Roadha Mihaaru
މަޖިލީހުން ކަންކަން ނިންމުން މަޑުޖައްސާލަން އެދިއްޖެ

19 ވަނަ މަޖިލީހުގެ ގިނަ މެމްބަރުންނަށް ނޫނެކޭ ބުނެފި، ކަންކަން ނިންމުން މަޑުޖައްސާލަން ޖެހޭ: އާޒިމް

23 އެޕްރީލް 2024

އާދިއްތަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި، މިހާރު ހިނގަމުން އަންނަ 19 ވަނަ މަޖިލީހުގެ 90 ޕަސެންޓު މެންބަރުންނަށް ނޫނެކޭ ބުނެފައިވާ ކަމަށާއި އެހެންކަމުން އާ މަޖިލިސް ފެށުމާ ހަމައަށް، މިހާރު ހިނގާ މަޖިލީހުން ކަންކަން ނިންމުން މަޑުޖައްސާލަން ޖެހޭ ކަމަށް މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

އާދިއްތަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި، މިހާރު ހިނގަމުން އަންނަ 19 ވަނަ މަޖިލީހުގެ 90 ޕަސެންޓު މެންބަރުންނަށް ނޫނެކޭ ބުނެފައިވާ ކަމަށާއި އެހެންކަމުން އާ މަޖިލިސް ފެށުމާ ހަމައަށް، މިހާރު ހިނގާ މަޖިލީހުން ކަންކަން ނިންމުން މަޑުޖައްސާލަން ޖެހޭ ކަމަށް މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން ޑިމޮކްރެޓްސްގެ ޕީޖީ ލީޑަރު ކަން ވެސް ކުރައްވާ އަލީ އާޒިމް ވިދާޅުވީ، މަޖިލިސް އަންނަ މަހުގެ 13އާ ހަމައަށް ދެމި އޮތް ނަމަވެސް، މިވަގުތު މަޖިލީހުގައި ރައްޔިތުންގެ އިތުބާރު އޮތް 10 ޕަސެންޓު މެންބަރުން ވެސް ނެތް ކަމަށެވެ.

އޭނާ ވިދާޅުވީ ގާނޫނުގައި މަޖިލިސް ކުރިއަށް ގެންދަން ޖެހޭނެ ކަމަށް ބަޔާންކޮށްފައިވީނަމަވެސް، މުހިންމު ކަންކަން މިވަގުތު މަޖިލީހުން ނިންމުމަކީ އެންމެ ހަމަޖެހޭ ގޮތެއް ނޫން ކަމަށެވެ.

"އެ އޮތް އޮތުން ބާއްވާފައި ރައްޔިތުންނާ ގުޅޭ ކަންކަން ނިންމުން ފަހަތަށް ޖައްސާލަން އެބަ ޖެހޭ. މި މަޖިލީހުން ދެން ރައްޔިތުންނާ ގުޅޭ ކަންކަން ނިންމުމަކީ އެންމެ ބުއްދިވެރި ގޮތް ކަމުގައި އަޅުގަނޑު ނުދެކެން،" އަލީ އާޒިމް ވިދާޅުވި އެވެ.

އާ މަޖިލިސް ފެށެންދެން މަޑުކޮށްލައިގެން ތިބުމަކީ އެންމެ ރަނގަޅުގޮތް ކަން ފާހަގަކުރައްވައި، އަލީ އާޒިމް އެދިވަޑައިގަތީ އިތުރު އެއްވެސް ބޮޑު ކަމެއް ރައްޔިތުންގެ މަޖިލީހުން ނުނިންމުމަށެވެ.

އެކަމާ ގުޅިގެން މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވީ، މި މަޖިލީހުން ކަންކަން ނިންމައި ފާސްކުރުމަށް މަޖިލީހުގެ ގަވައިދުގެ ތެރެއިން އެއްވެސް ހުރަހެއް ނެތް ކަމަށެވެ.

އެހެންކަމުން ގަވައިދަށް ބަދަލު ނުގެންނަންހާ ހިނދަކު މަޖިލިސް ކުރިއަށް ގެންދަން މަޖިލީހުގެ ގަވައިދުގައި ލާޒިމްކުރާ ކަމަށް އަސްލަމް ވިދާޅުވި އެވެ.

މަޖިލިސް އިންތިހާބުގައި، ސަރުކާރު ހިންގާ ޕާޓީ ޕީއެންސީން ވަނީ 66 ގޮނޑި ކާމިޔާބުކޮށް، ޕީއެންސީން ތާއީދުކުރި ކެންޑިޑޭޓުންނާ އެކު މަޖިލީހުގެ ސުޕަ މެޖޯރިޓީ ވަނީ ހޯދައިފަ އެވެ. އިދިކޮޅު އެމްޑީޕީ އަށް އާ މަޖިލިހުން ކާމިޔާބު ކުރެވުނީ އެންމެ 12 ގޮނޑި އެވެ.

ވާދަވެރި އެ އިންތިހާބުގައި، ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ އުފައްދާފައިވާ ޑިމޮކްރެޓްސް އާއި އަދާލަތު ޕާޓީ އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އުފައްދަން މަސައްކަތްޕުޅު ކުރައްވާ ޕީއެންއެފްގެ ކެންޑިޑޭޓުންނަށް އެންމެ ގޮނޑިއެއް ވެސް ނުލިބުނެވެ.

މިހާރު ހިނގަމުން އަންނަ މަޖިލީހުގެ 87 މެމްބަރުންގެ ތެރެއިން އިންތިހާބުގައި ވާދަކުރެއްވި ގިނަ މެމްބަރުންނަށް ކާމިޔާބެއް ނުވި އެވެ.