Roadha Mihaaru
އިމިގްރޭޝަނަށް ފިލަން ބިދޭސީން ކުޅުދުއްފުއްޓަށް ދަނީ

އިމިގްރޭޝަނަށް ފިލަން ބިދޭސީން ކުޅުދުފުއްޓަށް ދާ މައްސަލަ ބޮޑުވެއްޖެ

28 އޯގަސްޓް 2024

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދައި، ޑީޕޯޓް ކުރުމަށް މޯލްޑިވްސް އިމިގްރޭޝަނުން ބޮޑު އޮޕަރޭޝަނެއް މާލެ ސަރަހައްދުގައި ކުރިއަށް ގެންދާތީ އިމިގްރޭޝަނަށް ފިލަން ބިދޭސީން ހދ. ކުޅުދުފުއްޓަށް ދާ މައްސަލަ ބޮޑުވެއްޖެ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދައި، ޑީޕޯޓް ކުރުމަށް މޯލްޑިވްސް އިމިގްރޭޝަނުން ބޮޑު އޮޕަރޭޝަނެއް މާލެ ސަރަހައްދުގައި ކުރިއަށް ގެންދާތީ އިމިގްރޭޝަނަށް ފިލަން ބިދޭސީން ހދ. ކުޅުދުފުއްޓަށް ދާ މައްސަލަ ބޮޑުވެއްޖެ އެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން އެކި މައްސަލަތަކާ ހެދި 3،322 ބިދޭސީއަކު ވަނީ ޑީޕޯޓުކޮށްފަ އެވެ. މިއީ އެކި ވިޔަފާރިތަކުގައި ގަވައިދާ ހިލާފަށް އުޅެމުން އައި ބިދޭސީންނެވެ.

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ހިންގާ އޮޕަރޭޝަންތައް ފުޅާކުރަން ފެށުމާ އެކު އެމީހުން ފިލުމަށް ކުޅުދުފުއްޓަށް ދާ މައްސަލަ ބޮޑުވެފައިވާ ކަމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން މިއަދު ބުންޏެވެ.

އެ ކައުންސިލްގެ މެމްބަރު އިބްރާހިމް އަހުމަދު "މިހާރު" އަށް ވިދާޅުވީ އެކަން ފާހަގަވީ މި މަހު ގިނަ އަދަދެއްގެ ބިދޭސީން އެރަށަށް އަންނަން ފެށުމުން ކަމަށެވެ.

"މިމަހުގެ ކުރީކޮޅު ވެސް 20 އަށް 30 އަކަށް މީހުން އައިސްފައިވޭ. މިއަދު ވެސް އައި ބޯޓުން 7 ބިދޭސީން އައިސްފި. މިގޮތަށް މާލެއިން ބޯޓުތައް އަންނަ ދުވަސްތަކުގައި ހަމަ ގިނަ އަދަދަކަށް ބިދޭސީން އަންނަ ކަމަށް ފާހަގަ މިވަނީ،"

އޭނާ ވިދާޅުވި ގޮތުގައި މީގެ ތެރޭގައި ގިނައީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ކަމަށް ބޯޓުތަކުން މައުލޫމާތު ދެ އެވެ.

"މިއަދު ވެސް އައި މީހުންގެ ތެރޭގައި ގިނައީ ގަވާއިދާ ހިލާފަށް އުޅޭ މީހުން. މިހާރު ބޯޓު ފުރަން އުޅޭ ގަޑިއަކީ ވަރަށް ލަސް ވަގުތެއްވީމަ ނުބެލޭނެ މި މީހުން އަތުގައި ވިސޯ އާއި ވޯކް ޕާމިޓް އޮތްތޯ ވެސް. އެކަމަކު ބޯޓުތަކުން އެއްބާރުލުން ދޭ އެބަ މިކަމުގައި. އެމީހުން އެ ދަނީ ކައުންސިލާ ހިއްސާކުރަމުން،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ބިދޭސީން އެރަށަށް ގޮސް ތިބެނީ އެމީހުންނާ ގުޅުން އޮންނަ ބައެއްގެ ގާތުގަ އެވެ.

ކުޅުދުއްފުށީގައި މިހާރު ވެސް ބިދޭސީން ހިންގަމުންދާ ވިޔަފާރިތައް ހުރިއިރު، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން މާލެއިން ކުޅުދުފުއްޓަށް ދާ މައްސަލަ ހައްލުކުރުމަށް އެރަށު ސިޓީ ކައުންސިލުން މިއަދު ވަނީ އެ ރަށުގައި ހުންނަ އިމިގްރޭޝަނާއި ފުލުހުންނާ ވެސް ބައްދަލުކޮށް، އެކަން ހައްލުކުރާނެ ގޮތުގެ މަޝްވަރާތައް ކޮށްފަ އެވެ.

"އިމިގްރޭޝަނަށް ވޮޗަށް އެބަ މައުލޫމާތު ހިއްސާކުރެވޭ ރަށްރަށުން ވެސް. މިހާރު އަޅުގަނޑުމެން މި ދަނީ އެކަން ހައްލުކުރަން މަސައްކަތް ކުރަމުން. މިކަން އަތްނުފޯރާ ހިސާބަށް ދިއުމުގެ ކުރިން އަޅުގަނޑުމެން ކައުންސިލުން މިދަނީ އިދާރާތަކާ ގުޅިގެން ހައްލުކުރުމުގެ މަސައްކަތް ކުރަމުން."

އިމިގްރޭޝަނުން މިހާރު ކުރިއަށް ގެންދާ އޮޕަރޭޝަންތަކުގައި ޑީޕޯޓް ކޮށްފައިވާ ބިދޭސީންގެ ތެރޭގައި ގަވާއިދާ ހިލާފަށް ވިޔަފާރިކުރާ މީހުންނާއި ޑޮކިއުމަންޓްތައް ފުރިހަމަ ނޫން މީހުން ގިނަ އަދަދަކަށް ހިމެނެ އެވެ. އަދި ހަށިވިއްކުމުގެ ވިޔަފާރި ފުޅާދާއިރާއެއްގައި ހިންގާ މީހުން ވެސް މިދިޔަ ނުވަ މަސް ތެރޭގައި ރާއްޖެ އިން ޑީޕޯޓްކުރި އެވެ.