Roadha Mihaaru
އިންޑިއާ އާއި ލަންކާއާ ދެމެދު މި މަހު ފެރީ ފަށަނީ

އިންޑިއާ އާއި ލަންކާއާ ދެމެދު މި މަހު ފެރީގެ ހިދުމަތް ފަށަނީ

13 މާޗް 2024

އިންޑިއާ އާއި ސްރީ ލަންކާއާ ދެމެދު މި މަހު ފެރީގެ ހިދުމަތް ފަށާނެކަން އެ ދެ ގައުމުން އިއުލާނުކޮށްފި އެވެ.

އިންޑިއާ އާއި ސްރީ ލަންކާއާ ދެމެދު މި މަހު ފެރީގެ ހިދުމަތް ފަށާނެކަން އެ ދެ ގައުމުން އިއުލާނުކޮށްފި އެވެ.

އިންޑިއާ އިން ލަންކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންތޯޝް ޖާ، "އިންޑިއާ: ރިފޯމް، ޕަފޯމް، ޓްރާންސްފޯމް" ފޯރަމްގައި މި މަހުގެ ފަސް ވަނަ ދުވަހު ވިދާޅުވެފައިވާ ގޮތުގައި މި ދަތުރުތައް ކުރާނީ އިންޑިއާ ސަރުކާރުން ސަބްސިޑައިޒް ކޮށްގެން އަދި ލަންކާ ސަރުކާރުން ވެސް ލުއިތަކެއް ދީގެން އާންމުންނަށް ފަސޭހަވާނެ ގޮތަށެވެ.

މިއީ އިންޑިއާ އާއި ލަންކާއާ ދެމެދު ދަތުރުފަތުރު ފަސޭހަކޮށް އެކި ދާއިރާތަކުން ގުޅުން އިތުރަށް ބަދަހިކުރުމަށް ފަށާ ދަތުރުތަކެއް ކަމަށް ވެސް ބުނެފައިވެ އެވެ.

ލަންކާގެ ސަންޑޭ އޮބްޒާވާ ނޫހުން އިންޑިއާ ސަފީރާ ހަވާލާދީ ބުނީ މި ހިދުމަތް އަވަހަށް ފެށުމަށް ދެ ގައުމުން ވެސް ވަނީ އެއްބަސްވެފައި ކަމަށާއި އެކަމަކު ދަތުރުތަކުގައި ނަގަން ކުރިން ނިންމާފައިވާ ފީތައް އެކަށީގެންވާ ވަރަށް ވުރެ މާބޮޑު ކަމަށް ފެންނާތީ އެކަން ހައްލުކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ. އެހެންވެ ދަތުރުތަކަށް ސަބްސިޑީ ދޭން ނިންމީ އެވެ.

"އަޅުގަނޑުމެން މިހާރު ވަނީ އެ ނިންމުން ނިންމާފައި،" ވިޔަފާރީގެ ގޮތުން ގެއްލުން ނުވެ ދެކޮޅުޖެހޭ ގޮތަށް ދަތުރުކުރުމަށް ސަބްސިޑީގެ ގޮތުގައި އެތައް މިލިއަން ރުޕީސްއެއް ދޭނެކަން ފާހަގަކުރައްވަމުން ސަފީރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދެ ގައުމުގެ ދެމެދުގައި ފެރީ ފަށަން މަސައްކަތްކުރާތާ އެތައް އަހަރެއް ވެއްޖެ ކަމަށާއި އެކަމަކު މިހާ ހިސާބަށް މިކަމުގައި ކާމިޔާބުވާ ގޮތް ވެފައި ނުވަނީ ކަމަށެވެ. އެކަމަކު މިފަހަރު، މި މަސް ނިމުމުގެ ކުރިން ފެރީ ފެށޭނެ ކަމުގެ އުންމީދު އެބަ އޮތް ކަމަށް ވިދާޅުވި އެވެ.

ލަންކާގައި އެންމެ ފަހުން އޮތް ރާޖަޕަކްސަގެ ވެރިކަމުގައި ޗައިނާއާ ގާތް ގުޅުމެއް ބޭއްވި އިރު ނުލިބޭ އެތައް އެހީއެއް ރަނިލް ވިކްރެމަސިންހާ ވެރިކަމަށް ވަޑައިގެން ފަހުން އަންނަނީ ދެމުންނެވެ. ލަންކާ ބަނގުރޫޓުވެ އަސާސީ ތަކެތި އިމްޕޯޓް ނުކުރެވޭ ހާލަތަށް 2022 ވަނަ އަހަރު ދިޔަ ވަގުތު އެންމެ ކުރިން އެހީވެ ދެ ގައުމުގެ ގުޅުން މިހާރު ވަނީ ވަރަށް ބޮޑަށް ބަދަހިކޮށްފަ އެވެ.