Roadha Mihaaru
ހިތްހަމަނުޖެހުނަސް އެމްޑީޕީއަށް ތާއީދު ނުކުރަން އެދިއްޖެ

ރައީސް އެދިވަޑައިގަތީ ހިތްހަމަނުޖެހުނަސް އެމްޑީޕީ އަށް ތާއީދު ނުކުރަން

03 އެޕްރީލް 2024

މި މަހުގެ 21 ގައި ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ޕީޕީއެމް/ޕީއެންސީ އިން ވަކި ކެންޑިޑޭޓަކަށް ތާއީދުކުރަން ނިންމުމުން، އަމިއްލަ މަސްލަހަތު އިސްކޮށް، އެ ދާއިރާތަކަށް ޕީއެންސީގެ އެހެން ބައެއް މެމްބަރުން ނުކުތުމާއި އެމްޑީޕީ މެމްބަރުންނަށް ތާއީދުކުރާތީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހިތްހަމަނުޖެހުން ފާޅުކުރައްވައިފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

މި މަހުގެ 21 ގައި ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ޕީޕީއެމް/ޕީއެންސީ އިން ވަކި ކެންޑިޑޭޓަކަށް ތާއީދުކުރަން ނިންމުމުން، އަމިއްލަ މަސްލަހަތު އިސްކޮށް، އެ ދާއިރާތަކަށް ޕީއެންސީގެ އެހެން ބައެއް މެމްބަރުން ނުކުތުމާއި އެމްޑީޕީ މެމްބަރުންނަށް ތާއީދުކުރާތީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހިތްހަމަނުޖެހުން ފާޅުކުރައްވައިފި އެވެ.

ލ. ގަމު ދާއިރާ އަށް ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވާ ޔޫސުފް ނަޝީދުގެ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޕީއެންސީގެ ރައީސް މުއިއްޒު އިއްޔެ ރޭ ވަނީ އި ޕީޕީއެމް/ ޕީއެންސީގެ ބައެއް މެމްބަރުން އިދިކޮޅު އެމްޑީޕީއާ ބައިއަތު ހިފައި، ދާއިރާގެ ގޮނޑި ގެއްލޭ ގޮތަށް އަމަލުކުރަމުންދާ ކަމަށް ވިދާޅުވެ، އެކަމުގެ ނުރުހުން ފާޅުކުރައްވައިފަ އެވެ.

"ހިތާމައަކީ އަޅުގަނޑުމެންގެ ތެރެއިން ބަޔަކު މިއަދު އެމްޑީޕީއާ ބައިއަތު އެބަ ހިފާ. އެ ބޭފުޅުންގެ އަމިއްލަ މަސްލަހަތު އިސްކޮށްގެން ދާއިރާގެ ގޮނޑި އަށް ގެއްލުންވާ ގޮތަށް. މިއީ ސައްހަކޮށް އަޅުގަނޑާ ހަމައަށް ލިބިފައި ހުރި މައުލޫމާތު ވީމާ ހިތާމައާ އެކު މިކަން ފާހަގަކުރަން،" ރައީސް ވިދާޅުވި އެވެ.

"މިކަން ނުކުރެއްވުމަށް އަޅުގަނޑު އެދެން."

އެއާ އެކު، ރައީސް ސުވާލު އުފެއްދެވީ ރައްޔިތުން ދާން ބޭނުންވަނީ މިދިޔަ ފަސް އަހަރު ސަރުކާރުގެ މިސްރާބު ހުރި ގޮތަށްތޯ އެވެ. ދީނީ ކަންކަމާއި މިނިވަންކަން ބޮއްސުންލާފައި އޮއްވައި އެކަން އިސްލާހުކުރީ ބުރަ މަސައްކަތުން ކަމަށާއި އެ ހާލަތަށް ގައުމު ވައްޓާލި ބަޔަކާ ގުޅުމަކީ ރަނގަޅު ގޮތް ނޫން ކަމަށް ވިދާޅުވެ، އެކަން ނުކުރެއްވުމަށް ރައީސް މުއިއްޒު އެދިވަޑައިގެންފަ އެވެ.

އަންނަ މަހުގެ 21 ގައި ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ޕީއެންސީގެ ޓިކެޓުގައި މާފަންނު ހުޅަނގު ދާއިރާ އަށް ވާދަކުރައްވާ ބޭފުޅެއްގެ ކެމްޕެއިން ޖަލްސާއެއްގައި ރައީސް މުއިއްޒުގެ ދެކަނބަލުން ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

އަންނަ މަހުގެ 21 ގައި ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ޕީއެންސީގެ ޓިކެޓުގައި މާފަންނު ހުޅަނގު ދާއިރާ އަށް ވާދަކުރައްވާ ބޭފުޅެއްގެ ކެމްޕެއިން ޖަލްސާއެއްގައި ރައީސް މުއިއްޒުގެ ދެކަނބަލުން ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

ރައީސް ވިދާޅުވީ ޕްރައިމަރީން ވަކި ގޮތަކަށް ނިމުމުން ނުވަތަ ސަރުކާރުން ވަކި ކެންޑިޑޭޓަކަށް ތާއީދުކުރުމުން ވެސް އަމިއްލަ މަސްލަހަތު އިސްކޮށް، ބައެއް މީހުން އިންތިހާބަށް ވާދަކުރާ ކަމަށެވެ.

