Roadha Mihaaru
ޕޯޓަލް މިނިސްޓްރީއަށް ދީފި،އެކަމަކު އަދިވެސް ނުވަދެވޭ!

ގެދޮރުވެރިޔާ ޕޯޓަލް ހައުސިން މިނިސްޓްރީ އަށް ލިބިއްޖެ، އެކަމަކު އަދިވެސް ނުވަދެވޭ!

26 ފެބުރުއަރީ 2024

ގެދޮރުވެރިޔާ ސްކީމުން ފްލެޓަށް ކުރިމަތިލި މީހުންގެ މައުލޫމާތު ހިމެނޭ ޕޯޓަލް، އޭސީސީގެ ތަހުގީގަށް ހިފެހެއްޓުމަށް ފަހު މިދިޔަ ހަފުތާގައި ދޫކޮށްފައިވީ ނަމަވެސް ހައުސިން މިނިސްޓްރީން ފުރިހަމަ ކުރަންޖެހޭ ފަންނީ ބައެއް ކަންކަން އަދި އެއްކޮށް ނުނިމޭތީ އެ އަށް އަދިވެސް ނުވަދެވޭ ކަމަށް އެ މިނިސްޓްރީން މިއަދު ބުނެފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ގެދޮރުވެރިޔާ ސްކީމުން ފްލެޓަށް ކުރިމަތިލި މީހުންގެ މައުލޫމާތު ހިމެނޭ ޕޯޓަލް، އޭސީސީގެ ތަހުގީގަށް ހިފެހެއްޓުމަށް ފަހު މިދިޔަ ހަފުތާގައި ދޫކޮށްފައިވީ ނަމަވެސް ހައުސިން މިނިސްޓްރީން ފުރިހަމަ ކުރަންޖެހޭ ފަންނީ ބައެއް ކަންކަން އަދި އެއްކޮށް ނުނިމޭތީ އެ އަށް އަދިވެސް ނުވަދެވޭ ކަމަށް އެ މިނިސްޓްރީން މިއަދު ބުނެފި އެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ފަހި ދިރިއުޅުން ކޯޕަރޭޝަނާ ހަވާލުކޮށްގެން އިމާރާތްކުރަން ފެށި 4،000 ފްލެޓް ލިބުނު މީހުންގެ ދާއިމީ ލިސްޓު އާންމުކުރީ އެ ވެރިކަން ނިމެން ދެ ދުވަހަށް ވެފައި ވަނިކޮށެވެ. އެއާ އެކު، ހަމަ އެ ދުވަހު ފްލެޓްގެ މަސައްކަތް ކުރިއަށް ގެންދިއުން އޭސީސީން ވަނީ ހުއްޓުވައިފަ އެވެ.

އެކަމުގެ ތަހުގީގު ކުރިއަށް ގެންދިޔައިރު އޭސީސީން އޮތީ ޕޯޓަލްގެ އެކްސެސް އެ ކޮމިޝަނަށް އެކަނި ލިބޭ ގޮތަށް ހަދައިފަ އެވެ. އެހެންވެ، ހައުސިން މިނިސްޓްރީ އަށް އެ ޕޯޓަލަކަށް ނުވަދެވެ އެވެ.

ދެ މަސް ދުވަހުގެ ތަހުގީގަށް ފަހު އޭސީސީން އޭރު ބުނެފައި ވަނީ ފްލެޓް ލިބުނު މީހުންގެ 60 ޕަސެންޓް މީހުންނަކީ ޝަރުތު ހަމަނުވާ މީހުން ކަމަށާއި ބާކީ 19.7 ޕަސެންޓަކީ ވެސް ޝަރުތު ހަމަވެ، މައުލޫމާތުގެ ފުށުއެރުންތަކެއް ހުރި ފޯމުތަކެއް ކަމަށެވެ. އެ ތަހުގީގުން އެނގޭ ގޮތުގައި އެއްވެސް މައްސަލައެއް ނެތި ޝަރުތު ފުރިހަމަވަނީ އެންމެ 20.7 ޕަސެންޓް ފޯމެވެ. އެއީ 824 މީހެކެވެ.

އޭސީސީގެ ތަހުގީގު ނުނިމޭތީ ހައުސިން މިނިސްޓްރީ އަށް ފްލެޓްތަކާ މެދު ގޮތް ނިންމުން ވަނީ ލަސްވެފަ އެވެ.

އެ މައްސަލައިގައި ސަރުކާރުން އިތުރަށް ކުރިއަށް ދާނެ ގޮތަކާ މެދު އާންމުން ސުވާލުތައް އުފައްދަމުން ދަނިކޮށް ހައުސިން މިނިސްޓަރު އަލީ ހައިދަރު ވަނީ މިނިވަން ކޮމިޓީއެއް އެކުލަވާލައި، އެއްވެސް މައްސަލައެއް ނެތް މީހުންނަށް ފްލެޓް ދޫކުރުމުގެ މަސައްކަތް މިދިޔަ ހަފުތާގައި ކުރާނެ ކަމަށް ވިދާޅުވެފަ އެވެ.

އެކަމަކު، ޕޯޓަލް އަށް ވަނުމުގެ ހުއްދަ ހައުސިން މިނިސްޓްރީ އަށް އޭސީސީން މީގެ ހަފުތާއެއްހާ ދުވަސް ކުރިން ދޫކޮށްލިޔަސް އެ މިނިސްޓްރީ އަށް އަދިވެސް އެ އަށް ނުވަދެވޭ ކަމަށް އެނގިފައި ވެ އެވެ.

އެއީ، އެނގިފައިވާ ގޮތުގައި، ޕޯޓަލްއަށް އެކްސެސްވެވޭ ލޮގިންތަކުގެ ތަފުސީލް އޭސީސީން މިނިސްޓްރީ އަށް ނުދޭތީ އެވެ. އެހެންވެ، ހައުސިން މިނިސްޓްރީ އަށް އަލުން ޕޯޓަލް އަށް ވަދެވޭނީ، އާ ލޮގިންތަކެއް ހަދައިގެންނެވެ. އެހެންވެ، ލޮގިންތައް ކްރިއޭޓް ކުރުމާއި އެއާ ގުޅޭ ފަންނީ އެހެން ކަންކަން މިނިސްޓްރީން މިހާރު އަންނަނީ ކުރަމުންނެވެ.

ޕޯޓަލް އަށް ވަނުމުގެ ހުއްދަ އޭސީސީން ހައުސިން މިނިސްޓްރީ އަށް ދޫކޮށްލީ، އޭގެ ބެކަޕެއް ވެސް ނެގުމަށް ފަހު އެވެ.

އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިބްރާހިމް ނިޒާމު މިއަދު ވިދާޅުވީ، ފްލެޓްތަކުގެ މައްސަލާގައި މިހާރު ކުރިއަށް ގެންދަނީ އިދާރީ މަސައްކަތްތަކެއް ކަމަށާއި ގާތްގަނޑަކަށް ދެ ތިން ދުވަހެއްގެ ތެރޭގައި އެ މަސައްކަތް އެއްކޮށް ނިންމައި ލެވޭނެ ކަމަށެވެ.

ޝަރުތު ހަމަވާ މީހުންނަށް ދިނުން ލަސްވާ މައްސަލާގައި އާންމުންގެ ފަރާތުން ވެސް ވަނީ ފްލެޓް ދިނުން އަވަސްކުރުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހަޅައިފަ އެވެ.