Roadha Mihaaru
ކޯސްޓް ގާޑުގެ ކެޕޭސިޓީ ދެ ގުނަ ކުރާނަން: ރައީސް

ކޯސްޓް ގާޑުގެ ކެޕޭސިޓީ ދެ ގުނަ ކުރާނަން: ރައީސް

16 މާޗް 2024

ދިވެހި ސިފައިންގެ ކޯސްޓް ގާޑުގެ އުޅަނދުތަކުގެ ހާލަތު މިހާރު ހުރީ ވަރަށް ދަށުގައި ކަމަށާއި އެކަމަކު އެ މަނިކުފާނުގެ ވެރިކަމުގެ ފަސް އަހަރުގައި ކޯސްޓް ގާޑުގެ ކެޕޭސިޓީ ދެ ގުނަ ކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

އަހުމަދު ހަމްދޫން ނ. މާފަރުން އަހުމަދު ހަމްދޫން

ދިވެހި ސިފައިންގެ ކޯސްޓް ގާޑުގެ އުޅަނދުތަކުގެ ހާލަތު މިހާރު ހުރީ ވަރަށް ދަށުގައި ކަމަށާއި އެކަމަކު އެ މަނިކުފާނުގެ ވެރިކަމުގެ ފަސް އަހަރުގައި ކޯސްޓް ގާޑުގެ ކެޕޭސިޓީ ދެ ގުނަ ކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

ސިފައިންގެ އެންމެ މަތީވެރިޔާ ރައީސް މުއިއްޒު އެހެން ވިދާޅުވީ، ދިވެހި އަސްކަރިއްޔާ އަށް ޑްރޯންތައް ތައާރަފުކޮށް، އެ ހިދުމަތް ފެށުމަށް ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

"އެކި ސައިޒުގެ އުޅަނދުތައް އިރާދަކުރެއްވިއްޔާ ހޯދައިދީ، މިހާރު ވެސް އެ މަސައްކަތް އެބަ ހިނގާ، ކުރިން ދެންނެވި ފަދައިން އަޅުގަނޑުމެންނާ ވަރަށް ގާތް ތުރުކީގެ ސަރުކާރާ އެކީގައި. އަދިވެސް އެކުވެރި ބައެއް ގައުމުތަކާ އެކީގައި އެ މުއާމަލާތްތައް ކުރެވެމުން ދަނީ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ކޯސްޓްގާޑުގެ ކަނޑުގެ ކެޕޭސިޓީ ވެސް އިރާދަކުރެއްވިއްޔާ ދާނީ ދުވަހެއް ދުވަހަކަށް މަތި ކުރެވެމުން،" ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ، ކޯސްޓް ގާޑުގެ ބޭނުމަށް ދުއްވާ ކުދި 10 ވަރަކަށް އުޅަނދު އޮތް އިރު ބައެއް ތަކެތި ހުރީ ބޭނުން ނުކުރެވޭ ހާލަތުގައި ކަމަށެވެ.

"މިއީ ހިތާމަ ހުރި ކަމެއް. އެތައް އަހަރެއް މި ދިޔައީ މި ކަންކަމަށް ސަމާލުކަން ނުދެވި، އެހެން ނަމަވެސް މިއީ ދިވެހި އަސްކަރިއްޔާ. މިއީ އެއްގޮތަކަށް ވެސް އަޅުގަނޑުމެން ބަލައިގަންނަން ޖެހޭނެ ކަމެއް ނޫން. ދިވެހިންނަށް ހައްގު މިންވަރެއް ނޫން،" ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ، އެމްއެންޑީއެފްގައި ރޭ ތައާރަފުކުރި އެމްއެންޑީއެފް އެއާ ކޮޕްސްއާ އެކު، ވައިގެ ސިފައިންގެ ބޭނުމަށް އިތުރު އުޅަނދުތައް ހޯދުމުގެ އިތުރުން ކަނޑާއި އެއްގަމުގެ އުޅަނދުތައް ވެސް ކުރިމަގުގައި އިތުރުވާނެ ކަމަށެވެ.

"މީގެ ބޭނުމަކީ އަޅުގަނޑުމެންނަކީ ފަހުރުވެރި، އަޅުގަނޑުމެންގެ ގައުމަކީ ފަހުރުވެރި ދިވެހި ގައުމެއްކަން އަމިއްލަ އަށް އިހުސާސްވުން. އެއީ އަޅުގަނޑުމެންގެ ކޮންމެ މީހެއްގެ ވެސް ހައްގަކަށް ވާތީ. އެކަން ކުރުމަކީ އަޅުގަނޑުގެ އެންމެ މަތީ ޒިންމާކަން އަޅުގަނޑު ގަބޫލުކުރަން،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

އަޅުގަނޑުމެންނަށް މުހިންމު ވެގެން މި އުޅެނީ މި ފަހުރުވެރި ދިވެހިރާއްޖެ އަމިއްލަ ފައިމައްޗަށް ތެދުވެ، އަމިއްލަ ބާރުވެރިކަމުގައި މިނިވަންކަންމަތީގައި އޮންނާނެ ގޮތް ހެދުން.--- ރައީސް

