Roadha Mihaaru
ދަރަނި އަދާކުރަން ލަންކާއިން އީރާނަށް ސައިފަތް ދީފި

ތެލުގެ އަގު އަދާކުރަން ލަންކާއިން އީރާނަށް 20 މިލިއަން ޑޮލަރުގެ ސައިފަތް ފޮނުވައިފި

22 ފެބުރުއަރީ 2024

ބަނގުރޫޓުވެފައިވާ ސްރީ ލަންކާއަށް އީރާނުން ގަނެފައިވާ 251 މިލިއަން ޑޮލަރުގެ ތެލުގެ އަގު އަދާކުރުމުގެ ގޮތުން މިހާތަނަށް 20 މިލިއަން ޑޮލަރުގެ ސައިފަތް ފޮނުވާފައިވާ ކަމަށާއި މިހާރު ލަންކާއަށް ވަޑައިގެން އުޅުއްވާ އީރާންގެ ފޮރިން މިނިސްޓަރު މިކަމާ ހިތްމަޖެހުން ފާޅުކުރައްވާފައިވާ ކަމަށް ލަންކާއިން އިއްޔެ ބުނެފި އެވެ.

"މިހާތަނަށް 20 މިލިއަން ޑޮލަރުގެ ސައިފަތް ބާޓާގެ އުސޫލުން ހެދި ވިޔަފާރީގެ އެއްބަސްވުމާ އެއްގޮތަށް އީރާނަށް ވަނީ ފޮނުވާފައި،" ލަންކާގެ ބޮޑުވަޒީރު ދިނޭޝް ގުނަވަރްދަނާ އީރާންގެ ފޮރިން މިނިސްޓަރު ހުސައިން އަމީރު-އަބްދުލްއަހިއާންއާ ބައްދަލުކުރެއްވުމަށް ފަހު ނެރުނު ބަޔާނެއްގައި ވިދާޅުވި އެވެ.

ސައިފަތުގެ ބަދަލުގައި ތެޔޮ ދޭ ގޮތަށް ޑިސެމްބަރު 2021 ގައި އެއްބަސްވި ނަމަވެސް އިގްތިސާދީ ހާލަތު ގޯސްވެ ރައްޔިތުން ރުޅިވެރިކަމާ އެކު މަގުތަކަށް ނުކުމެ ހިންގި ހަމަނުޖެހުންތަކާއި އެކަމާ ގުޅިގެން ޖުލައި 2022 ގައި ރައީސްކަމުގެ މަގާމުން ގޮޓާބެ ރާޖަޕަކްސަ އިސްތިއުނާ ދެއްވުން ފަދަ މައްސަލަތަކާ ހެދި ސައިފަތް ފޮނުވުން އޮތީ ލަސްވެފަ އެވެ.

އީރާނަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައި އޮންނާތީ، އެ ގައުމުގައި ހުރި ފައިސާ ބޭނުން ނުކޮށް ތެޔޮ ފޮނުވައިގެން، ފެންވަރު ރަނގަޅު ސައިފަތް ހޯދުމުގެ ފުރުސަތު މި އެއްބަސްވުމުގެ ދަށުން އީރާނަށް ވަނީ ފަހިވެފަ އެވެ. ހަމަ އެގޮތަށް، ލަންކާގައި ބޭރު ފައިސާ މަދުވެފައި ވާތީ، އެ ބޭނުން ނުކޮށް ސައިފަތުން އަގު އަދާކުރެވުމުން އެ ގައުމަށް ވެސް ފައިދާ އެވެ.

ބޭރުގެ ދަރަނި 46 ބިލިއަން ޑޮލަރަށް އަރައި އެ ފައިސާ ދެއްކޭނެ ގޮތެއް ނެތި އޭޕްރީލް 2022 ގައި ލަންކާ ބަނގުރޫޓުވިކަން އިއުލާނުކުރި އެވެ. މިދިޔަ އަހަރުގެ ކުރީކޮޅު ލަންކާއިން ވަނީ އައިއެމްއެފްގެ ބެއިލްއައުޓް ހޯދައި 2.9 ބިލިއަން ޑޮލަރު ހޯދައިފަ އެވެ. -- އޭއެފްޕީ