއާން މުބާރާތްތަކުގައި ބައިވެރިވެ، ރަށާއި އަތޮޅުގެ މުބާރާތްތަކުން ރަން ވަނަތަކެއް ހޯދާއިފައިވާއިރު، އެއީ މަޒުމޫނު ލިޔުމުގެ މުބާރާތްތަކާއި އަދަބީ ކުއިޒްގެ އިތުރުން ވާހަކަދެއްކުމާއި ބަހުސް މުބާރާތްތަކުގައި ވެސް ފާހަގަކުރެވޭ ދަރިވަރެކެވެ. ހއ. ކެލާ، ޝެއިހް އިބްރާހިމް ސްކޫލުން އޯލެވެލް ނިންމި އައިޝަތު ނަބީހާ އަމީން ހޯދައިދިނީ އެ ސްކޫލަށާއި ރަށަށް ލިބުނު އެންމެ ބޮޑު ޝަރަފެވެ. އިނގިރޭސިން ދުނިޔެއިން އެއްވަނަ އާއި ބަޔޮލޮޖީ އަދި ފިޒިކްސް އިން ރާއްޖޭން އެއް ވަނަ އެވެ.

އޯލެވެލްގެ ހުރިހާ މާއްދާއަކުން އޭ ސްޓާ ހޯދައި ރާއްޖޭގެ ޓޮޕް10ގެ އެއްވަނަ ހޯދި ނަބީހާއަށް އެ ނަތީޖާ ލިބޭނެ ކަމުގެ އުންމީދު އަބަދު ވެސް އޮވެ އެވެ. އެންމެ ކިޔަވާ ހިތް ވާ މާއްދާއަކީ ހިސާބު ކަމުން އޭނާއަށް ވެސް އުންމީދު ކުރެވުނީ އެ މާއްދާއިން ދުނިޔޭގެ ވަނައެއް ލިބޭނެ ކަމަށެވެ. ނަމަވެސް ލިބުނީ އިނގިރޭސި މާއްދާއިންނެވެ.

"މަސައްކަތް ކުރީ މެތްސް އަށް. އެކަމަކު ލިބުނީ އިންގްލިޝްއިން. އަޅުގަނޑުމެން ސްކޫލަށް ސްޓަޑީ ކޭމްޕްއަކަށް އައި ޓީޗަރެއް ބުނި ލިޔުންތައް ކިޔައިލުމަށްފަހު ހީވޭ، އިންގްލިޝްއިން އެއް ވަނަ ލިބުމުގެ ފުރުސަތު އޮތްހެން،" ނަބީހާ ބުންޏެވެ.

ނަބީހާ، ކްލާސް ކުދިންނާ ފިޒިކްސް ޓީޗަރާއެކު.--

ނަބީހާ، ކްލާސް ކުދިންނާ ފިޒިކްސް ޓީޗަރާއެކު.--

އިނގިރޭސި އަށް ނަބީހާ އަށް މޮޅުވީ އޭނާ ގަބޫލުކުރާ ގޮތުގައި ކުޑަ އިރު ވެސް އާންމު ދިރިއުޅުމުގައި ދިވެހިން ވާހަކަ ދެއްކިޔަސް، އިނގިރޭސިން ވާހަކަ ދައްކަން އެނގޭތީ އެވެ.

އޯލެވެލް އިން ރަނގަޅު ނަތީޖާ ހޯދަން ކުރި މަސައްކަތް

ކިޔެވުމުގައި ނަބީހާ އަބަދުވެސް އެންމެ އިސްކަމެއްދޭ އެއް ކަމަކީ ޓީޗަރުން ކްލާހުގައި ކިޔަވައިދޭއިރު އޮޅުން އަރާ ކަމެއް އޮތްނަމަ އެކަމެއް އޯލުން ފިލުވުމެވެ.

"ވަގުތުން ވަގުތަށް ޑައުޓްސް އޮޅުންފިލުވުން. އެ ގަޑީގައި ހަމަ ޓީޗަރުން ކައިރީ އަހައިގެން ޑައުޓްސް އޮޅުން ފިލުވާފައި، އިތުރަށް މައްސަލަ ޖެހޭ ކަމެއް އިނިއްޔާ ގެއަށް ގޮސް އިންޓަނެޓް ބޭނުން ކޮށްގެން ސާޗް ކޮށްގެން އޭގެ މައުލޫމާތު ވަގުތުން ހޯދުން އެންމެ މުހިންމު ކަމަކީ،" އޭނާ ބުންޏެވެ.

