Roadha Mihaaru
ފައިސާ ޗާޕުނުކޮށް 13 ބިލިއަން ދައްކައިފިން: ރައީސް

ފައިސާ ޗާޕުނުކޮށް 13 ބިލިއަން ދައްކައިފިން: ރައީސް

24 ޖޫން 2024

އެ މަނިކުފާނު ވެރިކަމަށް ވަޑައިގެން ފައިސާ ޗާޕުކުރުން ހުއްޓާލައި އަދި ރާއްޖެ އަށް ގެއްލުންވާ ގޮތަށް ބޮޑެތި އިންޓްރެސްޓް ރޭޓުގައި ބޮޑެތި ލޯނުތައް ނުނަގައި މިހާތަނަށް އަމިއްލަ ކުންފުނިތަކަށް ހަތަރު ބިލިއަން ރުފިޔާ ސަރުކާރުން ދައްކާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

އެ މަނިކުފާނު ވެރިކަމަށް ވަޑައިގެން ފައިސާ ޗާޕުކުރުން ހުއްޓާލައި އަދި ރާއްޖެ އަށް ގެއްލުންވާ ގޮތަށް ބޮޑެތި އިންޓްރެސްޓް ރޭޓުގައި ބޮޑެތި ލޯނުތައް ނުނަގައި މިހާތަނަށް އަމިއްލަ ކުންފުނިތަކަށް ހަތަރު ބިލިއަން ރުފިޔާ ސަރުކާރުން ދައްކާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

ޕީއެންސީގެ އާ ޖަގަހަ "ޕީއެންސީ ހައުސް" ހުޅުވުމަށް ބޭއްވި ހަފުލާގައި އެ މަނިކުފާނު އެހެން ވިދާޅުވިއިރު، މި ސަރުކާރު މިދިޔަ އަހަރުގެ ނޮވެމްބަރު 17 ގައި ވެރިކަމާ ހަވާލުވިއިރު އެކި ކުންފުނިތަކަށް ނުވަ ބިލިއަން ރުފިޔާ ދައްކަން ޖެހިފައިވާ ކަމަށް ވަނީ ކުރިން ބުނެފަ އެވެ.

ރޭގެ ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ، އަމިއްލަ ކުންފުނިތަކަށް މި ހަތް މަސް ތެރޭގައި ދެއްކި ހަތަރު ބިލިއަން ރުފިޔާގެ އިތުރުން މިހާތަނަށް ސަރުކާރުގެ އެކިއެކި ކުންފުނިތަކަށް ވެސް ހަތް ބިލިއަން ރުފިޔާ ދައްކައި ހަލާސް ކޮށްފައިވާ ކަމަށެވެ. އެއީ ޖުމުލަ 11 ބިލިއަން ރުފިޔާގެ ދަރަންޏަށް ޖެހޭ ފައިސާ އެވެ.

"ފައިސާ ޗާޕުނުކޮށް، އާމްދަނީގެ ގޮތުގައި ލިބުނު ފައިސާ އިން ތަރައްގީގެ މަސައްކަތްތަކާއި އަދިވެސް މުހިންމު ގިނަ ކަންތައްތައް ކުރަމުން ފައިސާ ދައްކަމުން އައީ. ބޭރުގެ ދަރަނީގެ ވެސް 2.7 ބިލިއަން ރުފިޔާ އެންމެ ލޯނެއް ވެސް ޑިފޯލްޓް ނުވެ ވަގުތުން ދައްކަމުން މި އައީ. 2.7 ބިލިއަން ބޭރަށް ވެސް ދައްކައިފިން،" ރައީސް ވިދާލުވި އެވެ.

"ގާތްގަނޑަކަށް 13 ބިލިއަން ރުފިޔާ މި ހަތް މަސް ތެރޭގައި އަޅުގަނޑުމެން މި އޮތީ ދައްކާފައި."

ލޯނު ދެއްކި އަދަދު ކުރުކޮށް:

- އަމިއްލަ ކުންފުނިތަކަށް ހަތަރު ބިލިއަން ރުފިޔާ.

- ސަރުކާރުގެ ކުންފުނިތަކަށް ހަތް ބިލިއަން ރުފިޔާ.

- ބޭރުގެ ދަރަނިތަކަށް 2.7 ބިލިއަން ރުފިޔާ (ލޯނެއް ޑިފޯލްޓް ނުވެ)

- ހަތް މަސް ތެރޭގައި 13 ބިލިއަން ރުފިޔާގެ ދަރަނި ސަރުކާރުން ހަލާސްކުރި.

ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި ސަރުކާރާ ދެކޮޅު މީހުން ފޮރުވަން ބޭނުންވަނީ އެ ވާހަކަތައް ނުވަތަ އެ އަދަދުތަކެވެ. އެކަމަކު ވިދާޅުވީ، ސަރުކާރާއި ޕީއެންސީން ދައްކާނީ ތެދު ވާހަކަތައް ކަަމަށެވެ.

އެ މަނިކުފާނު ރޭ ވެސް ތަކުރާރު ކުރެއްވީ މި ސަރުކާރުން ފައިސާ ޗާޕުކުރުން ހުއްޓާލުމާ ގުޅޭ ވާހަކަތަކެވެ. އެއީ މިދިޔަ ރިޔާސީ އިންތިހާބުގައި އެ މަނިކުފާނު ވެވަޑައިގެންނެވި އެންމެ މުހިންމު އެއް ވައުދުކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އެ ފިޔަވަޅު އެޅުމުން އައިއެމްއެފާއި ވޯލްޑް ބޭންކުން ވަރަށް ބޮޑަށް ބަލައިގަތް ކަމަށެވެ.

