Roadha Mihaaru
ސަފީރަކު އެދޭގޮތަށް ހިންގަން ފުރުސަތުނުދީ: ރައީސް

ބޭރުގެ ސަފީރަކު ބޭނުންވާ ގޮތަށް ގައުމު ހިންގަން ފުރުސަތު ދީގެން ނުވާނެ: ރައީސް

31 މާޗް 2024

އިދިކޮޅުން ބޭނުންވަނީ ބޭރުގެ އެމްބެސަޑަރަކު ބޭނުންވާ ގޮތަށް ގައުމު ހިންގަން ކަމަށާއި އެ މިސްރާބަށް ގައުމު ގެންދަން ރައްޔިތުން ފުރުސަތު ދީގެން ނުވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

އިދިކޮޅުން ބޭނުންވަނީ ބޭރުގެ އެމްބެސަޑަރަކު ބޭނުންވާ ގޮތަށް ގައުމު ހިންގަން ކަމަށާއި އެ މިސްރާބަށް ގައުމު ގެންދަން ރައްޔިތުން ފުރުސަތު ދީގެން ނުވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕެއިންގައި މިރޭ މާލޭގައި ޕީއެންސީން ބޭއްވި އިވެންޓެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ގައުމު ދެކެ ލޯބިވާ ނަމަ ވިސްނަން ޖެހޭނީ ގައުމާ މެދު ކަމަށާއި ގައުމުގެ ކަންކަމާ މެދު ގޮތް ނިންމަން ޖެހޭނީ ވެސް އަމިއްލައަށް ކަމަށެވެ.

"މިއީ އަމިއްލަވަންތަ ފަހުރުވެރި މިނިވަން ގައުމެއް. މި ގައުމުގެ ކަންކަން ދިވެހިން ނިންމާނީ، ބޭރު ބަޔަކު ބުނާހާ ގޮތަކަށް ކައިރީގައި ހުންނަ އެމްބަސީގެ އެމްބެސެޑަރު ވަޑައިގެން ވިދާޅުވާ ގޮތަށް އެކަންޏެއް ނޫން މި ގައުމުގެ ކަންކަން ހިނގަން ޖެހޭނީ. އެކަން މާޒީކޮށްފި ދިވެހި ރައްޔިތުން،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

"ދެން އަނެއްކާ އެ މަގަށް މިސްރާބު ހިފަން ތިޔަބޭފުޅުން ފުރުސަތު ދީގެން ނުވާނެ. އެ މިސްރާބު ނުހިފިގެން އެ އުޅެނީ."

އެމްޑީޕީގެ މަޖިިލިސް އިންތިހާބުގެ ސްލޯގަން ކަމަށްވާ "މިސްރާބު ހަމަ މަގަށް" އިޝާރާތްކުރައްވަމުން ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އިދިކޮޅު އެމްޑީޕީން ގައުމު ގެންދަން ބޭނުންވާ މިސްރާބަކީ ކަސިޔާރު މިސްރާބެއް ކަމަށާއި އެ މިސްރާބަށް ގައުމު ގެންދަން ހެޔޮނުވާނެ ކަމަށެވެ. ރިޔާސީ އިންތިހާބުގައި ދިވެހި ރައްޔިތުން ވަނީ ގައުމު ހަމަ މިސްރާބަށް އަޅުވާފައި ކަމަށާއި އެހެންވެ ދެން އަލުން ގޯސް މިސްރާބަކަށް ގައުމު ޖެހުމަކީ ސިކުނޑި ތަންދޭނެ ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ.

"ބޭރުގެ އެމްބެސެޑަރު ވިދާޅުވާ ގޮތަށް ގައުމު ހިންގަން މިސްރާބު ހިފަން އެ އުޅެނީ. އެކަމަށް ފުރުސަތު ދެއްވައިގެން ނުވާނެ އިނގޭތޯ. އެއީއެއް ނޫން އަޅުގަނޑުމެން ކަންކަން ކުރަންވީ ގޮތެއް،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މި ސަރުކާރުން ގައުމު ގެންދާނީ ރަނގަޅު މިސްރާބަށް ކަމަށާއި އެ މިސްރާބުން ގައުމު ގެންދިއުމުން ބާރުވެރިވެ، ފުދުންތެރިވާނީ ރައްޔިތުން ކަމަށެވެ. އޭގެ ސަބަބުން އާރޯކަން އަންނާނީ ދިވެހި ގައުމަށް ކަމަށް ވެސް ވިދާޅުވި އެވެ.

"ދިވެހި ގައުމުގައި އިންވެސްޓް ކުރާނެ އިންވެސްޓަރުންނަށް ކޮންފިޑެންސް އަންނާނެ. އެކަން ހަޖަމު ނުވަނީ. އެހެންވެ މިސްރާބުން ކައްސާލެވޭތޯ އެހެން ދިމާލަކަށް ގެންދަން އުޅޭ އުޅުމަށް އަޅުގަނޑުމެން ނުވާނެ އިޖާބަ ދީގެން،" އެމްޑީޕީއަށް ފާޑުވިދާޅުވަމުން ރައީސް ވިދާޅުވި އެވެ.

ރައީސްގެ މިރޭގެ ވާހަކަފުޅުގައި އެމްޑީޕީއަށް އަމާޒުކޮށް ދެއްކެވި ވާހަކަފުޅުގައި ބޭރުގެ ސަފީރެއްގެ ވާހަކަ ގެންނެވި ނަމަވެސް، އެއީ ކޮން ސަފީރެއް ކަމެއް ވިދާޅެއް ނުވެ އެވެ. ނަމަވެސް، އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވި ފަހުން އަވަށްޓެރި އިންޑިއާއާ އެކު އޮތް ގުޅުމަށް ވަނީ އަސަރުކޮށްފަ އެވެ. އަދި އިދިކޮޅު އެމްޑީޕީ އިން އިންޑިއާއާ އެކު ބާއްވާ ގާތް ގުޅުމަށް އެމަނިކުފާނު އަބަދުވެސް ފާޑުވިދާޅުވެ އެވެ.

ރާއްޖޭގައި ގާއިމްވެ ތިބި އިންޑިއާ ސިފައިން ބޭލުމުގެ މަސައްކަތަކީ ރައީސްގެ އެންމެ ބޮޑު ވައުދުފުޅެވެ. އެ މަސައްކަތުގެ ދަށުން އައްޑޫ ސިޓީގައި ގާއިމްވެ ތިބި އިންޑިއާ ސިފައިން ފޮނުވާލާފައިވާއިރު އަންނަ މެއި މަހުގެ 10ގެ ނިޔަލަށް ހުރިހާ ސިފައިން ރާއްޖެ ދޫކޮށްދާނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.