Roadha Mihaaru
ބާތިލްކުރި ކެންޑިޑެސީއެއް ބަލައިގަންނަން އަމުރުކޮށްފި

ކެންޑިޑޭޓެއްގެ ފޯމް ބަލައިނުގަތުމަށް ނިންމީ ގޯސްކޮށް ކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފި

29 ފެބުރުއަރީ 2024

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކުރިމަތިލީ ކެންޑިޑޭޓެއްގެ ކެންޑިޑެސީ ބަލައިނުގަތުމަށް އިލެކްޝަން ކޮމިޝަނުން ނިންމީ ގޯސްކޮށް ސުޕްރީމް ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކުރިމަތިލީ ކެންޑިޑޭޓެއްގެ ކެންޑިޑެސީ ބަލައިނުގަތުމަށް އިލެކްޝަން ކޮމިޝަނުން ނިންމީ ގޯސްކޮށް ސުޕްރީމް ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ތާއިދާ އެކު އަމިއްލަ ގޮތުން މަޖިލިސް އިންތިހާބުގެ ކެޔޮދޫ ދާއިރާއަށް ވާދަކުރަން ހުށަހެޅި އާއިޝަތު އަފްނާންގެ ފޯމް ބަލައިނުގަންނަން ކޮމިޝަނުން ނިންމީ ރަސްމީ އެޖެންޓްގެ ކުށުގެ ރެކޯޑާއި ދަރަނީގެ ރެކޯޑް ހުށަހަޅާފައިނުވާ ކަމަށް ބުނެ އެވެ.

އެގޮތަށް ކޮމިޝަނުން ނިންމީ ގޯސްކޮށް ކަމަށް ކަނޑައަޅައިދީ، އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ހޯދުމަށް އަފްނާންގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގައި މިއަދު އިއްވި ހުކުމްގައި ބުނީ، އިންތިހާބަށް ކުރިމަތިލުމުގެ މުއްދަތު ހަމަވުމުގެ ކުރިން މައުލޫމާތެއް ނުވަތަ ވަކި ލިޔުމެއް މަދު ނަމަ، އެކަން އެންގުމުގެ ފުރުސަތު ކޮމިޝަނަށް އޮތް ކަމަށެވެ.

ނަމަވެސް، އެ ފުރުސަތު ދިނުމެއް ނެތި، މައުލޫމާތު ހަމަކަން ކޮމިޝަނުން ވަގުތު އޮއްވައި ޔަގީން ކުރުމަކާ ނުލައި ފޯމް ބަލައިނުގަތުމަށް ނިންމާފައިވަނީ ގާނޫނާ އެއްގޮތަށް ނޫން ކަމަށް ހުކުމްގައިވެ އެވެ.

ސުޕްރީމް ކޯޓުގެ ހުކުމާ އެކު އަފްނާންއަށް އިންތިހާބުގައި ވާދަކުރަން ފުރުސަތު ދޭން ކޮމިޝަންގެ މައްޗަށް ލާޒިމްވާނެ އެވެ.

ކެޔޮދޫ ދާއިރާއަށް އަފްނާންގެ އިތުރުން ތިން ކެންޑިޑޭޓަކު ވާދަކުރެ އެވެ. އެއީ އެމްޑީޕީ، ޕީއެންސީ އަދި ޑިމޮކްރެޓްސްގެ ކެންޑިޑޭޓުންނެވެ.

އަފްނާންގެ އިތުރުން ވެސް ކެންޑިޑެންސީ ބަލައިނުގަތް މައްސަލާގައި އެހެން މީހަކު ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅި އެވެ. އޭނާގެ ފޯމް ބަލައިނުގަތީ އެޖެންޓްގެ ޝަރުތު ހަމަނުވާ ކަމަށް ބުނެ އެވެ. އެ މައްސަލާގައި އިލެކްޝަން ކޮމިޝަނުން އަމަލުކޮށްފައިވަނީ ރަނގަޅަށް ކަމަށް ބުނެ މައްސަލަ ވަނީ ކޯޓުން ބޭރުކޮށްލައިފަ އެވެ.