Roadha Mihaaru
އިދިކޮޅުން ހުރަސްއަޅައި އިސްކުރަނީ އަމިއްލަ މަސްލަހަތު

އިދިކޮޅުން ތަރައްގީއަށް ހުރަސްއަޅައި ގެންގުޅެނީ ޖެއްސުންކުރުމުގެ ވިސްނުން: ރައީސް

27 ފެބުރުއަރީ 2024

ސަރުކާރާ އިދިކޮޅު ޕާޓީ، އެމްޑީޕީން މާ ބޮޑަށް ސިޔާސީވެ، އަމިއްލަ މަސްލަހަތު އިސްކޮށް، ރައްޔިތުންގެ ކުރިއެރުމާއި ތަރައްގީއަށް ހުރަސްއަޅައި މަޖިލިސް ތެރެއިން ޖެއްސުންކުރުމުގެ ވިސްނުން ގެންގުޅޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

އިފްރާޒް އަލީ ށ. ކަނޑިތީމުން އިފްރާޒް އަލީ

ސަރުކާރާ އިދިކޮޅު ޕާޓީ، އެމްޑީޕީން މާ ބޮޑަށް ސިޔާސީވެ، އަމިއްލަ މަސްލަހަތު އިސްކޮށް، ރައްޔިތުންގެ ކުރިއެރުމާއި ތަރައްގީއަށް ހުރަސްއަޅައި މަޖިލިސް ތެރެއިން ޖެއްސުންކުރުމުގެ ވިސްނުން ގެންގުޅޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ އުތުރަށް ރައީސް ކުރައްވާ ދަތުރުފުޅުގައި މިއަދު ހެނދުނު ށ. ކަނޑިތީމު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ވިދާޅުވީ ރައްޔިތުން ބޭނުންވާ ތަރައްގީ ގެނެސްދޭން ސަރުކާރުން މަސައްކަތް ކުރި ނަމަވެސް، އިދިކޮޅު ޕާޓީގެ ބޮޑު އަޣުލަބިއްޔަތެއް އޮތް ރައްޔިތުންގެ މަޖިލީހުން އެކަމަށް ހުރަސްއަޅަމުންދާ ކަމަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ށ. ކަނޑިތީމުގެ ރައްޔިތުންނާ ބައްދަލުކުރައްވަނީ.-- ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު ށ. ކަނޑިތީމުގެ ރައްޔިތުންނާ ބައްދަލުކުރައްވަނީ.-- ފޮޓޯ: ރައީސް އޮފީސް

ސަރުކާރުން ބޭނުންވާ ކަންކަން ފަސޭހަ ކަމާ އެކު ކޮށްދެވޭނީ ސަރުކާރާ އެއް ވިސްނުމެއްގައި މަސައްކަތް ކުރައްވާނެ މެމްބަރުންތަކެއް މަޖިލީހުގައި ތިބެގެން ކަމަށާއި އަންނަ މަހު 17 ގައި ބާއްވާ މަޖިލިސް އިންތިހާބުގައި ވޯޓުލާއިރު ރައްޔިތުން އެކަމާ މެދު ވިސްނުމަށް ރައީސް މިއަދު ވެސް ގޮވާލެއްވި އެވެ.

މިދިޔަ ތިން މަސްދުވަހުގެ ތެރޭގައި ކަންކަން ފެނުނު ގޮތުން ވިއްޔާ އަދި އޭރު އެ ބޭފުޅުން ވެރިކަމުގައި ތިއްބެވިއިރު ވެސް ގައުމާ ދޭތެރޭގައި ކަންތައްތައް ކުރި ގޮތަށް ބަލާއިރުގައި މުޅިން އެހެން ފަރާތެއްގެ މާ ބޮޑެތި މަސްލަހަތުތަކެއް ހިމާޔަތްކުރުމުގެ އެޖެންޑާއެއް ގެންގުޅެނީ. -- ރައީސް

އެމަނިކުފާނު ވިދާޅުވި ގޮތުގައި މަޖިލީހުން މި އަހަރަށް ބަޖެޓު ފާސްކޮށްދިން އިރުގައި ވެސް ސަރުކާރަށް "ޖެއްސުންކުރުމުގެ ވިސްނުމުގައި" މަޝްރޫއުތައް ނުހިންގޭނެ ގޮތަށް، އެ މަސައްކަތްތަކަށް ބޭނުންވާ ފައިސާއަށް ވުރެ މާ ކުޑަ އަދަދެއް ހިމަނާފައި ހުރުމުން ގޮންޖެހުންތަކާ ވަނީ ކުރިމަތިވެފަ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ށ. ކަނޑިތީމުގެ ރައްޔިތުންނާ ބައްދަލުކުރައްވަން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު ށ. ކަނޑިތީމުގެ ރައްޔިތުންނާ ބައްދަލުކުރައްވަން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް

