Roadha Mihaaru
މީހެއްގެ އެކައުންޓުން 1.8 މިލިއަން ރުފިޔާ ފޭރިއްޖެ

މީހެއްގެ އެކައުންޓުން 1.8 މިލިއަން ނެގި ބަޔަކު ހައްޔަރުކޮށް ފައިސާތައް ހޯދައިފި

19 ފެބުރުއަރީ 2024

މީހެއްގެ ފޯނު ކޮމްޕްރޮމައިޒްކުރުމަށް ފަހު އޭނާގެ އެމްއައިބީގެ ބޭންކް އެކައުންޓުން 1.8 މިލިއަން ރުފިޔާ ނެގި މައްސަލައެއްގައި ބަޔަކު ހައްޔަރުކޮށް އެ ފައިސާގެ ބޮޑު ބައެއް ހޯދައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މީހެއްގެ ފޯނު ކޮމްޕްރޮމައިޒްކުރުމަށް ފަހު އޭނާގެ އެމްއައިބީގެ ބޭންކް އެކައުންޓުން 1.8 މިލިއަން ރުފިޔާ ނެގި މައްސަލައެއްގައި ބަޔަކު ހައްޔަރުކޮށް އެ ފައިސާގެ ބޮޑު ބައެއް ހޯދައިފި އެވެ.

އިސްކަންދަރުކޮށީގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި، އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުގެ ހެޑް، ސުޕްރިޓެންޑެންޓު އޮފް ޕޮލިސް އަބްދުﷲ ރަޝީދު ވިދާޅުވީ މިދިޔަ އަންގާރަ ދުވަހުގެ ހަވީރު ފެންމަތިވި އެ މައްސަލައިގައި ފައިސާ ހޯދާފައިވަނީ ފޯނާއި ބީއެމްއެލް އެޕްގެ ޕާސްވޯޑު އެނގޭ މީހެއް މެދުވެރިވެގެން ކަމަށެވެ.

އެކަމުގެ ތުހުމަތު 16 އަހަރުގެ ކުއްޖަކާއެކު ތިން ފިރިހެނަކާއި އެއް އަންހެނަކަށް ކުރެވޭއިރު، އޭގެ ތެރެއިން ތިން މީހަކު ވަނީ މިހާރު ހައްޔަރުކޮށްފަ އެވެ. އެނގިފައިވާ ގޮތުގައި އެ ކުޑަކުއްޖާއަކީ، މި ހާދިސާގައި ގެއްލުން ލިބުނު ފިރިހެން މީހާއާ އާއިލީ ގުޅުން އޮންނަ މީހެކެވެ.

ދެން ހައްޔަރުކޮށްފައިވަނީ 24 އަހަރުގެ އަންހެނަކާއި ފިރިހެނެއް އަދި 23 އަހަރުގެ ފިރިހެނެކެވެ.

އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި، އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުގެ ހެޑް، ސުޕްރިޓެންޑެންޓު އޮފް ޕޮލިސް އަބްދުﷲ ރަޝީދު ވާހަކަދައްކަވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި، އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުގެ ހެޑް، ސުޕްރިޓެންޑެންޓު އޮފް ޕޮލިސް އަބްދުﷲ ރަޝީދު ވާހަކަދައްކަވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ރަޝީދު ވިދާޅުވީ ގެއްލުނު ފައިސާގެ 98 ޕަސެންޓް، މައްސަލަ ހުށަހެޅިތާ 48 ގަޑިއިރު ތެރޭ ރިކަވާކޮށްފައިވާ ކަމަށެވެ. އެ ފައިސާއިން ވިޔަފާރިކޮށްފައި ހުރި ތަންތަނާއި ތުހުމަތުކުރެވޭ އެކަކު ދިރިއުޅޭ ގެ ބަލައި ފާސްކޮށްގެން 1.6 މިލިއަން ރުފިޔާ ހޯދާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ފުލުހުން ބުނީ ނުވަ ދުވަސް ތެރޭގައި ފޭރުނު ފައިސާ ބޭނުންކޮށްފައިވަނީ މޮބައިލް ފޯނު، އިލެކްޓްރޯނިކްސް ސާމާނު، ދޫނި އަދި އަތުކުރި ގަޑި ފަދަ ތަކެތި ގަތުމަށް ކަމަށެވެ.

އޭނާ ވިދާޅުވީ ސްކޭމްގެ މައްސަލަތައް ބޮޑުވަމުންދާއިރު، މިއީ ހަމައެކަނި ޖަލުން ކުރާ ކަމެއް ކަމަށް ބުނެ ނިންމާލެވޭކަށް ނެތް ކަމަށެވެ.

އޭނާ ވިދާޅުވީ ވިކްޓިމްގެ އެކައުންޓުން ރުފިޔާ ފޮނުވުމުގައި ޓްރެންޑެއް ފާހަގަވި ކަމަށެވެ. އެގޮތުން، ނަމާދަށް ގޮސްފައި ހުންނަ ވަގުތުތަކުގައި ރުފިޔާ ފޮނުވާފައި ހުރިކަން، މިހާތަނަށް ކުރި ތަހުގީގުން އެނގިފައިވާ ކަމަށް ރަޝީދު ވިދާޅުވި އެވެ.

ހެޑް އޮފް ފްރޯޑް އިންވެސްޓިގޭޝަން، އިންސްޕެކްޓާ އޮފް ޕޮލިސް މަރިޔަމް ރަޝީދާ ވިދާޅުވި ގޮތުގައި އެ މައްސަލަ މިހާތަނަށް ބެލިއިރު، އެމްއައިބީގެ އިހުމާލު އޮތްކަން ފާހަގަނުކުރެވޭ ކަމަށެވެ.

އިންވެސްޓިގޭޝަން އޮފިސަރު، ސާޖަންޓު އަބްދުﷲ ނަދީމް ވިދާޅުވީ އެ ފައިސާ ޓްރާންސްފާ ކޮށްފައިވަނީ ދެ ލޭޔަރަކުން، ތިން މީހެއްގެ އެކައުންޓަށް ކަމަށެވެ. އެންމެ ބޮޑު އަދަދެއް ޓްރާންސްފާ ކޮށްފައިވަނީ ސަސްޕެކްޓް 1 އަށެވެ. އެ މީހާގެ އެކައުންޓަށް، ފަސް ފަހަރެއްގެ މަތިން އެއް މިލިއަން ރުފިޔާ ފޮނުވާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ މައްސަލަ ފުލުހުންނަށް ހުށަހެޅުމާ ދޭތެރޭގައި، އެ މީހުންގެ އެއް އެކައުންޓުން އަނެއް އެކައުންޓަށް ރުފިޔާ ފޮނުވާފައިވާ ކަމަށް ނަދީމް ވިދާޅުވި އެވެ. އެ ފައިސާތައް މިހާރު ވަނީ ހިފަހައްޓައިފަ އެވެ.