ރައީސްކަމުގެ މަގާމުގެ ހުވާ މިދިޔަ އަހަރުގެ ނޮވެމްބަރު 17 ގައި ހުވާކުރެއްވުމަށް ފަހު، ދިވެހިންގެ މިނިވަންކަމުގެ "ރަތް ރޮނގު" ދަމާނީ ވަރަށް ފަލޮކޮށް ކަމަށް ވިދާޅުވެފައިވާނެކަން އެ މަނިކުފާނު ރޭގައި ފާހަގަކުރެއްވި އެވެ.

"އެ ރަތް ރޮނގުގެ އެތެރެއަކަށް ހަމަ އެއްވެސް ބަޔަކަށް ވަނުމުގެ ހައްގެއް ނޯންނާނެއޭ. އެކަން ކުރުމުގެ ފުރުސަތެއް ހަމަ ހިލާ ނުދޭނަމޭ. އެތެރޭގައި ތިބި ބަޔަކު ވިއްޔާ އިރާދަކުރެއްވިއްޔާ ބޭރު ކުރާނަމޭ. އެއީ އަޅުގަނޑު ދެއްކި ވާހަކަ. އަމަލާއި ބަހާ އިރާދަކުރެއްވިއްޔާ އަޅުގަނޑުގެ އަބަދުވެސް ދިމާވާނެ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

އެ މަނިކުފާނު އެ އިޝާރާތް ކުރެއްވި ކަމަކީ ވެރިކަމާ ހަވާލުވެވަޑައިގެންނެވި ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ބޭލުމެވެ. ރައީސް މުއިއްޒުގެ ސަރުކާރާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޮދީގެ ސަރުކާރުން އެއްބަސްވި ގޮތަށް، ރާއްޖޭގައި ތިބި އިންޑިއާގެ އަސްކަރިއްޔާގެ ފުރަތަމަ ގުރޫޕް މި މަހުގެ 10 ގެ ކުރިން ވަނީ ރާއްޖެ ދޫކޮށް ގޮސްފަ އެވެ. އަދި ބާކީ ތިބި އިންޑިއާގެ ހުރިހާ ސިފައިން މި އަހަރުގެ މޭ 10 ގެ ކުރިން ފައިބައިގެން ދާން ޖެހެ އެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބަލަހައްޓަން ރޭ ފުރަތަމަ އުދުއްސާލި އަސްކަރީ ޑްރޯން ދިވެހި ވައިގެ ސިފައިންގެ މީހުން އޮޕަރޭޓް ކުރަނީ،

ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބަލަހައްޓަން ރޭ ފުރަތަމަ އުދުއްސާލި އަސްކަރީ ޑްރޯން ދިވެހި ވައިގެ ސިފައިންގެ މީހުން އޮޕަރޭޓް ކުރަނީ،

ރައީސް މުއިއްޒު ވިދާޅުވީ، ރާއްޖޭގެ އަސްކަރިއްޔާ ވަރުގަދަ ކުރަން ކުރާ މަސައްކަތްތަކާ ގުޅިގެން އެއްވެސް ބަޔަކު ކަންބޮޑުވާން ނުޖެހޭ ކަމަށެވެ. ވިދާޅުވީ، ރާއްޖެ އިން ހުރިހާ ގައުމަކާ އެކު ވެސް ގާތްގުޅުމެއް ބާއްވާނެ ކަމަށެވެ.

"އަޅުގަނޑުމެންނަކީ އެއްވެސް ގައުމެއްގެ ހަތުރުންނެއް ނޫން. އަޅުގަނޑުމެންނަށް މުހިންމު ވެގެން މި އުޅެނީ މި ފަހުރުވެރި ދިވެހިރާއްޖެ އަމިއްލަ ފައިމައްޗަށް ތެދުވެ، އަމިއްލަ ބާރުވެރިކަމުގައި މިނިވަންކަންމަތީގައި އޮންނާނެ ގޮތް ހެދުން. އަމިއްލަ ފައިމައްޗަށް ތެދުވެ، އަމިއްލަ ބާރުވެރިކަންމަތީގައި ހުރިހާ މާނައެއްގައި އެއީ އިގުތިސާދީ ގޮތުން ވެސް އަސްކަރީ ގޮތުން ވެސް މިނިވަން، މުސްތަގިއްލު ގައުމެއްގެ ގޮތުގައި ހަމަޖެހިގެން މީހުން ދިރިއުޅޭ ގައުމެއްގެ ގޮތުގައި މި ގައުމު އޮވެގެން ނޫނިއްޔާ މި ސަރަހައްދަށް ވެސް ހަމަޖެހުމެއް ނޯންނާނެ،" ރައީސް ވިދާޅުވި އެވެ.