Roadha Mihaaru
ހޮޅުދޫ ކައިރީގައި އޮންނަ ފަޅުރަށެއް އާބާދުކުރަނީ

ހޮޅުދޫ ކައިރީގައި އޮންނަ ފަޅުރަށެއް އާބާދުކުރަނީ

28 ފެބުރުއަރީ 2024

ނ. ހޮޅުދު އަށް ކުރިމަތިވެފައިވާ ބިމުގެ ދަތިކަމާއި ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށްޓަކާ މި ރަށާ ކައިރީގައި އޮންނަ ފަޅުރަށެއް ކަމަށްވާ ހޮޅުމީދޫ އާބާދުކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

އިފްރާޒް އަލީ ނ. ހޮޅުދޫން އިފްރާޒް އަލީ

ނ. ހޮޅުދު އަށް ކުރިމަތިވެފައިވާ ބިމުގެ ދަތިކަމާއި ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށްޓަކާ މި ރަށާ ކައިރީގައި އޮންނަ ފަޅުރަށެއް ކަމަށްވާ ހޮޅުމީދޫ އާބާދުކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް އެ ގޮތަށް ވިދާޅުވީ އެ މަނިކުފާނު ރާއްޖޭގެ އުތުރުގެ ރަށްތަކަށް މިހާރު ކުރައްވާ ދަތުރުފުޅުގައި މިއަދު ހަވީރު ހޮޅުދޫގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒަށް ނ. ހޮޅުދޫން މަރުހަބާ ކިޔުން.-- ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒަށް ނ. ހޮޅުދޫން މަރުހަބާ ކިޔުން.-- ފޮޓޯ: ރައީސް އޮފީސް

އެ މަނިކުފާނު ވިދާޅުވީ މި ރަށުގެ ތަރައްގީއަ ށް ކުރަން ހުރި ހުރިހާ ކަމެއް މި ފަސް އަހަރު ދުވަހުގެ ތެރޭގައި ކޮށްދެއްވާނެ ކަމަށެވެ. މި ރަށުގައި ފަށާއި އެހެން ނަމަވެސް ނުނިމި ހުރި މަޝްރޫއުތަކާއި އާ މަޝްރޫއުތައް ވެސް ފަށާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"މި ރަށަށް އެންމެ މުހިންމީ ގެދޮރުވެރިކަން. ގެދޮރުވެރިކަން ހާސިލުކުރުމަށް ތި ބޭފުޅުންގެ އިހުތިސާސްގެ ތެރޭގައި، ހޮޅުދޫގެ ބައެއްގެ ގޮތުގައި އޮތް ހޮޅުމީދޫގެ ޕްލޭން ހަދައި އެ ތަނަށް ބޭނުންވާ ހުރިހާ އިންފްރާސްޓްރަކްޗާއެއް ގާއިމްކުރުމަކީ ސަރުކާރުން ވަރަށް އިސްކަމެއް ދޭނެ ކަމެއް. ފެނާއި ނަރުދަމާ އަޅައި މަގުތައް ހަދައި ހުރިހާ ކަމެއް ކޮށްގެން ކުރިއަށް ގެންދާނީ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

އާބާދީގައި 2،000 އަށް ވުރެ ގިނަ މީހުން ދިރިއުޅޭ ހޮޅުދޫގެ ބިން މިހާރު ވަނީ ފުރިފަ އެވެ. އަދި ބިން ހިއްކާނެ ޖާގައެއް ވެސް މިހާރު މި ރަށުގައި ނެތެވެ.

"އަޅުގަނޑު މި ދަންނަވަނީ ތިބޭފުޅުން މި ރަށުގެ ދުރު ރާސްތާ އަށް ވިސްނައިގެން ކުރަން ބޭނުންވާ ހުރިހާ ކަމެއް ކޮށްދޭނަމޭ،" ރައީސް ވިދާޅުވި އެވެ.

ހޮޅުދޫ އަކީ ތައުލީމީ ރޮނގުން ވެސް ވަރަށް ފާހަގަކޮށްލެވޭ ރަށެކެވެ. މި ރަށުގައި ހުންނަ މޭނާ ސްކޫލަކީ ރާއްޖޭގައި ހުންނަ 75 އަހަރުވީ ހަތަރު ސްކޫލްގެ ތެރެއިން އެއް ސްކޫލެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒަށް ނ. ހޮޅުދޫން މަރުހަބާ ކިޔުން.-- ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒަށް ނ. ހޮޅުދޫން މަރުހަބާ ކިޔުން.-- ފޮޓޯ: ރައީސް އޮފީސް

ރައީސް މިއަދު ވިދާޅުވި ގޮތުގައި، މޭނާ ސްކޫލްގެ ޖާގަ އާއި ވަސީލަތްތައް ވެސް އިތުރުކޮށްދީ އަދި މި ސްކޫލަށް މިހާރު އެންމެ ބޮޑަށް ބޭނުންޖެހިފައިވާ ދަނާލު ވެސް ހަދައިދެއްވާނެ އެވެ. މި ރަށުގައި ގައުމީ ޔުނިވާސިޓީގެ ކެމްޕަހެއް ވެސް ހުޅުވާނެ އެވެ. ހޮޅުދޫ އަކީ ތައުލީމީ ގޮތުން ރާއްޖޭގައި ފާހަގަކޮށްލެވޭ ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ރަށަކަށް ވާތީ، މި ރަށުގެ ތައުލީމީ ފެންވަރު މަތިކޮށްދިނުމަށް މަސައްކަތްޕުޅު ކުރެއްވުމަކީ އެ މަނިކުފާނަށް ލިބިވަޑައިގަންނަވާނެ ވަރަށް ބޮޑު ފަހުރަކާއި ޝަރަފެއް ކަމަށް ވެސް ރައީސް މުއިއްޒު ވިދާޅުވި އެވެ.

މި ރަށުގެ ފެނާއި ނަރުދަމާގެ މަޝްރޫއު އާއި މަގުތައް ހެދުމާއި އުދައިގައި ރަށަށް ލިބޭ ގެއްލުންތައް ކުޑަކުރުމަށް ވެސް މަޝްރޫއެއް ހިންގާނެ ކަމަށް ރައީސް ވިދާޅުވި އެވެ.