Roadha Mihaaru
ކަށިކޭލުގެ ފޮނި މީރުންކަން މާ ތަފާތު ގޮތަކަށް

ކަށިކޭލުގެ ފޮނި މީރުންކަން މާ ތަފާތު ގޮތަކަށް މި ރަށުން

19 މާޗް 2024

ރަށްރަށުގެ ވަލާއި ޗަސްބިންތަކުގައި ކަށިކޭލަކީ އަދިވެސް ތިޔާގި އެއްޗެކެވެ. އެކަމަކު މި މޭވާގެ ފޮނި މީރުކަމާއި އުފާ ލިބިގަންނަނީ މަދު މީހެކެވެ. ށ. މަރޮށި، މުހައްމަދު އަބްދުއްރަހްމާން އަކީ ބަޔަކަށް މި އުފާވެރިކަން ގެނެސްދިނުމުގައި މެދުވެރިއެކެވެ.

އިފްރާޒް އަލީ ށ. މަރޮށިން އިފްރާޒް އަލީ

ރަށްރަށުގެ ވަލާއި ޗަސްބިންތަކުގައި ކަށިކޭލަކީ އަދިވެސް ތިޔާގި އެއްޗެކެވެ. އެކަމަކު މި މޭވާގެ ފޮނި މީރުކަމާއި އުފާ ލިބިގަންނަނީ މަދު މީހެކެވެ. ށ. މަރޮށި، މުހައްމަދު އަބްދުއްރަހްމާން އަކީ ބަޔަކަށް މި އުފާވެރިކަން ގެނެސްދިނުމުގައި މެދުވެރިއެކެވެ.

މުހައްމަދަކީ މި ރަށުގައި ކަށިކެޔޮ ހިލައިގެން ހަކުރު ތައްޔާރުކުރާ މީހެކެވެ.

ކަށިކޭލު ހަކުރު ތައްޔާރުކުރާ ށ. މަރޮށި، މުހައްމަދު އަބްދުއްރަހްމާން "މިހާރު" އަށް އިންޓަވިއު ދެނީ: އޭނާ މި މަސައްކަތްކުރާތާ ތިން އަހަރުވެއްޖެ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ކަށިކޭލު ހަކުރު ތައްޔާރުކުރާ ށ. މަރޮށި، މުހައްމަދު އަބްދުއްރަހްމާން "މިހާރު" އަށް އިންޓަވިއު ދެނީ: އޭނާ މި މަސައްކަތްކުރާތާ ތިން އަހަރުވެއްޖެ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އާމްދަނީ ހޯދަން އޭނާ މިހާރު ކުރަނީ މި މަސައްކަތެވެ.

މި ރަށު ވަލުގައި ކަށިކެޔޮ ގަސްތައް ބޯކޮށް އޮވެ އެވެ. އާންމުކޮށް ހުންނަނީ މާކަށިކޭލާއި މެދުކަށިކެޔޮ ގަހެވެ. މި ހަކުރު ތައްޔާރުކުރަން މުހައްމަދު ބޭނުންކުރަނީ މެދުކަށިކޭލެވެ.

ކުރިން ވެސް މި ރަށުގައި ބައެއް މީހުން ކަށިކޭލުން ހަކުރު ތައްޔާރުކޮށް އުޅުނެވެ. ނަމަވެސް، ވަކި ހިސާބަކުން އެކަން ކުރި މީހުން މި މަސައްކަތް ހުއްޓާލީ އެވެ. މުހައްމަދު މި މަސައްކަތް ކުރާތާ މިހާރު ތިން އަހަރު ވެއްޖެ އެވެ.

"މި މަސައްކަތް ފެށުނު ގޮތަކީ ވަލުތެރޭގައި ކަށިކެޔޮ މާ ގިނައިން އޮންނަތަން ފެނި ހިތަށް އެރީ ރަނގަޅު ކަމެކޭ މީ ކުރަން،" އޭނާ ކިޔައިދިނެވެ.

