Roadha Mihaaru
އިންޑިއާގެ ޓޫރިސްޓުން މަދުވެ ބޮޑު ގެއްލުމެއް: އިބޫ

އިންޑިއާގެ 20،000 ޓޫރިސްޓުން މަދުވެއްޖެ، އެއީ 68 މިލިއަން ޑޮލަރުގެ ގެއްލުން: އިބޫ

31 މާޗް 2024

ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން އަންނަމުންދިޔަ އިންޑިއާ އިން ވޭދުވެދިޔަ ތިން މަސް ތެރޭ ޓޫރިސްޓުން އައުން ބޮޑު ތަނުން މަދުވެފައިވާ ކަމަށާއި އެއީ 68 މިލިއަން ޑޮލަރުގެ ގެއްލުން ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (ރައީސް އިބޫ) ވިދާޅުވެއްޖެ އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން އަންނަމުންދިޔަ އިންޑިއާ އިން ވޭދުވެދިޔަ ތިން މަސް ތެރޭ ޓޫރިސްޓުން އައުން ބޮޑު ތަނުން މަދުވެފައިވާ ކަމަށާއި އެއީ 68 މިލިއަން ޑޮލަރުގެ ގެއްލުން ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (ރައީސް އިބޫ) ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕެއިންގައި އެމްޑީޕީން ރޭ ބޭއްވި އިވެންޓްގައި ވާހަކަފުޅު ދައްކަވަމުން ކުރީގެ ރައީސް އިބޫ ވިދާޅުވީ މި ސަރުކާރުން ހާރިޖީ ސިޔާސަތު ބައްޓަންކޮށްފައި އޮތް ގޮތުން އިންޑިއާ އިން ރާއްޖެ އަންނަ ޓޫރިސްޓުން ރާއްޖެ އަންނަ މިންވަރު ވަރަށް ބޮޑަށް މަދުވެފައިވާ ކަމަށެވެ.

"މިދިޔަ އަހަރު ފުރަތަމަ ތިން މަސް ތެރޭ 53،000 އެތައް ޓޫރިސްޓުންނެއް ރާއްޖެ އައި. އެހެން ނަމަވެސް މި އަހަރުގެ މިހާތަނަށް އެ އަދަދު ވަނީ 33،000 އަށް މަދުވެފައި. ވިހި ހާހެއްހާ ޓޫރިސްޓުން މަދުވެއްޖެ. މީގެ އިގުތިސޯދީ ގެއްލުން އަޅުގަނޑުމެންގެ މުޅި ގައުމަށް އެބަ ކުރޭ،" އިބޫ ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ހަމައެކަނި ޓޫރިޒަމް ސެކްޓަރަށް އެކަނި ބެއްޔަސް 58 މިލިއަން ޑޮލަރުގެ ގެއްލުން މިދިޔަ ތިން މަސް ތެރޭ ވެފައިވާ ކަމަށާއި ޓޫރިޒަމްއާ ގުޅިފައިވާ އެހެން ސެކްޓަރުތައް އެއްކޮށްލުން ގާތްގަނޑަކަށް 68 މިލިއަން ޑޮލަރުގެ ގެއްލުން ރާއްޖެ އަށް ވެފައިވެ އެވެ.

މިދިޔަ އަހަރު އެއް ވަނައިގައި އޮތް އިންޑިއާ، މިހާރު ވަނީ ޓޫރިސްޓުން ރާއްޖެ އަންނަ ގައުމުތަކުގެ ލިސްޓުގެ ހަ ވަނަ އަށް ވެއްޓިފަ އެވެ. މި މަހުގެ 20 ވަނަ ދުވަހާ ހަމައަށް އިންޑިއާ އިން ރާއްޖެ އައީ 31،649 ޓޫރިސްޓުން ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ.

