Roadha Mihaaru
ކަނޑުގެސަރަހައްދު ބެލެހެއްޓުމުގެ ގާބިލްކަން ގާއިމްކުރަނީ

ރާއްޖޭގެ ކަނޑުގެ ސަރަހައްދު 24 ގަޑިއިރު އަމިއްލަ އަށް ބެލެހެއްޓުމުގެ ގާބިލްކަން އަންނަ މަހު ގާއިމްކުރަނީ

28 ފެބުރުއަރީ 2024

ރާއްޖޭގެ ކަނޑުގެ ސަރަހައްދު 24 ގަޑިއިރު އަމިއްލަ އަށް ބެލެހެއްޓުމުގެ ގާބިލްކަން ދިވެހި ސިފައިންގެ ތެރޭގައި އަންނަ މަހު ގާއިމް ކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

އިފްރާޒް އަލީ ނ. މަނަދޫން އިފްރާޒް އަލީ

ރާއްޖޭގެ ކަނޑުގެ ސަރަހައްދު 24 ގަޑިއިރު އަމިއްލަ އަށް ބެލެހެއްޓުމުގެ ގާބިލްކަން ދިވެހި ސިފައިންގެ ތެރޭގައި އަންނަ މަހު ގާއިމް ކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ރައީސް ނ. މަނަދޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ވިދާޅުވީ، ރާއްޖޭގެ ކަނޑުގެ 900،000 އަކަކިލޯމީޓަރުގެ ސަރަހައްދު އަމިއްލަ އަށް ބެލެހެއްޓުމުގެ ގާބިލްކަން މި ވީހާ ޒަމާނުގައި ނެތް ކަމަށެވެ. އެ ސަރަހައްދު އަމިއްލަ އަށް ބެލެހެއްޓުމުގެ ކެޕޭސިޓީ މީގެ ކުރިން ދިވެހި ސަރުކާރުގައި ނެތް ކަމަށް ވިދާޅުވި އެވެ.

"އެހެން ނަމަވެސް، އަބަދާއަބަދު 24 ގަޑިއިރު ހުއްޓުމެއް ނެތި، އަޅުގަނޑުމެންގެ މި ބިޔަ ބޮޑު އެކްސްކްލޫސިވް އިކޮނޮމިކް ޒޯން ބެލެހެއްޓުމުގެ އަމިއްލަ ގާބިލްކަން ގާއިމްކުރުމުގެ މަސައްކަތް ބާރުމިނުގައި ކުރިއަށް ދަނީ. އިރާދަކުރެއްވިއްޔާ އަންނަ މަހު އެކަން ވެސް ފަށާނަން،" ސިފައިންގެ އެންމެ މަތީވެރިޔާ، ރައީސް މުއިއްޒު ވިދާޅުވި އެވެ.

"ދެން އަޅުގަނޑުމެން އެހެން ބައެއްގެ ކިބައިގައި ކަމަކު އެދޭކަށް ނުޖެހޭނެއެއްނޫންތޯ. އަޅުގަނޑުމެން އަމިއްލަ އަށް މެޑިކަލް އިވެކުއޭޝަން ހަދާނީ، އަޅުގަނޑުމެން އަމިއްލަ އަށް އަމިއްލަ ސަރަހައްދު ބަލަހައްޓާނީ."

އެކަމަކު، އެމްއެންޑީއެފުން އެކަން ކުރާނެ ގޮތާއި ސާމާނު ގެނައުމާ ގުޅޭ ތަފުސީލެއް ސަރުކާރުން އަދި ހާމައެއް ނުކުރެ އެވެ. ނަމަވެސް އެ ކަމަށް ބޭނުންވާ ވަސީލަތްތައް ރާއްޖެ އިން ބޭރުން ހޯދުމުގެ ކަންކަން ކުރިއަށް ގެންދާ ކަމަށް އެނގިފައި ވެ އެވެ.

ރާއްޖޭގެ އިގްތިސާދީ ސަރަހައްދު ބެލެހެއްޓުމުގެ މަސައްކަތުގައި މިހާތަނަށް ކޮންމެ ސަރުކާރަކުން ވެސް ބުރަވަނީ އިންޑިއާއަށެވެ. އެކަމަކު، ރައީސް މުއިއްޒު ފެށުނީއްސުރެ ބޭނުންފުޅު ވަނީ އެއްވެސް ގައުމެއްގެ ނުފޫޒެއްގެ ދަށަށް ރާއްޖެ ނުގޮސް އަމިއްލަ އަށް އެފަދަ ކަންކަން ކުރެވޭނެ ގޮތްތަކެއް ހޯދަން ކަމަށް ވާތީ ރާއްޖޭގެ ކަނޑުގެ ސަރަހައްދު ދިވެހި ސިފައިން މެދުވެރިކޮށް ބެލެހެއްޓޭނެ ގޮތްތަކެއް ހޯދަން ނިންމެވީ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު، ނ. މަނަދޫގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު، ނ. މަނަދޫގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް

ރައީސް ވަނީ ސަރުކާރުން އެއާ އެމްބިއުލާންސްގެ ހިދުމަތް ފަށަން ތައްޔާރުވެފައިވާ ކަމާއި އަންނަ ހުކުރު ދުވަހު އެ ހިދުމަތް ރަސްމީކޮށް ފަށާނެ ކަން ވެސް މިރޭ އިއުލާންކުރައްވައިފަ އެވެ.

ސަރުކާރުން ނޭޝަނަލް އެއާ އެމްބިއުލާންސްގެ ހިދުމަތް ފެށުމަށް ގައުމީ އެއާލައިން މޯލްޑިވިއަންގެ ޑޭޝް 8 މަރުކާގެ މަތިންދާބޯޓަކާއި ސީޕްލޭން މަތިންދާބޯޓެއް ވަނީ ތައްޔާރުކޮށްފަ އެވެ.

މެޑިކަލް އިމަޖެންސީ ހާލަތްތަކުގައި ރާއްޖެއިން ބޭރަށް ބަލި މީހުން ވީހާ ވެސް އަވަހަށް ފޮނުވަން ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ސްރީ ލަންކާ އަށް އެއާ އެމްބިއުލާންސް އޮޕަރޭޓްކުރުމުގެ ހުއްދަ ދެ ގަޑިއިރުން ލިބޭނެ އިންތިޒާމް ވެސް ވަނީ މިދިޔަ މަހު ސަރުކާރުން ހަމަޖައްސައިފަ އެވެ.