Roadha Mihaaru

ޔޫކޭގައި މުސްލިމުންނާ ދެކޮޅު އަމަލުތައް ދުވަހަކު ނުދާހާ މައްޗަށް

އިނގިރޭސި ވިލާތުގައި މުސްލިމުންނާ ދެކޮޅު އަމަލުތައް ރިޕޯޓްކުރި އަދަދު މިހާތަނަށް އެންމެ ގިނައީ މިދިޔަ އަހަރު ކަމަށާއި އެ ކަންކަން އާންމުވަނީ އޮންލައިން ޕްލެޓްފޯމްތަކާއި އޭއައިގެ ވަސީލަތްތަކާ އެކުގައި ކަމަށް، މުސްލިމުންނާ ދެކޮޅު ހަރަކާތްތައް މޮނިޓަކުރާ އެންޖީއޯއަކުން ބުނެފި އެވެ.

ޔޫކޭގައި މުސްލިމުންނާ ދެކޮޅު އަމަލުތައް ރެކޯޑް މަތީގައި

އިނގިރޭސި ވިލާތުގައި މުސްލިމުންނާ ދެކޮޅު އަމަލުތައް ރިޕޯޓްކުރި އަދަދު މިހާތަނަށް އެންމެ ގިނައީ މިދިޔަ އަހަރު ކަމަށާއި އެ ކަންކަން އާންމުވަނީ އޮންލައިން ޕްލެޓްފޯމްތަކާއި އޭއައިގެ ވަސީލަތްތަކާ އެކުގައި ކަމަށް، މުސްލިމުންނާ ދެކޮޅު ހަރަކާތްތައް މޮނިޓަކުރާ އެންޖީއޯއަކުން ބުނެފި އެވެ.

"މުސްލިމުންނާ ދެކޮޅު ނަފްރަތުގެ އަމަލުތައް ބަލައެއް ނުގަނެވޭނެ. މިއީ ވަރަށް ކަންބޮޑުވާންޖެހޭ މައްސަލައެއް،" އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ ޓެލް މާމާގެ ޑިރެކްޓަރު އީމާން އާތާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިފަދަ ރިޕޯޓްތައް 2012 އިން ފެށިގެން ބަލަހައްޓަމުން އަންނައިރު މިދިޔަ އަހަރު ވެފައި ވަނީ މިހާތަނަށް އެންމެ ގިނަ މައްސަލަ ރިޕޯޓްކުރި އަހަރަށެވެ.

އެ ޖަމާއަތަށް 2024 ވަނަ އަހަރު މުސްލިމުންނާ ދެކޮޅު ނަފްރަތުގެ 6،313 މައްސަލައެއް ހުށަހަޅާފައިވާ ކަމަށާއި އޭގެ ތެރެއިން ގިނަ ކަންކަމަކީ އޮންލައިންގައި ހިނގާފައިވާ ކަންތައްތައް ކަމަށް ވަނީ ބުނެފަ އެވެ. އެ ޖަމާއަތުން ބުނި ގޮތުގައި ހުށަހެޅި މައްސަލަތަކުގެ ތެރެއިން 5،837 ހާދިސާއެއް ކަށަވަރުކުރެވިފައިވެ އެވެ.

މިފަދަ މައްސަލަތައް އެ ޖަމާއަތަށް 2023 ވަނަ އަހަރު ލިބުނު އަދަދަކީ 4،406 ކަމަށާއި އޭގެ ތެރެއިން 3،736 ހާދިސާއެއް ކަށަވަރުކުރެވުނު ކަމަށް ބުންޏެވެ.

މުސްލިމުންނާ މާރާމާރީ ހިންގުމުގެ މައްސަލަތައް 73 ޕަސެންޓް އިތުރުވެފައިވެ އެވެ. އެއީ 2023 ވަނަ އަހަރު 99 މައްސަލަ އަށް ފަހު 2024 ވަނަ އަހަރު 171 މައްސަލަ ހުށަހަޅާފައި ވާތީ އެވެ. މީގެ އިތުރުން އިންޓަނެޓްގެ ވަސީލަތްތަކުން ނޫން ގޮތްގޮތަށް، ގޯނާކުރުމުގެ 2،197 މައްސަލައެއް ވެސް ޓެލް މާމާ އަށް ހުށަހަޅާފައިވެ އެވެ.

ޣައްޒާއަށް 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ހަމަލާ ދޭން ފެށި ފަހުން އަދި މިދިޔަ އަހަރުގެ ޖުލައި މަހު ސައުތުޕޯޓްގައި ތިން އަންހެން ކުއްޖަކު މަރާލި ހާދިސާއަށް ފަހު މިފަދަ މައްސަލަތައް ވަނީ އިތުރުވެފަ އެވެ. މިއީ މުސްލިމް ހިޖުރަވެރިއަކު ހިންގި އަމަލެއް ކަމަށް ބުނެ ދޮގު ވާހަކަތައް ސޯޝަލް ނެޓްވޯކްތަކުގައި ވައިރަލްވުމާ އެކު މުސްލިމުންނާ ދެކޮޅު އަމަލުތައް ގިނަވި އެވެ. އަދި މިހާތަނަށް ޔޫކޭގައި ހިނގާފައިނުވާ ވަރުގެ ބޮޑެތި ހަމަނުޖެހުންތައް ހިންގައި މިސްކިތްތަކާއި އިމިގްރެންޓް ޝެލްޓާތަކަށް ގެއްލުން ވެސް ދީފައިވެ އެވެ. -- އޭއެފްޕީ