Roadha Mihaaru
ފަރުކޮޅުން 10 ފޫޓުގެ ކިނބުލެއް ހިފައިފި

ފަރުކޮޅަށް ދަތުރު ދިޔަ ބަޔަކަށް ފެނުނު 10 ފޫޓުގެ ކިނބުލެއް ހިފައިފި

24 ފެބުރުއަރީ 2024

ށ. އަތޮޅު ފަޅުރަށެއް ކަމަށްވާ ފަރުކޮޅުން 10 ފޫޓުގެ ކިނބުލެއް ހިފައިފި އެވެެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ށ. އަތޮޅު ފަޅުރަށެއް ކަމަށްވާ ފަރުކޮޅުން 10 ފޫޓުގެ ކިނބުލެއް ހިފައިފި އެވެެ.

އެ ރަށާ އިންވެގެން އޮތް ށ. ފުނަދޫ ކައުންސިލްގެ ރައީސް އަހުމަދު އިބްރާހިމްފުޅު "މިހާރު" އަށް ވިދާޅުވީ އެ ކިނބޫ ފެނުނީ އެ ރަށަށް ދަތުރު ގޮސް އުޅުނު ބަޔަކަށް ކަމަށެވެ.

އެ މީހުން ފުނަދޫ ޕޮލިހަށް ރިޕޯޓު ކުރުމުން، ޕޮލިހުންނާއި ދަތުރުދިޔަ މީހުން ގޮސް އެ ކިނބޫ ހިފީ ކަމަށް އޭނާ ވިދާޅުވި އެވެ.

"އޭގައި ގާތްގަނޑަކަށް 10 ފޫޓު ހުންނާނެ. މިހާރު އޮތީ މި ރަށު [ފުނަދޫ] ޕޮލިހުގައި. އެމްއެންޑީއެފް މީހުންނާ ހަވާލުކުރާނީ، އެ މީހުން ވެސް އައިސް ތިބީ މިހާރު،" އޭނާ ވިދާޅުވި އެވެ.

ފަރުކޮޅުން ހިފި ކިނބޫ.-- ފޮޓޯ: ފުނަދޫ ކައުންސިލް

ފަރުކޮޅުން ހިފި ކިނބޫ.-- ފޮޓޯ: ފުނަދޫ ކައުންސިލް

އެ ކިނބޫ ހިފަން އުޅޭ ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި ވެސް ދަނީ ދައުރުވަމުންނެވެ.

އެއް ވީޑިއޯގައި ފެންނަނީ އެ ރަށުގެ ގޮނޑުދޮށުގެ ހޭޅިފަށުގައި ހެދިފައިހުރި ގަސްތަކެއްގެ ކައިރީގައި ބަޔަކު ބަލަން ތިބޭ މަންޒަރެވެ. ކުއްލިއަކަށް ހަޅޭއްލަވައިގަނެފައި ދުއްވައިގަންނަ މަންޒަރު ފެންނަ އެ ވީޑިއޯގައި ކިނބޫ އެ ގަސްތަކުގެ ތެރެއިން ނިކުމެގެން ދުވެފައި ގޮސް ވިލު ތެރެއަށް ފީނައިގަންނަނީ އެވެ.

ފަރުކޮޅުން ހިފި ކިނބޫ ފުނަދޫއަށް ގެންގޮސްފައި-- ފޮޓޯ: ފުނަދޫ ކައުންސިލް

ފަރުކޮޅުން ހިފި ކިނބޫ ފުނަދޫއަށް ގެންގޮސްފައި-- ފޮޓޯ: ފުނަދޫ ކައުންސިލް

އެހެން ވީޑިއޯއެއްގައި ފެންނަނީ ޑިންގީގައި ތިބި ބަޔަކު އެ ކިނބުލުގެ އަނގަ އައްސަން އުޅޭ މަންޒަރެވެ.

ކިނބުލަކީ ރާއްޖޭގައި އާއްމުކޮށް އުޅޭ އެއްޗެއް ނޫނަސް، ދޭތެރެދޭތެރެއިން ރާއްޖޭގެ ރަށްރަށުން ފެނެ އެވެ. މިދިޔަ މަހު، ކަނޑިންމަ ރިސޯޓު ކައިރިން ވެސް ވަނީ 9 ފޫޓުގެ ކިނބުލެއް ހިފައިފަ އެވެ.