"މާ ބޮޑަށް ސިޔާސީވެފައި މި އޮންނަނީ. ޕާޓީލައިނުން ވަރަށް ބޮޑަށް އަދި އަމުދުން މިހާރުގެ އިދިކޮޅު ޕާޓީން ވަރަށް ބޮޑަށް ޕާޓީލައިން ނަގަނީ ކަންކަމުގައި. ތަރައްގީގެ ވިސްނުމެއް ނޫން، ގައުމަށް ފައިދާހުރި ކަންކަމެއް ނޫން،" ރައީސް ވިދާޅުވި އެވެ.

"އެ ފަރާތްތަކުގެ އަމިއްލަ ވަކި މަސްލަހަތުތަކެއް އަދި މިހާރު ފެންނަ ގޮތަށް މިދިޔަ ތިން މަސްދުވަހުގެ ތެރޭގައި ކަންކަން ފެނުނު ގޮތުން ވިއްޔާ އަދި އޭރު އެ ބޭފުޅުން ވެރިކަމުގައި ތިއްބެވިއިރު ވެސް ގައުމާ ދޭތެރޭގައި ކަންތައްތައް ކުރި ގޮތަށް ބަލާއިރުގައި މުޅިން އެހެން ފަރާތެއްގެ މާ ބޮޑެތި މަސްލަހަތުތަކެއް ހިމާޔަތްކުރުމުގެ އެޖެންޑާއެއް ގެންގުޅެނީ."

ރައީސް ޑރ. މުހައްމަދު މުއިއްޒު ށ. ކަނޑިތީމުގެ ރައްޔިތުންނާ ބައްދަލުކުރެއްވުން.-- ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު ށ. ކަނޑިތީމުގެ ރައްޔިތުންނާ ބައްދަލުކުރެއްވުން.-- ފޮޓޯ: ރައީސް އޮފީސް

މަޖިލިސް ތެރެއިން އުނދަގޫ ކުރިމަތިކުރުވަމުންދާ ކަމަށް ރައީސް ވިދާޅުވިއިރު، އެމަނިކުފާނުގެ ކެބިނެޓަށް އެމްޑީޕީގެ މެޖޯރިޓީއާ އެކު މަޖިލީހުން ރުހުން ނުދީ ތިން މަސް ދުވަސް ލަސްކުރި އެވެ. ވަޒީރުންނަށް ރުހުން ދިން އިރު ވެސް އެންމެ ރަނގަޅަށް މަސައްކަތްކުރާ ވަޒީރުންނަށް ރުހުން ނުދޭން ވޯޓަށް ވިޕްލައިން ނެރުނެވެ.

ރައީސް ވިދާޅުވަމުން ގެންދަވަނީ މި ސަރުކާރުގެ މަޝްރޫއުތައް ކުރިއަށް ގެންދެވޭނީ ސަރުކާރާ އެއް ވިސްނުމެއްގައި ކުރިއަށްދާން ތިބި ރައްޔިތުންގެ މަންދޫބުންތަކެއް މަޖިލީހުގައި ތިބެގެންނެވެ. މި އިންތިހާބުގައި، ސަރުކާރު ހިންގާ ޕީއެންސީން ވަނީ މަޖިލީހުގެ ގިނަ ދާއިރާތަކަށް ކެންޑިޑޭޓުން ނެރެފަ އެވެ.

ސަރުކާރަށް ތާއީދުކުރާ މެމްބަރުން ހޮވަން ޖެހޭ ކަމަށް ރައީސް ވިދާޅުވި އިރު، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އެމްޑީޕީގެ މަޖިލިސް ކެމްޕެއިން ފެށުމަށް ރޭ މާލޭގައި ބޭއްވި ޖަލްސާގައި މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

ސޯލިހު ވިދާޅުވީ ގައުމުގެ މިސްރާބު ދަނީ އެންމެ ރަނގަޅަށް ނޫން ކަމަށާއި ގައުމުގެ ހާލަތު ބަލަން އިތުރަށް ނުތިބެ، ހަމަމަގަށް އަޅުވަން ޖެހިފައިވާ ކަމަށެވެ.