Roadha Mihaaru
ހައުސިން މަޝްރޫއުތައް ޖުލައިގެ ފަހުން ފަށަނީ

މި ސަރުކާރުގެ ހައުސިން މަޝްރޫއުތައް ޖުލައިގެ ފަހުން ފަށަނީ

29 ފެބުރުއަރީ 2024

މި ސަރުކާރުގެ ހައުސިން މަޝްރޫއުތައް އަންނަ ޖުލައި މަހުގެ ފަހުން ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

އިފްރާޒް އަލީ ނ. ކެނދިކުޅުދޫން އިފްރާޒް އަލީ

މި ސަރުކާރުގެ ހައުސިން މަޝްރޫއުތައް އަންނަ ޖުލައި މަހުގެ ފަހުން ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

މި ފަސް އަހަރު ދުވަހުގެ ތެރޭގައި ހުރިހާ ދިވެހިންނަށް ގެދޮރު ޔަގީންކޮށްދިނުމަކީ ރައީސްގެ އެންމެ ބޮޑު ވައުދެވެ.

ރައީސް މުއިއްޒު ރާއްޖޭގެ އުތުރުގެ ރަށްތަކަށް މިހާރު ކުރައްވާ ދަތުރުފުޅުގެ އެންމެ ފަހު މަންޒިލް ނ. ކެނދިކުޅޫގައި މިއަދު ބޭއްވި ޖަލްސާގައި ވިދާޅުވީ މުޅި ރާއްޖޭގެ ތަރައްގީ އަށް އެންމެ މުހިންމު އެ ކަމަކީ ގެދޮރުވެރިކަން ކަމަށެވެ.

ރާއްޖޭގެ އިޖުތިމާއީ ގިނަ މައްސަލަތައް ވެސް މޫލައި ގުޅިފައި ވަނީ ގެދޮރުގެ ދަތިކަމާ ކަމަށް ރޭ ނ. މަނަދޫގައި ބޭއްވި ޖަލްސާގައި ވެސް ރައީސް ވިދާޅުވެފައިވެ އެވެ. އެކަމަށް އެންމެ ބޮޑު އިސްކަމެއް ދެއްވަން އެ މަނިކުފާނު ނިންމެވީ ވެސް އެ ސަބަބަށްޓަކާ ކަމަށް ވިދާޅުވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު، ނ. ކެނދިކުޅުދޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާ.-- ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު، ނ. ކެނދިކުޅުދޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާ.-- ފޮޓޯ: ރައީސް އޮފީސް

ރައީސް މިއަދު ވިދާޅުވި ގޮތުގައި، ގެދޮރުވެރިކަމާ ގުޅޭ އެކި ފަހި ފުރުސަތުތައް ހުޅުވާލުމަށްޓަކާ ކުރަންޖެހޭ ބައިވަރު އިގުތިސާދީ މަސައްކަތްތައް މިހާރު އަންނަނީ ކުރަމުންނެވެ.

"އެ ކަންކަމުގެ ނަތީޖާއަކަށް އިރާދަކުރެއްވިއްޔާ މި އަހަރު ތެރޭގައި ހަމަ ފެންނަމުން ދާނެ، ފުރުސަތުތައް ފަހިކުރާނަން، މި ރަށަށް ވެސް ހައުސިން ޔުނިޓް ފުރުސަތުތަކާއި އެކި ކަހަލަ ލުއި ލޯނުތައް ލިބޭނެ ފުރުސަތުތައް ވެސް،" ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑަށް ވަރަށް ބޮޑު ޔަގީންކަމެއް އެބައޮތް މި އަހަރު ތެރޭގައި، ފަހު ކުއާޓާއަށް ދާއިރުގައި، ޖުލައި އޮގަސްޓްގެ ހިސާބުން ފެށިގެން ފަހަތަށް ދާއިރުގައި އަޅުގަނޑުމެންނަށް މުޅި ރާއްޖެ އަށް މި ފުރުސަތުތައް ހުޅުވާލެވޭ ހިސާބަށް ގެންދެވޭނެ."

ރައީސް ދެއްވި ޔަގީން ކަމަކީ އެ މަޝްރޫއުތަކުގެ ދަށުން ގެދޮރުގެ ދަތިކަން ހުރި ރަށްރަށުގައި ވެސް ހައުސިން ޔުނިޓް އެޅުމާއި އަމިއްލަ ގެދޮރުގައި ލޯނު ނަގައިގެން ގެދޮރު އިމާރާތްކުރުމުގެ ފުރުސަތު ފަހިވާނެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު، ނ. ކެނދިކުޅުދޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާ.-- ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު، ނ. ކެނދިކުޅުދޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާ.-- ފޮޓޯ: ރައީސް އޮފީސް

ރައީސް މުއިއްޒު ވަނީ މުޅި ރާއްޖޭގައި 70،000 ހައުސިން ޔުނިޓްގެ ބޮޑު މަޝްރޫއެއް ހިންގަން ވައުދުވެވަޑައިގެންފަ އެވެ. އަދި އެ މަޝްރޫއުއަށް އިންވެސްޓަރުން ހޯދަން ޗައިނާ އާއި ބޭރު އެހެން ގައުމުތަކާ އެކު ސަރުކާރުން އަންނަނީ މަޝްވަރާކުރަމުންނެވެ. އޭގެ ތެރޭގައި ހިމެނެނީ ރާއްޖޭގެ އުތުރާއި ދެކުނުގައި ހަދާ 40،000 ހައުސިން ޔުނިޓާއި "ރަސްމާލެ" ގައި 30،000 ހައުސިން ޔުނިޓް އެޅުމެވެ.

އުތުރުގައި ފްލެޓްތައް އަޅަން ނިންމާފައި ވަނީ ހއ، ހދ. އަދި ށ. ގަ އެވެ. އަދި ދެކުނުގައި ފްލެޓްތައް އެޅުމަށް ޕްލޭންކޮށްފައި އޮތީ ގއ، ގދ، ފުވައްމުލައް އަދި އައްޑޫގަ އެވެ.

ސަރުކާރުން އިމާރާތްކުރަން ބޭނުންވަނީ 15-20 ބުރީގެ ހައުސިން ޔުނިޓާއި ވިޔަފާރީގެ ބޭނުމަށް ޖާގަ ހުންނަ ގޮތަށް ހަދާ ޓަވަރުތަކާއި ހަތަރު ބުރީގެ ހައުސިން ޔުނިޓްތަކާއި ތިން ބުރީގެ ހައުސިން ޔުނިޓެވެ. އޭގެ ތެރޭގައި ސްޓޫޑިއޯ އެޕާޓްމަންޓްތަކާއި ދެ ކޮޓަރި އާއި ތިން ކޮޓަރީގެ އެޕާޓްމެންޓްތައް ވެސް ހިމެނޭނެ އެވެ. އަދި ފްލެޓްތައް އެޅުމަށް އަކަފޫޓަކަށް 85-100 ޑޮލަރާ ދެމެދުގެ އަދަދެއް ހޭދަވާނެ ކަމަށް ސަރުކާރުން ލަފާކޮށްފައިވެ އެވެ.

ސަރުކާރުން ކުރިން ބުނެފައިވާ ގޮތުގައި، ކޮންޓްރެކްޓާ ފައިނޭންސް މޮޑެލް އާއި ކޮންސެޝަނަލް ފައިނޭންސިން މޮޑެލް މެދުވެރިކޮށް މި ޕްރޮޖެކްޓްތައް ހިންގޭނެ އެވެ.