ނަބީހާ، އޭނަގެ ކެމިސްޓްރީ ޓީޗަރާއެކު.--

ނަބީހާ، އޭނަގެ ކެމިސްޓްރީ ޓީޗަރާއެކު.--

އޭގެ އިތުރުން ކޮންމެ މާއްދާއަކުން ވެސް ސިލަބަސްގައި ހިމެނޭ ޕޮއިންޓަކަށް ފޯކަސް ކޮށްގެން އެ ހުރިހާ އެއްޗެއް ދަސްވެފައި ހުރިތޯ އަމިއްލަ ނަފްސާ ސުވާލުކޮށްގެން ދެނެގަތުމަކީ މުހިންމު ކަމެއް ކަން ނަބީހާ ބުންޏެވެ.

"ދެން އަޅުގަނޑު އަބަދު ވެސް ސަމާޅުކަން ދޭ ކަމެއް އެއީ ކިޔަން ޖެހޭ ހުރިހާ ދުއާއެއް ކިޔުން. ގެއިން ނިކުންނައިރު އާއި ޓެސްޓަށް ވަންނަ އިރުއާ."

ކިޔެވުމާ އެއްވަރަށް އިތުރު ހަރަކާތްތަކުގައި ވެސް ބައިވެރިވާން ޖެހޭނެ ކަމަށް ނަބީހާ ގަބޫލުކުރެ އެވެ. އޭނާ އަކީ ގްރޭޑް ހަތަރަކުން ފެށިގެން ޕްރިފެކްޓެއްގެ ގޮތުގައި މަސައްކަތް ކުރުމާއި ގާލްގައިޑުގައި ޕެޓްރޯލް ލީޑަރެއްގެ ގޮތުގައި މަސައްކަތް ކުރުމާއި ގްރޭޑް 7 އަދި 8 ގައި ސްކޫލުގެ ލިޓެރަރީ އެސޯސިއޭޝަންގެ ސެކެޓްރީގެ ގޮތުގައި މަސައްކަތް ކުރުމަށް ފަހު އެ އެސޯސިއޭޝަންގެ ވައިސް ޕްރެޒިޑެންޓްގެ މަގާމު ވެސް އަދާކުރި ދަރިވެކެވެ.

ނަބީހާ، ރަށު ސްކޫލުގައި ކިޔަވަން އުޅުނުއިރު ކައިރި ރަށެއްގެ ސްކޫލަކާއެކު ކުޅުނު އެކުވެރިކަމުގެ ހޭންޑްބޯލް މެޗެއްގެ ތެރެއިން.--

ނަބީހާ، ރަށު ސްކޫލުގައި ކިޔަވަން އުޅުނުއިރު ކައިރި ރަށެއްގެ ސްކޫލަކާއެކު ކުޅުނު އެކުވެރިކަމުގެ ހޭންޑްބޯލް މެޗެއްގެ ތެރެއިން.--

ގްރޭޑް 9ގައި ސްކޫލުގެ ވައިސް ކެޕްޓަންގެ މަގާމު ފުރުމަށްފަހު ގްރޭޑް 10ގައި ނަބީހާ އަކީ ޝެއިހް އިބްރާހިމް ސްކޫލުގެ ކެޕްޓަނެވެ. އެ ހުރިހާ މަގާމެއްގައި އުޅުނުއިރު ވެސް ކިޔެވުމާ އެއްވަރަށް އިތުރު ހަރަކާތްތަކުގައި ވެސް އުޅުނެވެ.

"އެންމެ ފަހު ދެ އަހަރު ވެސް އަޅުގަނޑަކީ ސްކޫލުގެ ހޭންޑްބޯލް ކެޕްޓަން، ޓީމުގެ ވެސް ކެޕްޓަން."

