Roadha Mihaaru
400މިލިއަނަށްވުރެ ގިނަ ރުފިޔާގެ ޑްރަގްސް ނައްތާލައިފި

400 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ޑްރަގްސް ނައްތާލައިފި

04 މާޗް 2024

ފުލުހުން ހިންގި އެކި އޮޕަރޭޝަންސްތަކުގައި އަތުލައިގަތް 425 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ޑްރަގްސް ނައްތާލައިފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ފުލުހުން ހިންގި އެކި އޮޕަރޭޝަންސްތަކުގައި އަތުލައިގަތް 425 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ޑްރަގްސް ނައްތާލައިފި އެވެ.

ފުލުހުން ބުނި ގޮތުގައި ދޫނިދޫގައި ނައްތާލީ، ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި 125 ކިލޯގެ ޑްރަގްސްގެ ތެރެއިން 103 ކިލޯ އެވެ. ނައްތާ ނުލެވި ބާކީ ހުރީ 21 ކިލޯގެ ޑްރަގް ކަމަށް ވެސް ފުލުހުން ބުންޏެވެ.

ނައްތާލި 125 ކިލޯގެ ތެރޭގައި އެންމެ ގިނައީ ހެރޮއިންނެވެ. ކެނަބިސް ވެސް ގިނަ އަދަދަކަށް ނައްތާލި އެވެ.

ނައްތާލި 125 ކިލޯގެ މަސްތުވާތަކެތީގެ ތަފްސީލް

- ހެރޮއިން 66012.5786

- ކެނަބިސް 14304.4729

- މެތް 6873.7369

- ކޮކެއިން 9769.0366

- ކެނިނޯން 6251.7878

- ކެޓަމިން 463.6739

- އެލްއެސްޑީ 0.0424

ފުލުހުން ބުނި ގޮތުގައި އިއްޔެ ނައްތާލީ 958 ކޭސްގައި ހިމެނޭ މަސްތުވާތަކެއްޗެވެ.

އެ ތަކެތީގެ ތެރޭގައި ހިމެނެނީ 8293 ރަބަރު ޕެކެޓާއި 2731 ސެލޯފިން ކޮޅާއި ފިލްމު ހުސްކުރި 237 ދަޅާއި 585 ބުލެޓާއި 30 ބިޑި އެވެ. މީގެ އިތުރުން ވެސް މަސްތުވާތަކެތީގެ އެކި ބާވަތްތައް އަޅާފައި ހުރި ސާމާނު އަތުލައިގަނެފައިވެ އެވެ.

ޑްރަގްސް ނައްތާލުމުގައި ގެންގުޅޭ އުސޫލަށް އެންމެ ފަހުން ގެނެސްފައިވާ ބަދަލުތަކާ އެކު، އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާ ޑްރަގްސް ތެރެއިން އެ މައްސަލައެއް ތަހުގީގުކުރުމަށް ގާނޫނީ ގޮތުން ބެހެއްޓުމަށް ލާޒިމްކުރާ މިންވަރަށް ބެހެއްޓުމަށްފަހު ބާކީ ހުންނަ ޑްރަގް ނައްތާލަނީ އެވެ.

ހޯމް މިނިސްޓަރު އިހްސާން މި ފަހުން ވިދާޅުވެފައި ވަނީ، މަސްތުވާތަކެތީގެ މައްސަލައަށް އެކަށީގެންވާ ހައްލެއް ހޯދަން މި ސަރުކާރުން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އަމާޒަކީ ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި މަސްތުވާތަކެތީގެ މައްސަލަތައް މުޅިން ހުއްޓުވުން ކަމަށާއި ދޮޅު މަހެއްހާ ދުވަހުގެ ތެރޭގައި ކުރި މަސައްކަތުން 44.5 މިލިއަން ރުފިޔާގެ ޑްރަގްސް އަތުލައިގަނެ، ރާއްޖޭގެ މަގުތަކަށް ދިއުން ހުއްޓުވާފައިވާ ކަމަށް ވިދާޅުވި އެވެ.