Roadha Mihaaru
"މަޖިލިސް ކުރިއަށް ގެންދަން ހުރަސް އަޅަނީ ސަރުކާރުން"

ޑިމޮކްރެޓުން ތުހުމަތުކުރަނީ ސަރުކާރު މެންބަރުން ގަސްދުގައި ޖަލްސާ ކުރިއަށް ނުގެންދިޔަ ކަމަށް!

05 މާޗް 2024

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކޯރަމް ހަމަނުވީ ސަރުކާރަށް ނިސްބަތްވާ މެންބަރުން ގަސްދުގައި ޖަލްސާ ކުރިއަށް ގެންދަން ބޭނުން ނުވުމުން ކަމަށް ދަ ޑިމޮކްރެޓްސް ޕާޓީން ތުހުމަތުކޮށްފި އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކޯރަމް ހަމަނުވީ ސަރުކާރަށް ނިސްބަތްވާ މެންބަރުން ގަސްދުގައި ޖަލްސާ ކުރިއަށް ގެންދަން ބޭނުން ނުވުމުން ކަމަށް ދަ ޑިމޮކްރެޓްސް ޕާޓީން ތުހުމަތުކޮށްފި އެވެ.

ކޮންމެ ހަފްތާއަކު މަޖިލީހުގެ ތިން ޖަލްސާ ބާއްވަން ގަވައިދުގައި ލާޒިމް ކުރި ނަމަވެސް، ޕީޖީ ލީޑަރުންގެ މެދުގައި މަޝްވަރާ ކުރުމަށް ފަހު ނިންމާފައިވަނީ ކެމްޕެއިނު ދުވަސްވަރު މުހިންމު މަސައްކަތްތަކަށް އެކަނި ޖަލްސާ ބޭއްވުމަށެވެ. ނަމަވެސް، މިއަދަށް އެޖެންޑާ ކުރި ޖަލްސާ ކޯރަމް ހަމަނުވުމުގެ ސަބަބުން ކުރިއަށް ގެންދެވިފައި ނުވެ އެވެ.

ޖަލްސާތައް ކުރިއަށް ނުދާތީ އެންމެ ބޮޑަށް ކަންބޮޑުވުން ފާޅުކުރަމުން އަންނަ ޑިމޮކްރެޓުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ޕީޖީ ލީޑަރު، މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވީ، ސަރުކާރުން މިވަގުތު މަޖިލިސް ކުރިއަށް ގެންދަން އެއްވެސް ގޮތަކަށް ބޭނުން ނުވާ ކަމަށެވެ.

"އޭގެ އެއް ކަމަކީ ސަރުކާރު ޖަވާބުދާރީކުރުވާތީވެ. އެ ވާހަކަ މި ދަންނަވަނީ މިއަދު ސަރުކާރަށް ނިސްބަތްވާ މެންބަރުން ހަމަ ގަސްދުގައި، މިއަދު ވަތްނަމަ ކޯރަމް ލިބުނީސް. ބޭރަށް ނުކުމެލީ ހަމަވާ ކަން އެނގުނީމާ،" އާޒިމް ވިދާޅުވި އެވެ.

އާޒިމް ވިދާޅުވީ ސަރުކާރުން ގެންދަނީ މަޖިލިސް ކުރިއަށް ނުގެންގޮސް ވާނެ ހުރިހާ ގޮތަކަށް މަސައްކަތް ކުރަމުން ކަމަށެވެ.

އިންތިހާބުގެ ކެމްޕެއިނު ނިމެންދެން ޖަލްސާތައް ގަވައިދުން ކުރިއަށް ނުގެންދިއުމަށް ޕީޖީ ލީޑަރުންގެ މެދުގައި ނިންމި ނިންމުމަކީ ޑިމޮކްރެޓްސް އަށް އެނގިގެން ނިންމާފައިވާ ނިންމުމެއް ނޫން ކަމަށެވެ. ޕާޓީ ކެމްޕެއިނުގައި މަސައްކަތް ކުރާތީ މަޖިލިސް މެދުކަނޑާލަން ނިންމި ކަމަށް ބުނެ ސިޓީއެއް ލިބުނު ކަން ފާހަގަކޮށް، އެއީ މަޖިލިސް މެދުކަނޑާލަން ޖެހޭ ސަބަބެއް ނޫން ގޮތުގައި އާޒިމް ފާހަގަކުރެއްވި އެވެ.

އާޒިމް ވިދާޅުވީ ރާއްޖޭގެ ކަންކަން ދަނީ ވަރަށް ނުބައި ދިމާލަކަށް ކަމަށާއި ސަރުކާރު ހިންގުން ދަނީ ގޯހުންގޯހަށް ކަމަށެވެ. އަދި ސަރުކާރު ޒިންމާދާކުރުމަށް ކުރާ މަސައްކަތްތައް ހުރަސް އެޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

މަޖިލީހުގެ މިއަދު އެޖެންޑާ ކުރި ޖަލްސާއަށް ހާޒިރުވީ 11 މެންބަރުންނެވެ. މަޖިލީހުގެ ކޯރަމަކީ 22 އެވެ. މަޖިލިހުގެ މެމްބަރުން މިހާރު ބެހިފައިވާ ގޮތަށް ބަލާއިރު، މަޖިލިހުގެ އަޣުލަބިއްޔަތު އިދިކޮޅު އެމްޑީޕީ އަށް އޮތަސް ސަރުކާރު ހިންގާ ކޯލިޝަންކަމަށްވާ ޕީޕީއެމް/ޕީއެންސީގެ އިތުރުން ސަރުކާރަށް ތާއީދުކުރާ އެމްއެންޕީ އާއި ޖުމްހޫރީ ޕާޓީގެ މެމްބަރުންނާ އެކު ކޯރަމް ހަމަކުރެވޭނެ އެވެ. އެއީ 22 މެމްބަރުންނެވެ.