Roadha Mihaaru
ގައުމުގެ މިސްރާބު ހަމަމަގަމުން ނައްޓައިފި: ސޯލިހް

ބަލަން ތިބެވޭކަށް ނެތް، ގައުމުގެ މިސްރާބު ކަސިޔާރުވެ ހަމަމަގަމުން ނައްޓައިފި: ސޯލިހް

26 ފެބުރުއަރީ 2024

ގައުމުގެ މިސްރާބު ދަނީ އެންމެ ރަނގަޅަށް ނޫން ކަމަށާއި ގައުމުގެ ހާލަތު ބަލަން އިތުރަށް ނުތިބެ، ހަމަމަގަށް އަޅުވަން ޖެހިފައިވާ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެ އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

ގައުމުގެ މިސްރާބު ދަނީ އެންމެ ރަނގަޅަށް ނޫން ކަމަށާއި ގައުމުގެ ހާލަތު ބަލަން އިތުރަށް ނުތިބެ، ހަމަމަގަށް އަޅުވަން ޖެހިފައިވާ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެ އެވެ.

އަންނަ މަހު 17 ގައި ބާއްވާ މަޖިލިސް އިންތިހާބުގެ ކެމްޕެއިނު ރަސްމީކޮށް ލޯންޗު ކުރުމަށް ބޭއްވި ޖަލްސާގައި ސޯލިހު ވިދާޅުވީ ރިޔާސީ އިންތިހާބުގެ ނާކާމިޔާބީއަށް ފަހު އެމްޑީޕީއަށް ކުރިމަތިލާން ޖެހުނީ ވަރަށް ތަފާތު ތަޖުރިބާތަކެއް ކަމަށެވެ.

އެ ހާލަތުގައި ބައެއް މަޖިލިސް މެންބަރުން ޕާޓީއާ ފެޔަށް ޖެހި، ޕާޓީއަށް މާޔޫސްކަމެއް ކުރިމަތިވެ މަޑުޖެހުމެއް އައި ނަމަވެސް، އެ ތަޖުރިބާގެ އަލީގައި އަނެއްކާ ވެސް ތަރުތީބުވެގެން އެމްޑީޕީ މައިދާނަށް ނުކުމެފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ސޯލިހު ވިދާޅުވީ، އެމްޑީޕީއަށް ކުރިމަތިވާ ކޮންމެ ދަތި ދަނޑިވަޅެއްގައި އެމަނިކުފާނު ހުންނަވާނީ އެ ޕާޓީގެ އެންމެ އިސް ސަފުގައި އެކަން ހަމަ މަގަށް އަޅުވަން ކަމަށެވެ.

"ކުރިއަށް މިއޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަކީ [އެކަން ކުރުމަށް] ވަރަށް މުހިންމު އިންތިހާބެއް. އެއް ވިސްނުމެއްގައި އެއް އަޒުމެއްގައި މި އިންތިހާބު ކާމިޔާބުކުރަން ކުރެވެން އޮތް ހުރިހާ ކަމެއް ކުރަން ޖެހޭ،" ސޯލިހު ވިދާޅުވި އެވެ.

"ގައުމުގެ ހާލަތު އެންމެންނަށް އެބަ އިހުސާސް ކުރެވޭ. ބަލަން ތިބެވޭކަށް ނެތް، މިސްރާބު ކަސިޔާރުވެ ހަމަމަގަމުން ނައްޓާލައިފި، ދޮގު ހަދައިފި އޮޅުވާލައިފި."

ގައުމު ހާލަތު އިތުރަށް ބަދަލު ނުކޮށްފި ނަަމަ ކުރިއަށް އޮތް ތަނުގައި ވެސް، މަސްވެރިންނާއި ގޯތި ލިބުނު މީހުންނާއި ދިވެހި ރައްޔިތުންނަށް އޮޅުވާލަމުން ދާނެ ކަމަށް ސޯލިހު ތުހުމަތު ކުރެއްވި އެވެ. އަދި މިއީ ކުރިއަށް އޮތް އިންތިހާބުގައި ބޮޑު އަޣުލަބިއްޔަތެއް ހޯދަން ޖެހޭ ގިނަ ސަބަބުތަކުގެ ތެރެއިން އެއް ސަބަބުގެ ގޮތުގައި ސިފަކުރެއްވި އެވެ.

އެމްޑީޕީން މަޖިލިސް އިންތިހާބުގެ ކެމްޕެއިނު ލޯންޗު ކުރުމަށް ބޭއްވި ޖަލްސާގައި ކުރީގެ ރައީސް ސޯލިހް ވާހަކަދައްކަވަނީ -- ފޮޓޯ: އެމްޑީޕީ

އެމްޑީޕީން މަޖިލިސް އިންތިހާބުގެ ކެމްޕެއިނު ލޯންޗު ކުރުމަށް ބޭއްވި ޖަލްސާގައި ކުރީގެ ރައީސް ސޯލިހް ވާހަކަދައްކަވަނީ -- ފޮޓޯ: އެމްޑީޕީ

ސޯލިހް ވަނީ މަސްވެރިންނާ މެދު މި ސަރުކާރުން ގެންގުޅޭ ސިޔާސަތަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. ޑޮލަރުން 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދޭނެ ކަމަށް ވައުދުވީ ނަމަވެސް މިހާތަނަށް މަސްވެރިންނަށް ފައިދާ ވާ ފަދަ އެއްބަސްވުމެއް ވެސް ނުފެންނަ ކަމަށާއި ފްރީޓްރޭޑު އެއްބަސްވުމަކުން ކުރާނެ ފައިދާއެއް ނެތް ކަމަށް ވިދާޅުވި އެވެ.

"ހަމަ ބޯހަރީ، ގޮތް ދޫނުކުރަނީ. އެންމެ ފުރަތަމަ ވެސް ކުރެއްވި ގޯސްކަމަކީ އަޅުގަނޑު ދަންނަވާނީ މިފްކޯ އެސްޓީއޯއިން ވަކިކުރުން. މިއީކީ އެވަގުތެއް ނޫން،" ނިމިދިޔަ ސަރުކާރުގައި ވެސް އެކަން ކުރަން ހުށަހެޅި ކަން ފާހަގަކުރައްވައި ސޯލިހު ވިދާޅުވި އެވެ.

ސޯލިހު ވިދާޅުވީ އަދިވެސް އެސްޓީއޯގެ ދަށުގައި އޮތް ނަމަ މަސްވެރިންނަށް ފައިސާ ދޭނެ ގޮތްގޮތް ހޯދުނީސް ކަމަށެވެ.

މި ސަރުކާރުން ގެންގުޅޭ ގައުމިއްޔަތު ދިރުވާ އާލާ ކުރުމުގެ ސިޔާސަތަށް ވެސް ސޯލިހު ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

"މިއަދު ވެރިކަމުގައި ތިއްބެވި ބޭފުޅުންނަށް ހީވަނީ މިއީ އާ ގައުމެކޭ، ގައުމިއްޔަތެއް އަލަށް ގެނެސްގެން، މިނިވަން ކަމެއް ބާއްވައިގެން. މި ހުރިހާ ކަމެއް ވެސް މި ހުރިހާ ދުވަހު އޮތޭ، އަޅުގަނޑު ދަންނަވާނީ ހަމަ ބޯހަރީއޭ. ގޮތް ދޫ ނުކުރަނީއޭ،" އެމަނިކުފާނު ވިދާޅުވި އެވެ.