Roadha Mihaaru
ހޮނިހިރު ދުވަހުން ފެށިގެން ލަންކާއަށް އެތެރެވުން މަނާ

ކޮވިޑް-19: ހޮނިހިރު ދުވަހުން ފެށިގެން ލަންކާ އަށް އެތެރެވުން މަނާ، ސަމާލުކަން ދޭން އެދިއްޖެ

19 މެއި 2021

ސްރީ ލަންކާގައި އާދަޔާ ހިލާފު ބާރު ސްޕީޑެއްގައި އަނެއްކާވެސް ކޮވިޑް-19 ފެތުރޭތީ އަންނަ ހޮނިހިރު ދުވަހުން ފެށިގެން އެ ގައުމަށް އެއްވެސް ބަޔަކު އެތެރެވުން މަނާކޮށްފައިވާކަން އަންގާފައިވާ ކަމަށާއި އެހެންވެ އެކަމަށް ސަމާލުކަން ދިނުމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން މިރޭ އެދިއްޖެ އެވެ.

އެ މިނިސްޓްރީން ބުނީ، ކޮވިޑް ކޮންޓްރޯލް ކުރުމަށްޓަަކައި ލަންކާ އިން އަޅާ ފިޔަވަޅުތައް ވަރުގަދަކޮށް، އަންނަ ހުކުރު ދުވަހުގެ ރޭ 11:59 އިން މި މަހުގެ 31 ވަނަ ދުވަހުގެ 11:59 އާ ހަމައަށް އެ ގައުމަށް އެއްވެސް ބަޔަކަށް އެތެރެނުވެވޭނެކަން ލަންކާ ސަރުކާރުން އަންގާފައިވާ ކަމަށެވެ. އެކަމަކު، ލަންކާ އިން އެހެން ގައުމުތަކަށް ދަތުރުކުރެވޭނެ އެވެ.

"ވީމާ ސްރީ ލަންކާ އަށް ދަތުރުކުރައްވަން ގަސްދު ކުރައްވާ ދިވެހިންގެ ސަމާލުކަމަށްޓަކައި މި ވާހަކަ ދެންނެވީމެވެ،" ފޮރިން މިނިސްޓްރީން ބުންޏެވެ.

ދިވެހިން އެންމެ ގިނައިން ދަތުރުކުރާ ގައުމުތަކުގެ ތެރޭގައި ހިމެނޭ ލަންކާގައި މިހާތަނަށް ކޮވިޑް ބަލީގައި ހާހަކަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. އެ ބައްޔަށް މިހާރު ވެސް ޕޮޒިޓިވް ވެފައިވާ މީހުންގެ އަދަދު 28،000 އިން މަތީގައި އުޅޭއިރު ކޮންމެ ދުވަހަކު އެ ގައުމުގައި އަލަށް އެ ބަލި ޖެހޭ މީހުންގެ އަދަދު އުޅެނީ 3،000 އިން މަތީގަ އެވެ.