މުހައްމަދު ކަށިކޭލު ހަކުރު ތައްޔާރުކުރަން ކަށިކެޔޮ މަޑުކުރުމަށް ފަހު އޭގެ ދިޔަ ފެލަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

މުހައްމަދު ކަށިކޭލު ހަކުރު ތައްޔާރުކުރަން ކަށިކެޔޮ މަޑުކުރުމަށް ފަހު އޭގެ ދިޔަ ފެލަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ކަށިކޭލު ހަކުރު ތައްޔާރުކުރާ ގޮތް ވެސް އޭނާ ކިޔައިދިނެވެ.

ވަލުން ކަށިކެޔޮ ކަނޑައިގެން ގެނެސް ފުރަތަމަ ކުރާ ކަމަކީ އެ ރޫޅައި ވަޅިއަކުން ކުރަ ނަގަނީ އެވެ. އޭގެ ބޭނުމަކީ ކަށިކޭލުގެ ބޭރުގައި ހުންނަ ހުރިހާ ހަޑި ބައެއް ދުއްވާލައި އެ ދޮވެ ރަނގަޅަށް ސާފުކުރުމެވެ. ފެނަށް ލައިގެން ރަނގަޅަށް ދޮވުމަށް ފަހު، ދެން ކަށިކެޔޮ ކުދިކޮށް ކޮށަނީ އެވެ. އަދި ކޮށާފައި ހުރި ކަށިކެޔޮ ތެއްޔަކަށް އަޅައި މަޑުކުރަން އުދަނީ އެވެ.

މި މަޑުކުރަން ވަރަށް ގިނައިރު ހޭދަވެ އެވެ.

"މަޑުވީމަ އިރުގަނޑަކު ބަހައްޓައިފައި ދެން އެ ދިޔަގަނޑު ފުރޭންޔަކަށް އަޅައިގެން ފުރާނަނީ، ކަށިކޭލުގައި ހުންނަ ނަރު ބައި ވަކިކުރަން،" އޭނާ ބުންޏެވެ.

މުހައްމަދު ތައްޔާރުކުރާ ކަށިކޭލު ގުޅަ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

މުހައްމަދު ތައްޔާރުކުރާ ކަށިކޭލު ގުޅަ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ދެން އެ ފެންގަނޑު އެހެން ތެއްޔަކަށް އަޅައި އޮލަކުރަން އުނދަނީ އެވެ.

"މި ކައްކަން އެއްދުވަހު ހަތަރު ދަމު ދާނެ،" އޭނާ ބުންޏެވެ.

"ދިޔާހަކުރާ މިޔާ ހުންނާނެ ތަފާތަކީ މީގައި ހުންނާނީ ކުޑަ ހުތްފޮނި ރަހައެއް."

މުހައްމަދު ބުނީ ގިނަ މީހުންނަށް މި ކަމުދަނީ ޖޭމެއް ގޮތަށް ރޮށި ނުވަތަ ޕާނާ ޖައްސައިގެން ކާން ކަމަށެވެ.

ކަށިކޭލު ހަކުރު ފުޅިއެއް އޭނާ ވިއްކަނީ 150ރ. އަށެވެ.

ކަށިކެޔޮ މަޑުކޮށް އޭގެ ދިޔަގަނޑު ނެގުމަށް ފަހު ބާކީވާ ބައި ވެސް އުކާނުލަ އެވެ. އެ ބައި ހިއްކަނީ އެވެ. އަދި ހިއްކުމަށް ފަހު އެއާއި ގަބުޅިޔާއި ހަކުރު އެއްކޮށް މޮޑެގެން ގުޅަ ހަދައިގެން ވިއްކަނީ އެވެ. މިވެސް ވަރަށް މީރު އެއްޗެކެވެ.

މުހައްމަދު ތައްޔާރުކުރާ ކަށިކޭލު ގުޅަ ވިއްކަން ޕެކެޓުގައި ބަންދުކޮށްފައި.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

މުހައްމަދު ތައްޔާރުކުރާ ކަށިކޭލު ގުޅަ ވިއްކަން ޕެކެޓުގައި ބަންދުކޮށްފައި.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

މުހައްމަދު ތައްޔާރުކުރާ ކަށިކޭލު ހަކުރާއި ގުޅަ މި ވަގުތު މާކެޓްކުރަނީ ރަށަށް އެކަންޏެވެ.