Roadha Mihaaru
"ގޯތިތައް ބަހާނުލެވުނީ އެމްޑީޕީގެ މެޖޯރިޓީގެ ސަބަބުން"

އިބޫގެ ރައްދު: ގޯއްޗާއި ފްލެޓު ބަހާނުލެވި އޮތީ އެމްޑީޕީއަށް މަޖިލިސް މެޖޯރިޓީ އޮތުމުން!

28 މާޗް 2024

ނިމިދިޔަ އެމްޑީޕީގެ ސަރުކާރުން ދޫކުރަން ނިންމި ގޯއްޗާއި ފްލެޓުތައް "ނުހައްގުން ބަހާނުލެވި އޮތީ" ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އިދިކޮޅު އެމްޑީޕީ އަށް އޮތުމުން ކަމަށް ވިދާޅުވެ، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ރޭ ރައްދުދެއްވައިފި އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

ނިމިދިޔަ އެމްޑީޕީގެ ސަރުކާރުން ދޫކުރަން ނިންމި ގޯއްޗާއި ފްލެޓުތައް "ނުހައްގުން ބަހާނުލެވި އޮތީ" ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އިދިކޮޅު އެމްޑީޕީ އަށް އޮތުމުން ކަމަށް ވިދާޅުވެ، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ރޭ ރައްދުދެއްވައިފި އެވެ.

އެމްޑީޕީން ހެންވޭރު ތިން ދާއިރާ އަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ ކެމްޕެއިން ހަރަކާތެއްގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު އެފަދައިން ވިދާޅުވީ މަޖިލީހުގެ މެޖޯރިޓީ ލިބިގެން މާލެ ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރު ކޮށްދެވޭ ނަމަ މިހާރާއި މިދިޔަ ފަސް އަހަރު އެކަން ނުވެ އޮތީ ކީއްވެގެންތޯ ވިދާޅުވެ ރައީސް ޑރ. މުހައްމަދު މުއިއްޒު އަމާޒު ކުރެއްވި ސުވާލަކަށް ރައްދު ދެއްވަމުންނެވެ.

އިބޫ ވިދާޅުވީ، ރައީސް މުއިއްޒު ބޭނުންފުޅުވާ ގޮތަށް އެކަން ނުވެ އޮތީ އެމްޑީޕީ އަށް އޮތް ހަނި މެޖޯރިޓީގެ ސަބަބުން ކަމަށެވެ.

"...ލިސްޓު އޮޅާނުލެވިގެން އުޅެނީ މިއަދު ވެސް އަޅުގަނޑުމެންގެ ހަނި މެޖޯރިޓީ މަޖިލީހުގައި އޮތީމައޭ. އެހެން ނޫން ނަމަ އެ ބޭފުޅުން އެ ވިދާޅުވާ ލިސްޓަށް ބޭނުންވާ ބަޔަކަށް އެ ގޯތިތަކާ ފްލެޓުތައް ބަހާ ނިންމާލާނެ،" އެމްޑީޕީގެ އެޑްވައިޒަރުކަން ކުރައްވާ އިބޫ ވިދާޅުވި އެވެ.

ކުރިއަށް އޮތް އިންތިހާބުގައި އެމްޑީޕީ އަށް މަޖިލިސް މެޖޯރިޓީ ލިބިއްޖެ ނަމަ، މިހާރުގެ ލިސްޓް އޮތް ގޮތަށް ވަކި މުއްދަތެއްގެ ތެރޭގައި ހަވާލުކުރާނެ ކަމަށް ވިދާޅުވަމުން ގެންދަވާ ވާހަކަ ތަކުރާރު ކުރައްވައިފަ އެވެ.

ރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އިބޫ ވަނީ ހިއްކަމުން އަންނަ ގުޅީފަޅަށް މި ސަރުކާރުން 85 ހެކްޓަރު އިތުރުކޮށް، ހިއްކަމުންދާ ކަމަށް ސަރުކާރުން ދައްކަމުންދާ ވާހަކައަށް ވެސް ރައްދު ދެއްވައިފަ އެވެ.

އިބޫ ވިދާޅުވީ، ވެރިކަމުން ފައިބައިވަޑައިގެންނެވިއިރު ގުޅީފަޅުގެ ފުރަތަމަ ފިޔަވަހިން 42 ހެކްޓަރު އަދި ދެ ވަނަ ފިޔަވަހިން 60 ހެކްޓަރު ހިއްކާ ނިމިއްޖެ ކަމަށެވެ. އަދިވެސް ކުރިއަށް ދަނީ އެމްޑީޕީ ސަރުކާރުން ހިއްކަން ފެށި ބިމުގެ މަސައްކަތް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"މިހާރު އެންމެ ގަދައަށް ދައްކާ ވާހަކައަކީ އެ ވާހަކަ. ގުޅީފަޅު [ރައީސް] މުއިއްޒު ހިއްކައިދޭ ވާހަކަ މާލޭ ރައްޔިތުންނަށް. ބުހުތާނު ދޮގު. ދޮގު މައްޗަށް ދޮގު އެ ހަދަނީ،" އިބޫ ވިދާޅުވި އެވެ.

"އެޔަކާ މި ސަރުކާރަކާ އެއްވެސް ގުޅުމެއް ނެތް."

ގުޅީފަޅުން ބިން ހިއްކުމަކީ ރަނގަޅު ކަމެއްކަން ފާހަގަކުރައްވައި އިބޫ ވިދާޅުވީ، އެގޮތަށް އޮޅުވާލަން މަސައްކަތް ކުރެއްވުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށެވެ.

އިބޫ ވިދާޅުވީ، މި ސަރުކާރުން މަސައްކަތް ކުރަމުން އަންނަނީ ކުރީ ސަރުކާރުން ދިވެހިންނަށް އެއްވެސް ކަމެއް ކޮށްދީފައި ނުވާކަން ދެއްކުމަށް ކަމަށެވެ.