Roadha Mihaaru
ކަޅު ބާޒާރުގައި ޑޮލަރު ވިއްކި ބިދޭސީން ޑީޕޯޓުކުރަނީ

ކަޅު ބާޒާރުގައި ޑޮލަރު ވިއްކަނިކޮށް އަތުލައިގަތް ބިދޭސީން ޑީޕޯޓްކުރަނީ

15 މާޗް 2024

ކަޅު ބާޒާރުގައި ޑޮލަރުގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި އަތްލައިގަތް ބިދޭސީން ރާއްޖެއިން ޑީޕޯޓްކުރަން ނިންމައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ކަޅު ބާޒާރުގައި ޑޮލަރުގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި އަތްލައިގަތް ބިދޭސީން ރާއްޖެއިން ޑީޕޯޓްކުރަން ނިންމައިފި އެވެ.

އިމިގްރޭޝަން ކޮންޓްރޯލަރު ޝަމްއާން ވަހީދު މިއަދު "އެކްސް"ގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ފުލުހުންގެ އެހީތެރިކަމާ އެކު އެ އިދާރާއިން މިދިޔަ ހޮނިހިރު ދުވަހު ހިންގި އޮޕަރޭޝަންގައި ބެލުމުގެ ދަށަށް ގެންދިޔަ ހަތް ބިދޭސީން ރާއްޖެ ނާދެވޭ ގޮތަށް ފޮނުވާލަން ނިންމާފައިވާ ކަމަށެވެ.

އެ އެންމެން ވެސް ހައްޔަރުކުރީ ބީއެމްއެލްގެ ޑޮލަރު އޭޓީއެމް ކައިރިންނެވެ.

އިމިގްރޭޝަނުން އިއްޔެ ނެރުނު ބަޔާނުގައިވާ ގޮތުން އެ މީހުންނަކީ ވެސް ހުއްދަ ނެތި ޑޮލަރުގެ ވިޔަފާރިކުރި މީހުންނެވެ. އޭގެ ތެރޭގައި ސައްހަ ވިސާއެއް ނެތް މީހުންނާއި ވިސާގެ ހުއްދައިގެ ބޭރުން މަަސައްކަތްކުރާ ބިދޭސީން ވެސް ހިމެނޭ ކަމަށް ބުންޏެވެ.

ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ކަޅު ބާޒާރުގައި ޑޮލަރު ވިއްކަމުންދާ ކަމުގެ ޝަކުވާ އަދި ކަންބޮޑުވުން އާއްމުން ފާޅުކުރަމުންދާ ކަމަށް ވެސް، އިމިގްރޭޝަނުން ބުންޏެވެ. އެހެންވެ، މި ސަރުކާރަށް މިވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައި، ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ބަލާ ފާސްކުރުމުގެ އޮޕަރޭޝަންތައް ހިންގައި ގިނަ ބަޔަކު ފުރުވާލަމުން އަންނަ ކަމަށް އިމިގްރޭޝަނުން ބުނެ އެވެ.