Roadha Mihaaru
އެކްސިޑެންޓުވި ޒުވާނާގެ ހާލު ވަރަށް ސީރިއަސް

އެކްސިޑެންޓުވި ޒުވާނާއަށް ބޮޑެތި އަނިޔާތަކެއް، ހާލު ވަރަށް ސީރިއަސް

04 މާޗް 2024

ސައިކަލުގައި ދަނިކޮށް، ހުޅުމާލޭ އިމިގްރޭޝަން ޑިޓެންޝަން ސެންޓަރު ކުރިމަތީގައި ޕާކުކޮށްފައި އޮތް ވޭނެއްގައި ޖެހިގެން ހިނގި އެކްސިޑެންޓުގައި އަނިޔާވި ޒުވާނާގެ ހާލު ސީރިއަސް ކަމަށާއި މިހާރު އޮތީ ވެންޓިލޭޓަރު ގުޅާފައި ކަމަށް އެ ޒުވާނާގެ މަންމަ ބުނެފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ސައިކަލުގައި ދަނިކޮށް، ހުޅުމާލޭ އިމިގްރޭޝަން ޑިޓެންޝަން ސެންޓަރު ކުރިމަތީގައި ޕާކުކޮށްފައި އޮތް ވޭނެއްގައި ޖެހިގެން ހިނގި އެކްސިޑެންޓުގައި އަނިޔާވި ޒުވާނާގެ ހާލު ސީރިއަސް ކަމަށާއި މިހާރު އޮތީ ވެންޓިލޭޓަރު ގުޅާފައި ކަމަށް އެ ޒުވާނާގެ މަންމަ ބުނެފި އެވެ.

އަނިޔާވީ ކ. ހުރާގެ އުމުރުން 19 އަހަރުގެ ޒުވާނަކަށެވެ.

އޭނާ އެކްސިޑެންޓުވެގެން ބިންމައްޗަށް ވެއްޓިފައި އޮއްވައި ފެނުނީ އެ ސަރަހައްދު ޕެޓްރޯލްކުރުމުގައި އުޅުނު ފުލުހުންނަށެވެ. ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނައިރު އޭނާގެ މަންމަ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ ދަރިފުޅު އޮތީ ވެންޓިލޭޓަރުގައި ކަމަށާއި ހާލު ސީރިއަސް ކަމަށެވެ.

އެ ޒުވާނާގެ ފަޔާއި ކަރާއި އަތާއި މޭމަތީގެ ކަށިތަކާ އެކު އެކި ތަންތަނުން ބިނދިފައިވާ ކަމަށާއި ފުއްޕާމެޔަށް ވެސް ގެއްލުންވެފައިވާ ކަމަށް އޭނާގެ މަންމަ ބުނެފައިވެ އެވެ.

"އަހަރެމެން އެންމެން ވެސް މިތިބީ އޭނާގެ ސަވައިވް ވާނެ ހިތްވަރު ހުރިތޯ ބަލަން. އިރާދަކުރެއްވިއްޔާ ސަވައިވް ވާނެ. އަހަރެމެން އެންމެން ދުއާކުރާނަން،" އެންމެ ދޮށީ ދަރިފުޅުގެ އެކްސިޑެންޓާ ގުޅިގެން މަންމަ ލިޔެފައިވެ އެވެ.

ދަރިފުޅުގެ އެކްސިޑެންޓާ ގުޅިގެން ހާލު ބަލަން އެތައް ބަޔަކު ގުޅައި މެސެޖް ކުރަމުންދާތީ ކުރި ޕޯސްޓްގައި ބުނެފައިވަނީ އެ ހާދިސާއާ ގުޅިގެން ވަރަށް ބޮޑު ހިތާމައެއްގައި ހުރި ކަމަށާއި އެހެންވެ، މީހުން ގުޅައި މެސެޖްކުރިޔަސް ޖަވާބުދޭން ދަތި ކަމަށެވެ.

އެ އެކްސިޑެންޓު ހިނގާފައި އޮއްވައި ފުލުހުންނަށް ފެނުނީ ރޭ ދަންވަރު 2:30 ހާއިރު ކަމަށް ފުލުހުން ބުންޏެވެ. ކުއްޖާ ދުއްވި ސައިކަލު ވެސް ފުނޑުފުނޑު ވެފައި އޮތްއިރު ސައިކަލު ގޮސް ޖެހުނު، ވޭނުގެ ފަހަތްކޮޅު ވެސް އޮތީ ވަރަށް ބޮޑަށް ހަލާކުވެފަ އެވެ.