"މި ދައްކަނީ އެއް ބިލިއަން ރުފިޔާގެ ވާހަކަ. ދައުލަތަށް ލިބޭ އާމްދަނީ މަދުވެގެންދާ ސަބަބަކީ މިއީ. އިގުތިސޯދީ ސިޔާސަތެއް ތަސައްވުރެއް ނެތް. ހަމައެކަނި ޓެކްސްގެ ގޮތުގައި މި ލިބޭ އާމްދަނީ އިތުރުވެގެން މި ދަނީ އަޅުގަނޑުމެން ޓެކްސްގެ ނިޒާމަށް ގެނައި ބަދަލެއްގެ ސަބަބުން. އިތުރު އެއްވެސް ކަމެއް ނުކުރޭ،" އިބޫ ވިދާޅުވި އެވެ.

މިކަމާ މެދު ނުވިސްނައި ދޫކޮށްލައިގެން ތިބެއްޖެ ނަމަ، އިބޫ ވިދާޅުވި ގޮތުގައި އިގުތިސޯދީ ގޮތުން ހީވެސް ނުކުރާހާ ބޮޑު އަނދަވަޅަކަށް ރާއްޖެ ވެެއްޓިގެންދާނެ އެވެ. އެމްޑީޕީ އަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ހޯދަން ޖެހެނީ އެހެންވެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އިބޫ ވިދާޅުވީ އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވިއިރު ވެސް އިގުތިސޯދީ ގޮތުން ރާއްޖެ އޮތީ ރަނގަޅު ހާލަތެއްގައި ނޫން ކަމަށާއި ފިޔަވަޅުތަކެއް އަޅަން ޖެހުނު ކަމަށެވެ. ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ބަޖެޓަށް ބޭނުންވާ 200 މިލިއަން ޑޮލަރު ޕްރޮޖެކްޓް ފައިނޭންސްގެ ގޮތުގައި ހޯދީ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ޕްރޮޖެކްޓް ފައިނޭންސްގެ ގޮތުގައި 800 މިލިއަން ޑޮލަރު ކަށަވަރު ކުރިން، އަދި ފޮރިން ރިޒާވްގައި ހުރި ދަތިތައް ހައްލު ކުރަން 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕެއް ބޭނުން ގަޑިއެއްގައި ބޭނުން ކުރެވޭ ގޮތަށް އަޅުގަނޑުމެން ހޯދިން. އެ ހުރިހާ ކަމެއް ކޮށްފައި އަޅުގަނޑުމެން މަސައްކަތް ފެށީ،" އިބޫ ވިދާޅުވި އެވެ.

ނަމަވެސް، އިބޫ ވިދާޅުވީ މި ސަރުކާރުން މަޝްރޫއުތައް އިއުލާންކޮށް އެ ކަންކަން ފަށަމުން ދަނީ ވެސް އެއްވެސް ޕްލޭނެއް ނެތި ކަމަށާއި އެކަމަށް ބޭނުންވާ ފައިސާ ވެސް ނުހޯދާ ކަމަށެވެ. ހަމައެކަނި ނަގާލާ ފޮޓޯއަކަށް މަޝްރޫއުތައް އިއުލާން ކުރަމުން ދިޔުމުގެ ސަބަބުން އެކަންކަން މެދުކެނޑި ހުއްޓިފައިވާ ކަމަށް އިބޫ ވިދާޅުވި އެވެ.

"މި ސަރުކާރަކީ ކަންކަން ކުރާއިރު ޕްލޭނެއް ނެތި، ރޭވުންތަކެއް ކަމެއް ނެތި، ފައިސާ ނެތި، ހަމައެކަނި ފޮޓޯއެއް ނެގުމަށް ކަން ކުރަމުންދާ ސަރުކާރެއް. އަލުން ޕްލޭން ކުރައްވާ. ފައިސާ ހޯއްދަވާ. ވެލި ހުރިތޯ ބައްލަވާ. އީއައިއޭ ހައްދަވާށޭ. އެއީއޭ މީހުން ކަން ކުރާ ގޮތަކީ،" ފުށިދިއްގަރުފަޅުގެ މަޝްރޫއުއަށް އިޝާރަތް ކުރައްވައި އިބޫ ވިދާޅުވި އެވެ.