Roadha Mihaaru
ގަދަ 16 ގެ ޓީމުތައް އޭސީ މިލާން ދެކެ ޖެހިލުންވާނެ

ގަދަ 16 ގެ ޓީމުތައް މިލާން ދެކެ ޖެހިލުންވާނެ: ޕިއޯލީ

23 ފެބުރުއަރީ 2024

ރެންސް، ފްރާންސް (ފެބްރުއަރީ 23) - ޔޫރޮޕާ ލީގުގެ ގަދަ 16 ގެ ޓީމުތައް އޭސީ މިލާން ދެކެ ޖެހިލުން ވާނެ ކަމަށް އެޓީމުގެ ކޯޗު ސްޓެފާނޯ ޕިއޯލީ ބުނެފި އެވެ.

ރެންސް، ފްރާންސް (ފެބްރުއަރީ 23) - ޔޫރޮޕާ ލީގުގެ ގަދަ 16 ގެ ޓީމުތައް އޭސީ މިލާން ދެކެ ޖެހިލުން ވާނެ ކަމަށް އެޓީމުގެ ކޯޗު ސްޓެފާނޯ ޕިއޯލީ ބުނެފި އެވެ.

ޕިއޯލީ މިހެން ބުނީ، ރޭ ކުޅުނު ޕްލޭއޮފް ބުރުގެ ދެވަނަ ލެގަށް ފަހު، 5-3 ގެ އެގްރިގޭޓް ނަތީޖާއަކުން ރެންސް ބަލިކޮށް އޭސީ މިލާން މުބާރާތުގެ ގަދަ 16 އިން ޖާގަ ހޯދުމާ ގުޅިގެންނެވެ.

މިލާނަކީ ޗެމްޕިއަންސް ލީގު ކުޅުނު ޓީމެކެވެ. ޔޫރޮޕާ ލީގު ޕްލޭއޮފް ކުޅެން ޖެހުނީ ޗެމްޕިއަންސް ލީގުގެ ގުރޫޕް ސްޓޭޖުގައި، ވާދަކުރި ގުރޫޕްގެ ތިންވަނަ ލިބުމުންނެވެ. މިދިޔަ ހަފްތާ މިލާން ވަނީ އަމިއްލަ ދަނޑުގައި ކުޅުނު ފުރަތަމަ ލެގު 3-0 އިން ކާމިޔާބު ކޮށްފަ އެވެ.

ރޭގެ މެޗުގައި މިލާނަށް ގޯލުތައް ޖަހައިދިނީ ލޫކާ ޖޮވިޗް އާއި ރަފައެލް ލެއާއޯ އެވެ. ރެންސްގެ ތިން ލަނޑު ވެސް ޖަހައިދިނީ ބެންޖަމިން ބޮރިގޭޑް އެވެ. ތިން ގޯލުގެ ތެރެއިން ދެ ގޯލު ޖެހީ ޕެނަލްޓީންނެވެ.

ރޭގެ މެޗުގައި ޕިއޯލީ، ޓީމަށް އިރުޝާދު ދެނީ.--  ފޮޓޯ: އޭއެފްޕީ

ރޭގެ މެޗުގައި ޕިއޯލީ، ޓީމަށް އިރުޝާދު ދެނީ.-- ފޮޓޯ: އޭއެފްޕީ

"ގަދަ 16 ގައި އަހަރެމެން ވަރުގަދަ ޓީމަކާ ވާދަކުރާނީ. އެއްވެސް ޓީމެއް ފަސޭހަ ނުވާނެ. އެކަމު ކޮންމެ ޓީމެއް ޖެހުނަސް، އިދިކޮޅު ޓީމު އެހާ ގަޔާވާނެ ކަމަކަށް ނުވާނެ މިލާނާ ދެކޮޅަށް ނުކުތުން،" ޔޫރޮޕާ ލީގުގެ ގަދަ 16 ގައި ލިވަޕޫލާއި ބެޔާ ލެވަކޫސެން ފަދަ ޓީމުތަކާ ކުޅެން ޖެހުނަސް ފަރުވާލެއް ނެތް ކަމަށް ބުނަމުން ޕިއޯލީ ފާހަގަ ކުރި އެވެ.

"އެކަމަކު އަހަރެމެން ވިސްނަން ޖެހޭ ކަމެއް އެއީ، ކޮޅަށް ވަންނަ ގޯލުތައް މަދުކުރުން."

އެގްރިގޭޓުން ކުރި ހޯދައިގެން ގަދަ 16 އިން ފުރުސަތު ލިބުނު ނަމަވެސް ރޭގެ މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު މިލާން ވަނީ 3-2 އިން ބަލިވެފަ އެވެ. އަދި އާދިއްތަ ދުވަހުގެ ރޭ އިޓާލިއަން ލީގުގައި މިލާބް ވަނީ 4-2 އިން މޮންޒާ އަތުން ވެސް ބަލިވެފަ އެވެ.

މިއާ އެކު މިލާން މިވަގުތު އޮތީ އިޓާލިއަން ލީގުގައި ކުޅުނު 25 މެޗުން 52 ޕޮއިންޓް ހޯދައިގެން، އިންޓަ މިލާނާއި ޔުވެންޓަސް ފަހަތުން ތާވަލްގެ ތިންވަނައިގަ އެވެ. މިލާނަށް ކުރިއަށް އޮތީ އަންނަ އާދިއްތަ ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި އެޓަލާންޓާއާ ދެކޮޅަށް ކުޅޭ މެޗެވެ.