Roadha Mihaaru
މެންބަރުންގެ އަދަދު ހިފަހައްޓަން އަނެއްކާވެސް އިސްލާހެއް

މެންބަރުންގެ އަދަދު ހިފަހައްޓައި އަންހެނުންނަށް ގޮނޑި ހާއްސަކުރަން ގާނޫނޫއަސާސީއަށް އިސްލާހެއް

29 ފެބުރުއަރީ 2024

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު ހިފަހައްޓައި، އަންހެނުންނަށް ހާއްސަ ގޮނޑިތަކެއް ކަނޑައަޅަން ގާނޫނުއަސާސީއަށް އިސްލާހެއް ހުށަހަޅައިފި އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު ހިފަހައްޓައި، އަންހެނުންނަށް ހާއްސަ ގޮނޑިތަކެއް ކަނޑައަޅަން ގާނޫނުއަސާސީއަށް އިސްލާހެއް ހުށަހަޅައިފި އެވެ.

ޑިމޮކްރެޓްސްގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު، މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ހުށަހެޅުއްވީ ގާނޫނުއަސާސީގެ 71 ވަނަ މާއްދާ އިސްލާހު ކުރުމަށެވެ.

ގާނޫނުއަސާސީގެ 71 ވަނަ މާއްދާގައި ބުނަނީ ކޮންމެ އިދާރީ ދާއިރާއެއްގައި ރަޖިސްޓަރީ ކޮށްފައިވާ އާބާދީގެ ފުރަތަމަ 5،000 މީހަކަށް ނުވަތަ 5،000 މީހުން ހަމަނުވާ ކޮންމެ އިދާރީ ދާއިރާއަކަށް ދެ މެންބަރުން ތިބެން ޖެހޭނެ ކަމަށެވެ. އިދާރީ ދާއިރާއެއްގައި ރަޖިސްޓަރީކުރެވިފައިވާ އާބާދީ 5،000 އަށް ވުރެ އިތުރުވާ ނަމަ އާބާދީގެ ފުރަތަމަ 5،000 މީހުންނަށް ވުރެ އިތުރުވާ ކޮންމެ 5،000 މީހަކަށް މެންބަރެއް ހުންނަން ޖެހެ އެވެ.

މިހެން އޮތުމުގެ ސަބަބުން މަޖިލީހުގެ ކޮންމެ އާ ދައުރަކަށް މެންބަރުންގެ އަދަދު ދަނީ އިތުރުވަމުންނެވެ. މި ނިމޭ މަޖިލީހުގައި 87 މެންބަރުން ތިއްބެވިއިރު އަލަށް އިންތިހާބު ކުރާ މަޖިލީހަށް 93 މެންބަރުން ތިއްބަވަން ޖެހެ އެވެ.

އާޒިމް ހުށަހެޅުއްވި އިސްލާހަކީ؛

- އިދާރީ ދާއިރާތަކުގެ ތެރެއިން ޖުމްލަ އާބާދީ 6،000 މީހުންނާއި 12،000 މީހުންނަށް އެއް މެންބަރު

- އިދާރީ ދާއިރާތަކުގެ ތެރެއިން ޖުމްލަ އާބާދީ 12،000 މީހުންނާއި 18،000 މީހުންނަށް ދެ މެންބަރުން

- އިދާރީ ދާއިރާތަކުގެ ތެރެއިން ޖުމްލަ އާބާދީ 18،000 މީހުންނާއި 24،000 މީހުންނަށް ތިން މެންބަރުން

- އިދާރީ ދާއިރާތަކުގެ ތެރެއިން ޖުމްލަ އާބާދީ 24،000 މީހުންނާއި 36،000 މީހުންނަށް ހަތަރު މެންބަރުން

- އިދާރީ ދާއިރާތަކުގެ ތެރެއިން ޖުމްލަ އާބާދީ 36،000 މީހުންނަށް ވުރެ ގިނަ ނަމަ، ފަސް މެންބަރުން

މީގެއިތުރުން ގާނޫނުއަސާސީގެ 72 ވަނަ މާއްދާއަށް އަކުރެއް އިތުރުކޮށް، ސިޔާސީ ޕާޓީތަކުން އިންތިހާބީ ދާއިރާއަކަށް ވާދަކުރާ ކޮންމެ 10 ދާއިރާއަކުން އެއް ދާއިރާ އަންހެން ކެންޑިޑޭޓުންނަށް ހާއްސަ ކުރަން ޖެހޭ ގޮތަށް އާޒިމް ވަނީ އިސްލާހު ހުށަހަޅުއްވައިފަ އެވެ.

އާބާދީގެ ނިސްބަތުން ރައްޔިތުންގެ މަޖިލީހަށް އިންތިހާބުކުރާ މެމްބަރުންގެ އަދަދު އިތުރުވުން ހުއްޓުވައި އަދި އަންހެނުންނަށް ވަކި އަދަދަކަށް ގޮނޑި ހާއްސަވާ ގޮތަށް ގާނޫނުއަސާސީ އިސްލާހުކުރަން ޑިމޮކްރެޓްސްއަށް ނިސްބަތްވެވަޑައިގަންނަވާ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ވެސް މީގެކުރިން ހުށަހެޅުއްވި އެވެ.

ނަމަވެސް، މަޖިލީހުގައި މެޖޯރިޓީ އޮންނަ އެމްޑީޕީގެ މެންބަރުންގެ ތާއިދު ނުލިބުމުން އެ ބިލް މަޖިލީހުން ބަލައިނުގަތެވެ. މި ފަހުން އެމްޑީޕީ އާއި ޑިމޮކްރެޓްސް ވަނީ މަޖިލީހުގައި އެއްބާރުލުންދީގެން މަސައްކަތްކުރަން ނިންމައިފަ އެވެ.

ޑިމޮކްރެޓްސްގެ މެންބަރު އިލްޔާސް ގާނޫނުއަސާސީގެ 71 ވަނަ މާއްދާއަށް އޭރު ހުށަހެޅުއްވި އިސްލާހުގައި ބުނަނީ މަޖިލިސް އެކުލެވިގެންވާނީ 76 މެމްބަރުންގެ މައްޗަށް ކަމަށެވެ. އެ އިސްލާހުގެ ދަށުން މަޖިލިސް އެކުލަވާލެވޭނީ އިދާރީ ދާއިރާތައް ތަމްސީލުވާ 55 މެމްބަރުންގެ މައްޗަށް ކަމަށް ބުނެފައިވެ އެވެ.

އޭގެ އިތުރުން, ނުކުޅެދުންތެރިކަން ހުންނަ މީހުން ތަމްސީލުކުރާ ދެ މެމްބަރުންނާއި, ޕާޓީތަކަށް ވޯޓު ލިބޭ ނިސްބަތުން ގާނޫނުގައިވާ ގޮތުން ސިޔާސީ ޕާޓީތަކުން އައްޔަނުކުރާ 11 މެމްބަރުން ތިބޭ ގޮތަށް އިސްލާހުގައި ވަނީ ހިމަނައިފަ އެވެ. އަދި ރާއްޖޭގެ ހުރިހާ ދާއިރާއެއް ތަމްސީލުވާނޭ އަށް އަންހެން މެމްބަރުން މަޖިލީހަށް އިންތިހާބުކުރަންޖެހޭނެ ކަމަށް ބުނެފައި ވެ އެވެ.