Roadha Mihaaru
ލަންކާ އިން ތެލުގެ ދަރަނި ސައިފަތުން ދައްކަނީ

ލަންކާ އިން އީރާނަށް ސައިފަތުން ދަރަނި ދައްކަނީ

23 ޑިސެމްބަރ 2021

އިރާނުން ތެޔޮ އެތެރެކޮށްގެން ސްރީލަންކާ އިން ދައްކަން ޖެހޭ ފައިސާ، ޑޮލަރުގެ ތާށިކަމާ ހުރެ ސައިފަތުން ދައްކަން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އިރާނުން ތެޔޮ އެތެރެކޮށްގެން ސްރީލަންކާ އިން ދައްކަން ޖެހޭ ފައިސާ، ޑޮލަރުގެ ތާށިކަމާ ހުރެ ސައިފަތުން ދައްކަން ނިންމައިފި އެވެ.

ބޭރު ގައުމަކަށް ދައްކަން ޖެހޭ ދަރަންޏެއް ފުރަތަމަ ފަހަރަށް ސައިފަތުން ދައްކާކަން އިއުލާންކޮށް، ދުނިޔޭގައި އެންމެ ފުޅާކޮށް ސައިފަތް ހައްދާ ގައުމުން ބުނީ އިރާނަށް ތެލުގެ ވިޔަފާރީން ދައްކަން 251 މިލިއަން ޑޮލަރު ދައްކައި، ހަލާސްކުރަން ނިންމާފައި ވަނީ ސައިފަތުން ކަމަށެވެ.

އެއީ އަންނަ އަހަރުން ފެށިގެން ކޮންމެ މަހަކު އީރާނަށް 5 މިލިއަން ޑޮލަރުގެ ސައިފަތް ފޮނުވައިގެންނެވެ. މިކަމާ ބެހޭގޮތުން ސްރީ ލަންކާގެ ވެރިކަންކުރާ ޕާޓީ އަށް ނިސްބަތަވްވަޑައިގަންނަވާ މެމްބަރު އަދި ޕްލާންޓޭޝަން މިނިސްޓަރު ރަމޭޝް ޕަތިރާނާ ވިދާޅުވީ އިރާނުން އެތެރެކުރި ތެލަށް ދައްކަން ޖެހޭ ދަރަނި ސައިފަތުން ދެއްކުމަކީ ގައުމަށް ދިމާވެފައިވާ ބޭރު ފައިސާގެ މައްސަލަ ކުޑަވާނެ ކަމެއް ކަމަށެވެ. އަދި މިކަން މިގޮތަށް ކުރަން ބައިނަލްއަގްވާމީ މުއާހަދާތަކުން ވެސް އެއްވެސް ހުރަހެއް ނެތް ކަމަށް ވިދާޅުވި އެވެ.

"ސަބަބަކީ ސައިފަތަކީ ކާބޯތަކެތީގެ ތެރޭގައި ހިމަނާފައިވާ އެއްޗަކަށްވާތީ. އެހެންވީމަ ކުރިއަށް އޮތް ތަނުގައި ދަރަންޏަށް ދައްކަން ޖެހޭ މިންވަރު ހަމަވަންދެން އަހަރަމެން ކޮންމެ މަހަކު އިރާނަށް ފަސް މިލިއަން ޑޮލަރުގެ ސައިފަތް ފޮނުވަމުން ގެންދާނަން،" ރަމޭޝް ވިދާޅުވި އެވެ.

ރަމޭޝް.

ރަމޭޝް.

ސަރުކާރުގެ މި ނިންމުމާ ބެހޭ ގޮތުން ސިލޯން ޕްލާންޓާޒް އެސޯސިއޭޝަންގެ ތަރުޖަމާނު ރޯޝަން ރާޖަދުރާއީ ވިދާޅުވީ ބޭރަށް ދައްކަން ޖެހޭ ދަރަނި ސައިފަތުން ދެއްކުމަކީ ވަގުތީ ހައްލެއް ކަމަށެވެ. އެހެންވެ ދަރަނީގެ މައްސަލަ ހައްލުކުރަން ހަރުދަނާ އުސޫލުތަކެއް ހަމަޖެއްސުން މުހިއްމު ކަމަށް ވިދާޅުވި އެވެ.

"މިގޮތަށް ސައިފަތް އެކްސްޕޯޓްކުރިޔަސް ވާނެ މާ ބޮޑު ފައިދާއެއް ވެސް ނެތް." އޭނާ ވިދާޅުވި އެވެ.