ކާމިޔާބީގެ ފަހަތުގައި އާއިލާ އާއި ޓީޗަރުން

ކިޔަވަމުން ކުޅިވަރުގައި އުޅުނު ނަބީހާއަށް ލިބުނު ކާމިޔާބީގެ ފަހަތުގައި އެތައް ގޮތަކުން އެހީތެރިވި އެތައް ބަޔަކު އެބަ ތިއްބެވެ. ހިތްވަރި ދިނުމާއި ބޭނުންވި ކޮންމެ ކަމެއް ކޮށްދިނުމަށް ކައިރީގައި ތިބި މަންމަ އާއި ބައްޕަގެ އިތުރުން ދެފަރާތުގެ އާއިލާ އެވެ. އެއްބަނޑު އެއްބަފާ ކޮއްކޮމެންނެވެ.

"ދެ ފަރާތުގެ އާއިލާ (މަންމަ އާއި ބައްޕަ) އަކީ ވެސް ކިޔެވުމަށް ބާރު އަޅައި، އިލްމީ އާއިލާއެއް. މަންމައާއި ބައްޕަ އަދި ދެ ކޮއްކޮއާއި ތިއްތަގެ އިތުރުން ތާތަ އަދި ދެ ފަރާތުގެ އާއިލާ އަކީ ދިރިއުޅުމުގެ ހުރިހާ ދަނޑިވަޅެއްގައި އެ ބައެއްގެ ފަރާތުން ވަރަށް ބޮޑެތި އެހީތެރިކަން ލިބެމުން އައި، ލިބެމުން އަންނަ ބައެއް،" ނަބީހާ ބުންޏެވެ.

ނަބީހާގެ އާއިލާ.--

ނަބީހާގެ އާއިލާ.--

ނަބީހާ ގަބޫލުކުރާ ގޮތުގައި ކިޔަވާ ކުއްޖެއްގެ ކާމިޔާބީގައި އެންމެ އިސް ދައުރެއް އަދާކުރަނީ ޓީޗަރުންނެވެ. އެގޮތުން އެ ސްކޫލުގެ ޕްރިންސިޕަލް މުހައްމަދު ފަޔާޒު އާއި ލީޑިން ޓީޗަރުންނާއި ގުރޭޑް 9 އާއި 10ގައި ކިޔަވައިދިން ޓީޗަރުން ކޮށްދިން މަސައްކަތް ނަބީހާ ފާހަގަ ކުރި އެވެ.

އެ ސްކޫލުގެ ޕްރިންސިޕަލް ވިދާޅުވި ގޮތުގައި ނަބީހާގެ ކާމިޔާބީ އަކީ އެ ސްކޫލަށް ލިބުނު ވަރަށް ބޮޑު ފަހުރެކެވެ.

"ވަރަށް ކުރިން ފެށިގެން، ރަނގަޅު ނަތީޖާއެއް ހޯދާނެ ކަމަށް އަޅުގަނޑުމެން އުންމީދު ކުރަމުން އައި ދަރިވަރެއް ނަބީހާ އަކީ. ހާއްސަކޮށް ހަމަ ޓޮޕްޓެންގެ އެއްވަނަ އަށް ޓާގެޓް ކުރި ދަރިވަރެއް،" އޭނާ ވިދާޅުވި އެވެ.

ނަބީހާ އަބަދު ވެސް މަސައްކަތް ކުރަނީ ވަކި ޓާގެޓެއް ކަނޑައަޅައިގެން އެ ޓާގެޓް ހާސިލް ކުރުމަށްކަން ޕްރިންސިޕަލް ވިދާޅުވި އެވެ.

"ޓާގެޓް ލިޔާއިރު އަބަދު ވެސް އިންނާނެ ލިޔެލާފައި، ހަމަ އެއްވަނަ އަށޭ މަސައްކަތް ކުރަނީ. އެ ދަރިވަރު އަޅުގަނޑުމެން ކައިރީގަ ބުނެލާފައި އޮތީ ތިމަންނަ މި މަސައްކަތް ކުރަނީ ދުނިޔެއިން ވަނަ އެއް ލިބޭތޯއޭ. ބޮޑަށް ވިސްނަނީ މެތްސްއަށޭ،" އޭނާ ވިދާޅުވި އެވެ.

