Roadha Mihaaru
ދިއްދޫގައި މުދަލަށް ގެއްލުން ދިން މައްސަަލަ ބަލަނީ

ދިއްދޫ ފުޓުބޯޅަ މުބާރާތުގެ ހަމަނުޖެހުމުގައި ދައުލަތުގެ މުދަލަށް ގެއްލުން ދިން މައްސަލަ ފުލުހުން ބަލަނީ

13 ޖޫން 2019

ހއ. ދިއްދޫ ކައުންސިލުން ބޭއްވި ފުޓުބޯޅަ މުބާރާތެއްގައި ކުޅުނު މެޗެއް ހޫނުވެ ހިނގި ހަމަނުޖެހުންތަކުގެ ތެރެއިން ދައުލަތުގެ މުދަލަށް ގެއްލުން ދިން މައްސަލަ ބަލަން ފުލުހުން ނިންމައިފި އެވެ.

ހއ. ދިއްދޫ ކައުންސިލުން ބޭއްވި ފުޓުބޯޅަ މުބާރާތެއްގައި ކުޅުނު މެޗެއް ހޫނުވެ ހިނގި ހަމަނުޖެހުންތަކުގެ ތެރެއިން ދައުލަތުގެ މުދަލަށް ގެއްލުން ދިން މައްސަލަ ބަލަން ފުލުހުން ނިންމައިފި އެވެ.

މިދިޔަ ހޯމަ ދުވަހުގެ ރޭ ހިނގި އެ ހަމަނުޖެހުންތަކުގައި ދެ ޓީމުގެ ކުޅުންތެރިންގެ ދެމެދުގައި މާރާމާރީ ހިންގައި، މެޗްު ކުޅުނު ފުޓުސަލް ދަނޑުގެ މެޓު ވެސް ވަނީ ހަލާކުކޮށްލައިފަ އެވެ. އަދި މެޗު އޮފިޝަލުން ތިބޭ ބެންޗަށް ވެސް ގެއްލުން ދިނެވެ.

ދިއްދޫ ފުޓުސަލް ދަނޑަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ދުވަސްވަރު އެ ރަށުގައި އަޅައިދިން ދަނޑެކެވެ.

ފުލުހުން ކުރިން ބުނެފައި ވަނީ ހަމަނުޖެހުމުގެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ނެތް ކަމަށެވެ. އަދި ޓީމުތަކާއި ކުޅުންތެރިންނަށް ދިއްދޫ ކައުންސިލުން ފިޔަވަޅު އަޅާފައިވާކަން ކައުންސިލުން ފުލުހުންނަށް އަންގާފައިވާ ކަމަށް ބުނެފައި ވެ އެވެ.

ދިއްދޫގައި ފުޓްބޯޅަ މެޗެއް ހިންގައި ގޮނޑިތައް ދުރަށް ލާފައި

ދިއްދޫގައި ފުޓްބޯޅަ މެޗެއް ހިންގައި ގޮނޑިތައް ދުރަށް ލާފައި

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ފުޓުބޯޅަ މެޗުގެ ހަމަނުޖެހުމުގެ ތެރެއިން، ދައުލަތުގެ މުދަލަށް ގެއްލުން ދިން މައްސަލަ ބަލަން ނިންމީ ފުލުހުންގެ އިސްނެގުމަށް ކަމަށެވެ. އެ މައްސަލަ ބަލައި ދިނުމަށް ދިއްދޫ ކައުންސިލުން މިހާތަނަށް ހުށަހަޅައިފައެއް ނެތެވެ.

ކައުންސިލުން ޓީމުތަކާއި ކުޅުންތެރިންނަށް ފިޔަވަޅު އެޅުމުން އެކަމާ ދެކޮޅު ހެދުމުގެ ގޮތުން ކައުންސިލް އިދާރާ ކައިރިއަށް ފަންސާހެއްހާ މީހުން އިއްޔެ ރޭ އެއްވެ ހަމަނުޖެހުން ހިންގަން މަސައްކަތް ކޮށްފައިވެ އެވެ. އެކަމަކު، ފުލުހުން ވަނީ އެ މީހުން ކޮންޓްރޯލް ކޮށްފަ އެވެ.

ފުޓުބޯޅަ މެޗުގެ ހަމަނުޖެހުމުގެ ވީޑިއޯ އިން ފެންނަ ގޮތުގައި ތަޅާ ފޮޅުން ފުރަތަމަ ފެށުނީ ދެ ޓީމުގެ ކުޅުންތެރިންގެ މެދުގަ އެވެ. އެއާ އެކު ސަޕޯޓަރުން ވެސް ދަނޑަށް އަރައި ބޮޑު ތަޅާފޮޅުމަކަށް ބަދަލުވި އެވެ. އެކަން ހުއްޓުވަން ފުލުހުންގެ އިތުރުން ބައެއް ސަޕޯޓަރުން މަސައްކަތްކުރާ ތަން ވެސް ފެނެ އެވެ.

ފުރަތަމަ ބުރުގެ ފަހު މެޗުގެ މި ހަމަނުޖެހުން ކޮންޓްރޯލް ވި އިރު ދަނޑުގެ މެޓު ނައްޓާލުމުގެ އިތުރުން މެޗް އޮފިޝަލުން ތިބޭ ބެންޗަށް ވެސް ވަނީ ގެއްލުންތަކެއް ދީފަ އެވެ.