އެގޮތަށް މެމްބަރުން ކަންތައް ކުރުމުގެ ސަބަބުން ފަސޭހަ ކަމާ އެކު، ކާމިޔާބު ކުރެވޭނެ ގޮނޑިތައް ވެސް ގެއްލޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"ވަރަށް ފަސޭހައިން ކާމިޔާބު ކުރެވޭނެ ދާއިރާތަކުގައި މިކަން ދިމާވާތީ ހިތާމަކުރަން. މިކަން ނުކުރެއްވުމަށް އަޅުގަނޑު އެދެން އަޅުގަނޑުމެންގެ ލޮބުވެތި ރައްޔިތުންގެ ކިބައިން،" ރައީސް ވިދާޅުވި އެވެ.

"އެކަން ދިމާވަނީ މަދު ދާއިރާތަކެއްގައި. އެކަމަކު އެ މަދު ދާއިރާތަކަކީ އަޅުގަނޑުމެންނަށް އެންމެ ވަރުގަދަ ދާއިރާތައް ވީމަ މިކަން މި ދަންނަވަނީ."

ރައީސް ވިދާޅުވި ގޮތުގައި، ސަރުކާރުން ވަކި ކެންޑިޑޭޓަކަށް ތާއީދުކުރަން ނިންމާފައި އޮއްވައި، ޕީޕީއެމް/ޕީއެންސީގެ އެހެން މެމްބަރަކު އެ ދާއިރާ އަށް ވާދަކުރާ ނަމަ ވޯޓުތައް ބައިބައިވެ، އެ ގޮނޑިތައް އެމްޑީޕީ ނުވަތަ އެހެން ޕާޓީއަކަށް ކާމިޔާބުވާނެ އެވެ.

"ބާކީ މިއޮތް 20 ދުވަހަކީ އަދި މާ މަދު ދުވަސްކޮޅެއް ނޫން މިކަން ހައްލު ކުރާކަށް. އަޅުގަނޑުމެންގެ އަމިއްލަ އެދުމާއި އަމިއްލަ މަސްލަހަތު ފަހަތަށް ޖައްސާލަން ޖެހޭ. ގައުމު ކުރިއަށް ނެރެން ޖެހޭ. މި ކަމުގައި ލޯމަރާލައިގެން މިއީ ނުހިނގާ ކަމެއްގެ ގޮތުގައި އަޅުގަނޑު ހުންނާކަށް ބޭނުމެއް ނުވާތީ މިތާ ލައިވްކޮށް ޕޯޑިއަމްގައި މި ދެންނެވީ،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި އެކަން އިސްލާހުކުރުމަށް އަދި ވަގުތު އެބަ އޮތެވެ.

ވަކި ދާއިރާއެއް ފާހަގަނުކުރައްވައި ރައީސް އެގޮތަށް ވިދާޅުވިއިރު، ބައެއް ދާއިރާތަކުގައި މައްސަލަ ބޮޑުވެފައި ވަނީ ޕީއެންސީގެ ޕްރައިމަރީ ކާމިޔާބުކުރި ކެންޑިޑޭޓުން ތިއްބައި، އެހެން ކެންޑިޑޭޓުންނަށް ތާއީދުކުރަން ޕީޕީއެމް/ޕީއެންސީ އިން ނިންމުމުންނެވެ.

ރައީސް މުއިއްޒު ވަރަށް ފަހުން ވިދާޅުވެފައި ވަނީ އިންތިހާބާ ދެމެދު ބާކީ މި އޮތް ދުވަސްތަކުގައި އެ މައްސަލަތައް ހައްލު ކުރައްވަން މަސައްކަތްޕުޅު ކުރައްވާނެ ކަމަށެވެ.

ތިމަރަފުށީ ދާއިރާގެ ޕްރައިމަރީ ކާމިޔާބު ކުރެއްވީ އިބްރާހިމް ސަނާހު (ސަންޓޯ) ނަމަވެސް ސަރުކާރުގެ އިސްވެރިން ގެންދަވަނީ އެ ދާއިރާ މިހާރު ވެސް ތަމްސީލުކުރައްވާ އަބްދުﷲ ރިޔާޒުގެ ބޭބެ އަހުމަދު ރިޔާޒަށް ކެމްޕެއިން ކުރަމުންނެވެ. ދެތިން ދާއިރާއެއްގައި މިކަން ވަނީ ބޮޑުވެފަ އެވެ.

ކުރިން ހެންވޭރު މެދު ދާއިރާއަށް ހަސަން ޝިޔާމް (ވީބީ ހަސަން) ޕީއެންސީގެ ޓިކެޓުގައި ވާދަކުރެއްވުމަށް ފަހު، އޭނާގެ ކެންޑިޑެސީ އެ ޕާޓީން ބާތިލުކުރުމުން ފަހުން އަމިއްލަ ގޮތުން ވާދަކުރި އެވެ. އެކަމަކު ސްޕްރީމް ކޯޓުން އޭނާގެ ކެންޑިޑެސީ ބާތިލުކުރުމުން މިހާރު ތާއީދު ކުރަން ނިންމާފައި ވަނީ އެ ދާއިރާ އަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ އިބްރާހިމް އަލީ ޖަލީލު (އިބޫ ޖަލީލް) އަށެވެ.