ނަބީހާއަށް ހިސާބު މާއްދާއިން ދުނިޔެއިން ވަނައެއް ނުލިބުނީ އެންމެ މާކުހެއް މަދުވެގެންނެވެ.

ނަބީހާ، ސްކޫލުގެ ޕްރިންސިޕަލާއެކު.--

ނަބީހާ، ސްކޫލުގެ ޕްރިންސިޕަލާއެކު.--

ކޮންމެ ސްކޫލަކުން ކިޔަވައިގެން ވެސް ރަނގަޅު ކާމިޔާބީއެއް ލިބިދާނެ

އެތައް އަހަރެއް ކުރިން ފެށިގެން ވެސް ގިނަ ބަޔަކު ގަބޫލު ކުރަމުން އައީ ފެންވަރު ރަނގަޅު ތައުލީމެއް ހާސިލްކުރެވޭނީ މާލޭގެ ސްކޫލުތަކުގައި ކިޔަވައިގެން ކަމަށެވެ. ނަމަވެސް ނަބީހާ ފަދަ އެތައް ކުދިންނެއް އަންނަނީ އޯލެވެލް އާއި އޭލެވެލްގައި ވެސް ގައުމާއި ދުނިޔޭގެ ވަނަތައް ހޯދަމުންނެވެ.

"އަޅުގަނޑު އެއް އިރަކު ވެސް ގަބޫލުކުރާ ކަމެއް ނޫން އެއީ އެ ކުއްޖެއްގެ ކާމިޔާބީގެ ސިއްރަކަށް ވާނީ އެ ކުއްޖެއް ކިޔެވި ރަށެއް ކަމަށް ނުވަތަ ސްކޫލެއް ކަމެއް. މިހާރު ޒަމާން މި އޮތީ ވަރަށް ބޮޑަށް ބަދަލުވެފައި. ބޭނުންވާ ކޮންމެ މައުލޫމާތެއް އިންޓަނެޓް މެދުވެރިކޮށް ވެސް ލިބޭ،" ނަބީހާ ބުންޏެވެ.

"ރަށުގައި ކިޔަވައިދޭ ޓީޗަރުންނަކީ ޔުނިވާސިޓީތަކުން ކިޔަވައިގެން ތިބި މޮޅެތި ޓީޗަރުން ހަމަ. އަޅުގަނޑު އެއް އިރަކު ވެސް ޝައްކެއް ނުކުރަން ރަށުން ކިޔަވައިގެން ރަނގަޅު ކާމިޔާބެއް ނުލިބިދާނެ ކަމަކަށް."

ނަބީހާ، އޭނަގެ ކްލާސް ކުދިންނާއި އިނގިރޭސި ޓީޗަރާއެކު ފެއާވެލް ޕާޓީގައި.--

ނަބީހާ، އޭނަގެ ކްލާސް ކުދިންނާއި އިނގިރޭސި ޓީޗަރާއެކު ފެއާވެލް ޕާޓީގައި.--

ސީއެޗްއެސްއީގައި މިހާރު އޭލެވެލް ކިޔަވަމުންދާ ނަބީހާ، އެހެން ކުދިންނަށް ބުނެލަން ބޭނުންވަނީ ކިޔެވުމަކީ ވަކިތަނެއްގައި ހުރެގެން ވާނެ ކަމެއް ނޫން ކަމެވެ. ކޮންމެ ތަނެއްގައި ހުރެގެން ވިޔަސް ރަނގަޅަށް ހިތްވަރާއެކު ކިޔަވައިދިނަމަ ކާމިޔާބުވާނެ ކަމެވެ.

"ކާމިޔާބީއެއް ހޯދުމަށް އެންމެ މުހިންމު ވާނީ ވަރުގަދަ ހިތްވަރާކާއި ނުގުޑާފަދަ އަޒުމެއް. ޖެހޭނީ އަމިއްލާއަށް ޓާގެޓެއް ކަނޑައަޅަން އެ ޓާގެޓާ ހަމައަށް ދާން ކުރަންވީ މަސައްކަތްތައް ދެނެގަންނަން. ދެން އެ މަސައްކަތްތައް ކުރުން. ކޮންމެ ކުއްޖަކަށް ވެސް ވާނެ."