Roadha Mihaaru
ހޫތީން ހަމަލާދިން ކާގޯ ބޯޓެއް ފެތެނީ

ހޫތީން ހަމަލާދިން އިނގިރޭސި ވިލާތުގެ ކާގޯ ބޯޓެއް ފެތެނީ

20 ފެބުރުއަރީ 2024

ބެލީޒްގެ ދިދައިގައި ދަތުރުކުރި، އިނގިރޭސި ވިލާތުގައި ރަޖިސްޓްރީކޮށްފައިވާ ކާގޯ ބޯޓަކަށް ޔަމަން ކައިރިން ހޫތީ ހަނގުރާމަވެރިން ހަމަލާ ދިނުމުން ލިބުނު ގެއްލުންތަކުގައި ބޯޓު އަޑިއަށްދާން ފެށުމުން ފަޅުވެރިން ބޯޓު ދޫކޮށް އެއިން ފައިބައިފި އެވެ.

ބެލީޒްގެ ދިދައިގައި ދަތުރުކުރި، އިނގިރޭސި ވިލާތުގައި ރަޖިސްޓްރީކޮށްފައިވާ ކާގޯ ބޯޓަކަށް ޔަމަން ކައިރިން ހޫތީ ހަނގުރާމަވެރިން ހަމަލާ ދިނުމުން ލިބުނު ގެއްލުންތަކުގައި ބޯޓު އަޑިއަށްދާން ފެށުމުން ފަޅުވެރިން ބޯޓު ދޫކޮށް އެއިން ފައިބައިފި އެވެ.

ދިގުމިނުގައި 172 މީޓަރު ހުރި "ރޫބީމާރް" ބޯޓަށް ހަމަލާ ދިނީ ގަލްފް އޮފް އަދަންގެ ތެރެއިން، ބާބް އަލް މަންދަބް އާ ދިމާލަށް ދަނިކޮށެވެ.

މިއީ ހޫތީން މިދިޔަ އަހަރު ފަހުކޮޅު އުޅަނދުތަކަށް ހަމަލާދޭން ފެށި ފަހުން ދިން އެންމެ ނުރައްކާތެރި ހަމަލާގެ ގޮތުގައި ވަނީ ބެލެވިފަ އެވެ. އަދި މިއީ އުޅަނދުތައް ހޫތީންގެ ކިބައިން ސަލާމަތްކުރުމަށް ޔޫރަޕާއި އެމެރިކާއިން ކުރަމުން އަންނަ މަސައްކަތުގެ ނަތީޖާއެއް އަދި ނުފެންނަކަން ވެސް ހާމަވި ހާދިސާއެކެވެ.

އިނގިރޭސި ވިލާތުން ބުނީ ބޯޓު ކައިރީގައި މިހާރު ސިފައިން ހަރަކާތްތެރިވަމުންދާ ކަމަށެވެ.

ގެއްލުންވި ރޫބީމާރްގެ ސެކިއުރިޓީ ފާމް އެލްއެސްއެސް-ސަޕޫ އިން ބުނީ ބޯޓަށް މިސައިލް ދެ ހަމަލާ އަމާޒުވި ކަމަށެވެ.

"ބޯޓު އަޑިއަށް ނުގޮސް އޮތީ ކިރިޔާ،" އެލްއެސްއެސް-ސަޕޫގެ ތަރުޖަމާނަކު ރޮއިޓާސް އަށް ބުންޏެވެ.

އޭނާ ބުނީ ބޯޓު ޓޯކުރެވޭނެ ގޮތްތަކާއި ދެން އެއާ މެދު އަމަލުކުރާނެ ގޮތަކާ މެދު ބޯޓުގެ ވެރިފަރާތާއި މެނޭޖްމަންޓުން މަޝްވަރާކުރަމުން އަންނަ ކަމަށެވެ. ބޯޓަށް ހަމަލާ ދިނުމުން އޭގައި ތިބިއެންމެން ބޯޓުން ފައިބައިފައިވާކަން އޭނާ ޔަގީންކޮށްދިނެވެ.

ހޫތީން ނެރުނު ބަޔާނެއްގައި ވެސް މި ބޯޓަށް "އެތައް ހަމަލާއެއް" ދިން ކަމަށާއި ބޮޑެތި ގެއްލުންތަކެއް ދީފައި ވާނެ ކަމަށް ބުނެފައިވެ އެވެ. އެ ބަޔާނުގައި ބުނީ ބޯޓުގައި ތިބި ފަޅުވެރިންނަށް ގެއްލުމެއް ނުވެ ބޯޓުން ފޭބުނުކަން ކަށަވަރުކޮށްފައި ވާނެ ކަމަށެވެ. ބޯޓަށް ލިބުނު ގެއްލުންތަކުގައި ބޯޓު ފެތުމުގެ ބިރު އެބަ އޮތް ކަމަށް ވެސް ހޫތީން ބުންޏެވެ.

މި ބޯޓު އޮޕަރޭޓްކުރަނީ ލުބްނާން ބަޔަކު އިނގިރޭސި ވިލާތުގެ ސަދަމްޓަމްޓަންގައި ރަޖިސްޓްރީކޮށްފައިވާ ގޯލްޑަން އެޑްވެންޗާ ޝިޕިން ކުންފުނިންނެވެ.

ހޫތީން ބުނަމުން ދަނީ ހަމަލާތައް އަމާޒުކުރަނީ އިޒްރޭލަށް އެހީވާ އަދި ތާއީދުކުރާ ގައުމުތަކާއި ވިޔަފާރިތަކާ ގުޅުން ހުރި އުޅަނދުތަކަށް ކަމަށެވެ. ބޮޑެތި ޝިޕިން ކުންފުނިތަކުން ވަނީ ބައިނަލްއަގުވާމީ ވިޔަފާރީގެ 12 ޕަސެންޓް މުދާ އުފުލާ ކަމަށް އަންދާޒާކުރެވޭ ރަތްކަނޑުން ދަތުރުކުރުން މި ހަމަލާތަކާ ހެދި ސަސްޕެންޑްކޮށް އެތައް ހާސް މޭލެއް ދުރުން އެފްރިކާ ބައްރު ވަށާލައި ދަތުރުކުރަން ފަށައިފަ އެވެ. އެ ސަބަބާ ހެދި މުދާ އުފުލުމުގެ އަގު ވަނީ ވަރަށް ބޮޑުވެފަ އެވެ.