Roadha Mihaaru
ތުލުސްދޫ ޕޮލިޓެކްނިކްގެ ބިންގާ އަޅައިފި

ޓޫރިޒަމް ދާއިރާއަށް ހާއްސަކޮށް ތުލުސްދޫގައި ހަދާ ޕޮލިޓެކްނިކް އިމާރާތުގެ މަސައްކަތް ފަށައިފި

18 މާޗް 2024

ހަޔަ އެޑިޔުކޭޝަން މިނިސްޓްރީން ވިލާ އެޑިޔުކޭޝަނަލް ސާވިސްއާ ގުޅިގެން ކ.ތުލުސްދޫގައި އިމާރާތްކުރަން ނިންމާފައިވާ ޕޮލިޓެކްނިކް އިމާރާތުގެ ބިންގާ އިއްޔެ އަޅައިފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ހަޔަ އެޑިޔުކޭޝަން މިނިސްޓްރީން ވިލާ އެޑިޔުކޭޝަނަލް ސާވިސްއާ ގުޅިގެން ކ.ތުލުސްދޫގައި އިމާރާތްކުރަން ނިންމާފައިވާ ޕޮލިޓެކްނިކް އިމާރާތުގެ ބިންގާ އިއްޔެ އަޅައިފި އެވެ.

އިއްޔެ ބޭއްވި ރަސްމިއްޔާތުގައި އެ އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ހަޔަ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ އާއި ވިލާ ކޮލެޖުގެ ރެކްޓާ ޑރ. އަހުމަދު އަންވަރު އެވެ.

އެ ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ މި އިންސްޓްޓިއުޓްގެ ސަބަބުން، ރަށުގެ ޒުވާނުންނަށް އަމިއްލަ ފަސްގަނޑުގައި އާއިލާ އެކު ތިބެގެން އެ ޒުވާނުންގެ ހުނަރު އިތުރަށް ތަރައްގީކޮށް އޭގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމުގެ ފުރުސަތުތައް ފަހިވެގެންދާނެކަމަށެވެ. އަދި އެކަށޭނެ އާމްދަނީއެއް ލިބޭ ވަޒީފާއެއް ހޯދުމަށް ވެސް މަގުފަހިވެގެން ދާނެކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ތުލުސްދޫގައި ތަރައްގީކުރާ ޕޮލިޓެކްނިކްގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ހަޔަ އެޑިޔުކޭޝަން މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ ވާހަކަ ދައްކަވަނީ. -- ފޮޓޯ: ހަޔާ އެޑިއުކޭޝަން

ތުލުސްދޫގައި ތަރައްގީކުރާ ޕޮލިޓެކްނިކްގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ހަޔަ އެޑިޔުކޭޝަން މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ ވާހަކަ ދައްކަވަނީ. -- ފޮޓޯ: ހަޔާ އެޑިއުކޭޝަން

ރާއްޖޭގެ އެކި ސަރަހައްދުތަކަށް އަމާޒުކޮށް މަތީތައުލީމާއި ތަމްރީނު ދޭ މަރުކަޒުތައް ބިނާކޮށް ހިންގުމަށް ކުރިޔަށް ގެންދާ ޕްރޮޖެކްޓުގެ ދަށުން ތުލުސްދޫގެ އެ އިމާރާތް ހާއްސަ ކޮށްފައިވަނީ ވޯޓާ ސްޕޯޓްސް އާއި މެދު ފަންތީގެ ޓޫރިޒަމް ދާއިރާގެ ފަންނީ އެކި ލެވެލްތަކުގެ ކޯސްތައް ހިންގުމަށެވެ. ނަމަވެސް ތަފާތު އެހެން ދާއިރާތަކުން ވޮކޭޝަނަލް ކޯސްތައް ވެސް އެ އިންސްޓިޓިއުޓުގައި ހިންގާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

ޕްރޮޖެކްޓް ނިމޭއިރު:

- ޕޮލިޓެކްނިކުގައި ކިޔަވައިދިނުމަށް ބޭނުންކުރާ އިންސްޓިޓިއުޓްގެ ބައިތަކުގެ އިތުރުން އެކޮމަޑޭޝަންގެ ހިދުމަތް ލިބޭނެ

- އިންސްޓިޓިއުޓްގައި ޓޫރިޒަމްގެ ފަންނީ ތަމްރީނުތައް ދޭނެ

- ދަރިވަރުންނަށް ބޭނުންވާ އަމަލީ ތަޖުރިބާ ހޯދައިދިނުމަށްޓަކައި ޓޫރިސްޓް ފެސިލިޓީއެއް ތަރައްގީކުރާނެ

- ކްލާސް ރޫމްތަކާއި، އައިސީޓީ ލެބޯޓަރީއަކާއި، އޮޑިޓޯރިއަމްއެއްގެ އިތުރުން ލައިބްރަރީއެއް ހުންނާނެ

- އިދާރީ ހިދުމަތްތަކަށް ހާއްސަ އޭރިއާއަކާއި ސްޓާފް ރޫމެއް ހަދާނެ

- ދަރިވަރުންގެ ހިދުމަތްތަކަށް ހާއްސަ އޭރިއާގެ އިތުރުން މީޓިން ރޫމްތަކާއި ސްޓަޑީ ރޫމްތައް ހަދާނެ

- ދަރިވަރުންގެ ސިއްހީ ދުޅަހެޔޮކަމަށް ތަފާތު ކުޅިވަރުތައް ކުޅެވޭނެ އެކްޓިވިޓީ ސެންޓަރުތަކެއް ހުންނާނެ

- ނަމާދުކުރާނެ ތަނަކާއި ފާހަނާ އާއި ލިފްޓާއި ފަސްޓްއެއިޑްގެ ހިދުމަތް ދޭނެ

ތުލުސްދޫގައި ތަރައްގީކުރާ ޕޮލިޓެކްނިކްގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ހަޔަ އެޑިޔުކޭޝަން މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ އާއި މިނިސްޓްރީ އަދި ވިލާ ކޮލެޖްގެ އިސް ވެރިން ބައިވެރިވެ ވަޑައިގަންނަވަނީ-- ފޮޓޯ: ހަޔަ އެޑިއުކޭޝަން

ތުލުސްދޫ ޕޮލިޓެކްނިކަކީ ޕަބްލިކް-ޕްރައިވެޓް ޕާޓްނާޝިޕް އުސޫލުން، އިމާރާތް ކުރުމުގެ މަސައްކަތާއި ހިންގުމުގެ މަސައްކަތް ވިލާ އެޑިޔުކޭޝަނަލް ސާވިސަސްއާ 2022 ވަނަ އަހަރު ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.

އެ ތަން އިމާރާތްކުރަން ތުލުސްދޫ އިން 32،581 އަކަފޫޓްގެ ބިމެއް 50 އަހަރަށް ވަނީ ދީފަ އެވެ. އަދި ވޯޓާ ސްޕޯޓްސް ދާއިރާގެ ތަމްރީނުތަކަށް 1،200 އަކަފޫޓުގެ ބިމެއް ރަށުގެ އަތިރިމަތިން ހަމަޖައްސާފައިވެ އެވެ.