ރައީސް މުއިއްޒު ވިދާޅުވީ، ރައްޔިތުންގެ މަޖިލިހުގެ އިންތިހާބެއް ބޯމަތި ވެފައި އޮއްވައި އަދި އޭރުގައި އޮތް ރައްޔިތުންގެ މަޖިލިހުގައި ސިޔާސީ ބާރުވެރިކަމެއް ސަރުކާރަށް ނެތް ދުވަސްވަރެއްގައި ފައިސާ ޗާޕުކުރުން ހުއްޓާލުން ވީ ވަރަށް އުނދަގޫ ނިންމުމަކަށް ކަމަށެވެ.

ޕީއެންސީގެ އާ ޖަގަހަ ހުޅުވަން ރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް މުއިއްޒު ވާހަކަފުޅު ދައްކަވަނީ.

ޕީއެންސީގެ އާ ޖަގަހަ ހުޅުވަން ރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް މުއިއްޒު ވާހަކަފުޅު ދައްކަވަނީ.

"ވަރަށް ފަސޭހަވީސް ކުރިން ވެސް އެކަން ކުރި ގޮތަށް، މިދިޔަ ސަރުކާރުން އަދި އަމުދުން ދުވަހަކު ވެސް ރާއްޖޭގެ ތާރީހުގައި ނުކުރާ ވަރަށް ފައިސާ ޗާޕު ކުރެއްވި ސަރުކާރެއް އެއީ. އަޅުގަނޑު ވަރަށް ގިނައިން އެ ވާހަކަ ދެއްކިން. އޭގެ ކުރީގައި 40 އަހަރު [ފައިސާ ޗާޕުކުރުން] ކުރިހާ ވަރަށް ވުރެ ވެސް ގިނަ ކަން. އެ ގޮތަށް ކޮށްލެވުނީސް ވަރަށް ފަސޭހައިން،" އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، ފައިސާ ޗާޕުކުރުން ހުއްޓާ ނުލައި ކުރިއަށް ދިއުމަކީ އެންމެ ފަސޭހަ މަގު ކަމަށާއި އެކަމަކު އެއީ އިހުލާސްތެރިކަމުގެ މަގު ނޫން ކަަމަށެވެ.

"އެއީ ޝޯޓު ކަޓެއް. އެހެން ނަމަވެސް ގޮސް ނިމޭނީ އެ އަށް ވުރެ ފުން އަނދަވަޅަކަށް. އެހެންވީމާ އެ ހިތި ބޭސް، ބޭހުގެ ނަތީޖާ ރަނގަޅު ބޭސް. އެއީ ހަގީގީ ބޭސް. އެ ބޭސް ދިވެހި ރައްޔިތުންނަށްޓަކައި އަޅުގަނޑު ހިޔާރު ކުރީ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

އެ މަނިކުފާނު ރޭ ވިދާޅުވީ، ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ސޮވެރިން ޑިވެލޮޕްމަންޓު ފަންޑުގައި ވެސް ހުރީ ދެ މިލިއަން ޑޮލަރު ކަމަށާއި އެ ފަންޑުގައި ހުރި ފައިސާ ވެސް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އޮތީ ބޭނުންކޮށްފައި ކަމަށެވެ.

އަޅުގަނޑުމެންގެ ޓާގެޓަކީ މި އަހަރު ނިމޭއިރުގައި [ސޮވެރިން ޑިވެލޮޕްމަންޓު ފަންޑުގެ އަދަދު] 100 އަށް އެރުވުން.--- ރައީސް

ސޮވެރިން ޑިވެލޮޕްމަންޓު ފަންޑުގެ ބޭނުމަކީ ބޭރުގެ ދަރަނި ދައްކަން ބޭނުންވާ ފައިސާ ޖަމާކޮށްފައި ބެހެއްޓުމެވެ.

ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި، މި ސަރުކާރު ވެރިކަމަށް އައިސް އެ ފަންޑަށް އިތުރަށް ފައިސާ ޖަމާކޮށް، އަދަދު މިހާރު 54 މިލިއަން ޑޮލަރަށް އަރަ އެވެ. އެއީ އެކި ކުންފުނިތަކަށް މިހާތަނަށް ދެއްކި ފައިސާ ދައްކަމުން ހޯދި ކާމިޔާބީއެއް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ޕީއެންސީ ހައުސް ހުޅުވަން ރޭ ބޭއްވި ރަސްމިއްޔާތަށް ދިޔަ މީހުން.

ޕީއެންސީ ހައުސް ހުޅުވަން ރޭ ބޭއްވި ރަސްމިއްޔާތަށް ދިޔަ މީހުން.

"އަޅުގަނޑުމެންގެ ޓާގެޓަކީ މި އަހަރު ނިމޭއިރުގައި [ސޮވެރިން ޑިވެލޮޕްމަންޓު ފަންޑުގެ އަދަދު] 100 އަށް އެރުވުން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ އިގުތިސާދީ އެޖެންޑާ ހަމަ ވައުދުވީ ގޮތަށް، އެއީ ކޮން އިރަކު ވީ ވައުދެއް، މެނިފެސްޓޯ އިއުލާން ކުރި ރޭ ހުޅުމާލޭގައި ފުރަތަމަ ރިޔާސީ އިންތިހާބު ފައްޓަން ބޭއްވި ޖަލްސާ އެ ތަނުގައި ދެއްކި ވާހަކަ މިއަދު ވެސް މި ދައްކަނީ. ބަދަލެއް ނުވާނެ،" ރައީސް ވިދާޅުވި އެވެ.

"އެ ދުވަހު އިއުލާންކުރި އެޖެންޑާގައި އޮތް ގޮތަށް މި މަސައްކަތް މި ކުރަނީ."