Roadha Mihaaru
ބީއެމްއެލްގެ އީޖީއެމް މިމަހުގެ 25 ގައި ބާއްވަނީ

ބީއެމްއެލްގެ އީޖީއެމް މިމަހުގެ 25 ގައި ބާއްވަނީ

06 މާޗް 2024

ބީއެމްއެލްގެ ބޯޑަށް ސަރުކާރުން ހުށަހަޅާފައިވާ މެންބަރުން އައްޔަން ކުރުމަށް ހާއްސަގޮތުން ކުރާ އާންމު ޖަލްސާއެއް މި މަހުގެ 25 ގައި ބާއްވަން ހަމަޖައްސައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ބީއެމްއެލްގެ ބޯޑަށް ސަރުކާރުން ހުށަހަޅާފައިވާ މެންބަރުން އައްޔަން ކުރުމަށް ހާއްސަގޮތުން ކުރާ އާންމު ޖަލްސާއެއް މި މަހުގެ 25 ގައި ބާއްވަން ހަމަޖައްސައިފި އެވެ.

ބީއެމްއެލް އިން ކުރި އިއުލާނުގައި ބުނެފައިވަނީ މި މަހުގެ 25 ވަނަ ދުވަހުގެ ރޭގަނޑު 9:00 ގައި އެކްސްޓްރާއޯޑިނަރީ ޖެނެރަލް މީޓިން (އީޖީއެމް) އެއް ބާއްވަން ނިންމާފައިވާތީ، އެ ޖަލްސާގައި ބައިވެރިވާން ބޭނުންވާ ހިއްސާދާރުން މިމަހުގެ 23 ގެ ކުރިން ރަޖިސްޓްރީކުރަން ޖެހޭނެ ކަމަށެވެ.

އެ ޖަލްސާ ބާއްވަނީ އެ ކުންފުނީގެ ބޯޑު ޑިރެކްޓަރުން ހޮވުމަށެވެ. ބޯޑު ޑިރެކްޓަރުން އަލުން ކަނޑައެޅުމަށް އީޖީއެމްއެއް ބާއްވާއިރު މިދިޔަ ޖެނުއަރީ މަހު އެކުންފުނީގެ ބޯޑުގައި ސަރުކާރުން ކަނޑައަޅާފައި ތިބި ހަ މެންބަރުން ވަނީ ކުއްލި ގޮތަކަށް ވަކިކޮށްފަ އެވެ. ނަމަވެސް އޭގެ ދެތިން ދުވަސް ފަހުން އަލުން ވަނީ ވަކިކުރި މެންބަރުން އަލުން ބޯޑަށް އައްޔަނުކޮށްފައިވެ އެވެ. މި މަހު ބާއްވާ އީޖީއެމްގައި ސަރުކާރުގެ ފަރާތުން އައްޔަންކުރުމަށް ކަނޑައަޅާފައިވާ ދެ މެންބަރުންނަށް ވޯޓަށް އަހާނެ އެވެ.

ޑިރެކްޓަރުގެ ބޯޑަށް ސަރުކާރުގެ ފަރާތުން ހުށަހެޅި ނަންތައް

1. ހަސަން ޒަރީރު

2. އަލީ ފާރިސް މުހައްމަދު

ބީއެމްއެލްގެ ހިންގާ ގަވާއިދު ބުނާ ގޮތުގައި ބޯޑު މެންބަރުކަމުން ޑިރެކްޓަރުން ވަކިކުރުމާއި އައްޔަންކުރަން ޖެހޭނީ އަހަރީ އާންމު ޖަލްސާއެއް ނުވަތަ ހާއްސަ ޖަލްސާއަކުންނެވެ. އެ ގަވާއިދުގެ ދަށުން ބޭންކުގެ ހިއްސާދާރުންގެ މަދުވެގެން 10 ޕަސެންޓު އެދިގެން ހާއްސަ ޖަލްސާއެއް ނޫނީ އީޖީއެމް އެއް ބޭއްވޭނެ އެވެ.

ބީއެމްއެލްގެ ބޯޑުގައި 11 މެންބަރުން ތިބެ އެވެ. އެއީ ސަރުކާރުން އައްޔަންކުރާ އަށް މެންބަރުންނާއި އާންމު ހިއްސާދާރުންގެ ފަރާތުން ބޯޑު ތަމްސީލުކުރާ ތިން މެންބަރުންނެވެ.

އީޖީއެމްގައި ބައިވެރިވުމަށް މޯލްޑިވްސް ސެކިއުރިޓީ ޑިޕޮޒިޓަރީ (އެމްއެސްޑީ) ގެ އިންފިނިޓީ މެދުވެރިކޮށް އަދި ބީއެމްއެލްގެ އަށް އީމެއިލް މެދުވެރިކޮށް ފޯމު ހުށަހަޅައިގެން ވެސް ރަޖިސްޓްރީ ވެވޭނެ އެވެ.

އިންފިނިޓީ ޕޯޓަލް އަކީ އެމްއެސްޑީގެ އޮންލައިން ހިދުމަތް ފޯރުކޮށްދޭ ވެބް އެޕްލިކޭޝަނެކެވެ. އިންފިނިޓީ ޕޯޓަލް އަށް ލޮގިން ނުވަތަ ސައިންއަޕް ކުރެވޭނީ އެމްއެސްޑީ އެކައުންޓެއް ހުޅުވާފައިވާ ހިއްސާދާރުންނަށެވެ.

މި ޖަލްސާގައި ބައިވެރިވެވޭނީ މިމަހުގެ 14 ކުރިން އެކުންފުނީގެ ހިއްސާދާރެއްގެ ގޮތުގައި ރަޖިސްޓްރީވާ ފަރާތްތަކަށެވެ.

ހިއްސާދާރެއްގެ ބަދަލުގައި މި ޖަލްސާއަށް ހާޒިރުވެ ވޯޓް ދިނުމަށް އެހެން ފަރާތެއް ފޮނުވާ ނަމަ އެކަމަށް ބޭނުންވާ ޕްރޮކްސީ ފޯމު ފުރުއްވުމަށްފަހު ޖަލްސާ ފެށުމުގެ 48 ގަޑިއިރު ކުރިން އެ ބޭންކަށް ފޮނުވަން ޖެހޭނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ.