Roadha Mihaaru
ފުރަތަމަ ފަހަރަށް އެއް މަހުން ދެ ލައްކަ ޓޫރިސްޓުން!

ފުރަތަމަ ފަހަރަށް އެއް މަހުން ދެ ލައްކަ ޓޫރިސްޓުން!

28 ފެބުރުއަރީ 2024

ރާއްޖެ އަށް ފުރަތަމަ ފަހަރަށް އެއް މަހުން ދެ ލައްކަ ޓޫރިސްޓުން އަތުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ރާއްޖެ އަށް ފުރަތަމަ ފަހަރަށް އެއް މަހުން ދެ ލައްކަ ޓޫރިސްޓުން އަތުވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މި މަހުގެ 26 އާ ހަމައަށް ދެ ލައްކަ ޓޫރިސްޓުން އައިސްފައިވާއިރު، އެންމެ ގިނައީ ޗައިނާގެ ޓޫރިސްޓުންނެވެ. މިއީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހަށް ވުރެ 20 ޕަސެންޓު އިތުރު އަދަދެކެވެ. މިދިޔަ މަހުގެ ފެބްރުއަރީ މަސް ނިމުނު އިރު އައީ 177،000 ޓޫރިސްޓުންނެވެ. އެއީ މިދިޔަ އެއް މަސް ތެރޭގައި އެންމެ ގިނަ ޓޫރިސްޓުން އައި މަހެވެ.

މިދިޔަ ޖެނުއަރީ މަހު ވަނީ 192،000 ޓޫރިސްޓުން ރާއްޖެ އައިސްފައި ވެ އެވެ.

މި މަހު އެވްރެޖުކޮށް ކޮންމެ ދުވަހެއްގައި 7،600 ޓޫރިސްޓުން ރާއްޖެ އައިސްފައި ވެ އެވެ. ޓޫރިސްޓުން އެހާ ބޮޑަށް އިތުުރުވީ، ޗައިނާ އިން އަންނަ ފްލައިޓުތައް އިތުރުވުމުންނެވެ. މި އަހަރުގެ މިހާތަނަށް އެ ގައުމުން ވަނީ 52،000 ޓޫރިސްޓުން އައިސްފަ އެވެ. މިއީ ރާއްޖެ އަށް އައި ޖުމްލަ ޓޫރިސްޓުންގެ 13 ޕަސެންޓެވެ. ދެ ވަނަ އަށް އެންމެ ގިނައީ ރަޝިއާގެ ޓޫރިސްޓުންނެވެ. އެ ގައުމުން 37،800 ޓޫރިސްޓުން އައިސްފައި ވެ އެވެ. އިޓަލީ އިން 37،300 ޓޫރިސްޓުން އައި އިރު އިނގިރޭސި ވިލާތުން 34،000 ވަނީ އައިސްފަ އެވެ.

މިއަހަރުގެ މިހާތަނަށް ރާއްޖެ އަށް ވަނީ 390،000 ޓޫރިސްޓުން އައިސްފަ އެވެ. މިއީ މިދިޔަ އަހަރަށް ވުރެ 15 ޕަސެންޓުގެ އިތުރުވުމެކެވެ.

ޗައިނާގެ މާކެޓާ އެކު ރާއްޖެ އަށް އަންނަ ޓޫރިސްޓުން ވަރަށް ބޮޑަށް އިތުރުވި އިރު ކުރިއަށް އޮތް ތަނުގައި ވެސް ރާއްޖެ އަށް އެ ގައުމުގެ އިތުރު އެއާލައިންތަކުން ދަތުރުތައް ފަށާނެ ކަމަށް ދިވެހި ސަރުކާރުން ބުނެފައި ވެ އެވެ. މި ވަގުތު ބެއިޖިން ކެޕިޓަލް އެއާލައިނާއި ޗައިނާ އީސްޓާން އާއި ޝީޒުއާން އެއާލައިނުން ވެސް އަންނަނީ ޗައިނާ އާއި ރާއްޖެއާ ދެމެދު ސީދާ ދަތުރު ކުރަމުންނެވެ. މި މަހު ވަނީ އެ ގައުމުގެ ޒިއޭމަން އެއާލައިންގެ ޗާޓަރު ދަތުރުތަކެއް ވެސް ފަށައިފަ އެވެ.

މި އަހަރުގެ ބަޖެޓު ފޮތުގައިވާ ގޮތުން ދެ މިލިއަން ޓޫރިސްޓުން ރާއްޖެ އަންނާނެ އެވެ. ޓޫރިޒަމް މިނިސްޓްރީގެ އަމާޒަކީ މި އަހަރު 2.3 މިލިއަން ޓޫރިސްޓުން ގެނައުމެވެ.

ރާއްޖެއަށް ޓޫރިސްޓުން އެންމެ ގިނައިން އަންނަ 10 ގައުމު:

1. ޗައިނާ

2. ރަޝިއާ

3. އިޓަލީ

4. އިނގިރޭސި ވިލާތް

5. އިންޑިއާ

6. ޖަރުމަން

7. ފްރާންސް

8. އެމެރިކާ

9. ޕޮލެންޑް

10. ސްވިޒަލެންޑް